Supreme Court akee gaanoon asaasee ge beleniveriyaa eh noon: MP Hisaan
image
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ސުޕްރީމް ކޯޓަކީ ގާނޫނު އަސާސީގެ ބެލެނިވެރިޔާއެއް ނޫން: މެމްބަރު ހިސާން

ސުޕްރީމް ކޯޓަކީ ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ބާރުތައް ހަނި ކުރި ކަމަށް ބުނެ މަޖިލިސް ތަޅުމަށް ހުށަހެޅި ގަރާރަކަށް މިއަދު ހެނދުނު ބަހުސް ކުރައްވަމުން ހިސާން ވަނީ ވަރަށް ބޮޑަށް ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެފަ އެވެ.

އެ ގަރާރަކީ ސުޕްރީމް ކޯޓުން އެޗްއާރްސީއެމް ގެ ބާރުތައް ނިގުޅައިގަތްއިރު، އެ ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި އިންނެވި، އަދި މިހާރު ހިންނަވަރު ދާއިރާގެ މެމްބަރިން ޖީހާން މަހްމޫދު ހުށަހެޅުއްވި ގަރާރެކެވެ.

ގަރާރަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ށ ގައި، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ބުނެފައި ވިޔަސް ގާނޫނު އަސާސީގައި ހަމައެކަނި އޮތީ އެމާއްދާ ނޫން ކަމަށެވެ. ރާއްޖޭގެ ޝަރުއީ ނިޒާމާއި ޝަރުއީ ބާރުތަކާ ގުޅޭ ގޮތުން ގާނޫނު އަސާސީގައި އޮތް ހަމައެކަނި މާއްދާއަކީ ވެސް 141 ވަނަ މާއްދާގެ ށ ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ސުޕްރީމް ކޯޓަކީ ހުރިހާ ކަމެއްގައި ފަހު ބަސް ކިޔަން އޮތް ތަނެއް ނޫން ކަމަށާއި، އެ ކޯޓަކީ ގާނޫނު އަސާސީގެ ބެލެނިވެރިއެއް ނޫން ކަމަށެވެ.

"ސުޕްރީމް ކޯޓަކީ ދުނިޔެވީ ހުރިހާ ކަމެއްގައި ފަހު ބަސް ބުނަން އޮތް ތަނެއް ނޫން. ސުޕްރީމް ކޯޓަކީ ގާނޫނު އަސާސީ ބުނާ ގޮތުން، ގާނޫނު އަސާސީގެ ބެލެނިވެރިޔާ އެއްވެސް ނޫން. ސުޕްރީމް ކޯޓަކީ އެއްވެސް ތަނެއްގެ ބެލެނިވެރިއެއް ނޫން ހަގީގަތުގައި،" ހިސާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެހެން މުއައްސަސާތަކާ އެއް ފަދައިން ގާނޫނީ އިމުގެ ތެރޭގައި ހިމެނިފައިވާ މުއައްސަސާއެއް ކަމަށް ހިސާން ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ ބާރުތައް ސުޕްރީމް ކޯޓުން ނިގުޅައިގަނެފައިވާ ފަދައިން، ދައުލަތުގެ އެހެން އެތައް މުއައްސާތަކެއްގެ ބާރުތައް ވެސް އެ ކޯޓުން ނިގުޅައިގަނެފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ މަޖިލީހުން ނިންމާ ނިންމުންތަކަށް އެންމެ ފަހު ބަސް ކިޔުމަކީ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިފައި އޮންނަ ބާރެއް ނޫން ކަމަށާއި އެ ކޯޓަށް ލިބިފައި އޮންނަ ހަމައެކަނި ބާރަކީ މަޖިލީހުން ފާސް ކުރާ ގާނޫނުތަކުގެ މާއްދާއެއް ނުވަތަ ގާނޫނުން ބައެއް، ގާނޫނު އަސާސީ އާ ހިލާފުވޭތޯ ބެލުން ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ސުޕްރީމް ކޯޓުގެ މިސްރާބް ހުރީ "ޖުޑީޝަލް ޑިކްޓޭޓާޝިޕަކާ" ދިމާލަށް ކަމަށް ހިސާން ވިދާޅުވި އެވެ. އެގޮތުން 2008 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ ބ ބާތިލްކޮށް، އެ މާއްދާއިން ލިބިފައި ހުރި ބާރުތައް ސުޕްރީމް ކޯޓަށް ނަގާފައިވާކަން ފާހަގަކުރެއްވި އެވެ.

ހިސާން ވިދާޅުވީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ ބާރު ކަނޑުވާލާ، ސުޕްރީމް ކޯޓުން އެހިނދަކު ނަގަން ބޭނުންވި ބާރެއް ނަގަމުން ދިޔުމުގެ ނަތީޖާއަކީ ދައުލަތުގެ މުއައްސަސާތަކަށް ލިބިދޭން ޖެހޭ ބާރުތައް ނެތުމުން އެ މުއައްސަސާތައް އެންމެ އެދެވޭ ގޮތުގައި ނުހިންގުން ކަމަށެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ހުކުމްތަކަށް މުއައްސަސާތަކުން ތަބާވާކަށް ނުޖެހެނޭ ކަމަށާއި، އެ ހުކުމް ތަކަށް އަމަލު ކުރުމަކީ ގޯހެއް ކަމަށް ހިސާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އެފަދައިން ކޮށްފައިވާ ހުކުމްތައް ދިރާސާ ކޮށް ގާނޫނީ އިމުގެ ތެރެއިން އެކަންތައް އިސްލާހު ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް މިއަދު ޖަލްސާގައި ހިސާން ވަނީ ގޮވާލައިފަ އެވެ.
ހިޔާލު

ސަފަރުކައްދަ

އާނ.. ގާނޫނު އަސާސީގެ ބެލެނިވެރިޔަކީ ކަލޭ..

މެކް

ބެލެނިވެރި ފަރާތަކީ ﷲ ތިޔަބައިހުންނަށް އެކަން ނޭންގެނީހެއްޔެވެ