Aniyaa kuri fuluhunnaa medhu ves amalu kuraanee insaafun: Minister Imran
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: ޕީއެސްއެމް ނިއުސް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

އަނިޔާ ކުރި ފުލުހުންނާ މެދު ވެސް އަމަލު ކުރާނީ އިންސާފުން: މިނިސްޓަރު އިމްރާން

މަސްތުވާތަކެތީގެ އޮޕަރޭޝެނެއްގެ ތެރެއިން ފުލުހުން މީހަކަށް އަނިޔާ ކުރި މައްސަލާގައި އެއްވެސް ފުލުހަކާ މެދު ނާއިންސާފުން އަމަލު ނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ކުލަ ހެދުމުގައި ތިބި ފުލުހުންގެ ބަޔަކު، ގެއަކަށް ވަދެ މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ އާއްމުވުމާއެކު، ޕޮލިސް ކޮމިޝަނަރު ވަނީ އެމީހުން ސަސްޕެންޑުކޮށްފަ އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަތް ފުލުހަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އެކަމަކު ބައެއް ފުލުހުން އެކަމާ މެދު ހިތްހަމަނުޖެހި ސޯޝަލް މީޑިއާގައި ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.

އެގޮތުން އެ ފުލުހުންގެ ޕްރޮފައިލް ފޮޓޯ ކަޅު ކުލައަށް ބަދަލު ކުރަމުން ދަނީ "ޑީއީޑީ" ނުވަތަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއެކު ތިބިކަން ހާމަކުރަން ކަމަށް ސޯޝަލް މީޑިއާގައި ބުނެފައި ވެއެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމައްސަލައާ ގުޅިގެން 30 މިނެޓުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ހަމީދު ފިޔަވަޅު އެޅުއްވި ކަމަށެވެ. އަދި ލަސްނުވެ ކަމާ ބެހޭ ފަރާތްތަކަށް އެކަން އެންގެވި ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުން، އަބަދު ވެސް އަނިޔާ އާއި ނާއިންސާފަށް ދެކޮޅުވާނެކަން ފާހަގަކުރައްވާ އިމްރާން ވަނީ އޮފިސަރުންނާ މެދު ވެސް ނާއިންސާފުން އަމަލުނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހުކުރު ދުވަހުގެ ރޭ 07:35 ހާއިރު ހިންގި އޮޕަރޭޝަނުގައި މ. އުޖާލާގެ ބަލާފާސްކޮށް އެގެއަށް އައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާކޮށްފައި ވެއެވެ.

އެ މައްސަލަ މިހާރު ތަހުގީގުކުރަމުން ދާއިރު އަނިޔާކުރި ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ވަނީ ނިންމާފަ އެވެ.

މައްސަލަ ތަހުގީގު ކުރެވެމުން ދަނިކޮށް އެ އަމަލު ހިންގީ ވަކި ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯ ޖަހާފައި ވާތީ ފުލުހުން އެކަން ކުށްވެރި ކުރި އެވެ. އަދި ދޮގު މައުލޫމާތު ނުފެތުރުވުމަށް އެދުނެވެ.
ހިޔާލު

ހުގޯ

ތީ ބޭއިންސާފަށް ލޯބި ކުރާ ގޮލައެއް. އަމަލާ ބަހާ ދިމާނުވުމަކީ ހަލާކު