Mahaajarraafu: MTCC ge emme bodu kanboduvun!
image
މަހާޖައްރާފު-- ފޮޓޯ: އެމްޓީސީސީ
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

މަހާޖައްރާފު: އެމްޓީސީސީ ހިއްސާދާރުންގެ އެންމެ ބޮޑު ކަންބޮޑުވުން!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާެއމު ޖަލްސާ ރޭ ބާއްވާފާވިއިރު ހިއްސާދާރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކުންފުނީގެ ކޮންނަ ބޯޓު މަހާޖައްރާފެވެ.
އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ބިން ހިއްކުމުގެ ދާއިރާއިން ކުންފުންޏަށް ކުރިމަތިވެފައިވާ ބޮޑު ގެއްލުމަކީ މަހާޖައްރާފް ގަތުމަށް ނަގާފައިވާ ލޯން ފައިނޭންސް ކުރުމަށް ހަރަދު ބޮޑުވި ނަމަވެސް ކުޑަ އަގުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހުމެވެ.

ޖުމްލަ 36 މިލިއަން ޑޮލަރު ހޭދަކޮށްގެން ގެނައި މަހާޖައްރާފުގެ މައްސަލައާ ގުޅިގެން ރޭގެ ޖަލްސާގައި ކުންފުނީގެ ހިއްސާދާރުން ވަނީ ޑިރެކްޓަރުންނާ ސުވާލުތައް ކުރިމަތިކޮށްފަ އެވެ.

މަހާޖައްރާފުގެ މައްސަލާގައި އެންމެ ބޮޑު ކަންބޮޑުވުމަކީ އުޅަނދު ބަންނަން އެމްޓީސީސީން ބޮޑު ލޯނެއް ނަގައި، ރާއްޖޭން ބޭރުގައި އެ އުޅަނދު ރަޖިސްޓްރީކޮށްފައި ވުމެވެ. މާޝަލް އައިލެންޑްސް ގައި އޭތި ރަޖިސްޓްރީ ކުރީ ފައިނޭންސް ކުރި ކުންފުނީގެ އެދުމުގެ މަތިންނެވެ. އަދި ރަޖިސްޓްރީ ބަދަލު ކުރެވެން އޮތީ ލޯނު ނިމުމުންނެވެ.

މަހާޖައްރާފު ބަނުމުގައި ކޮރަޕްޝަނުގެ އަމަލުތައް އުޅޭކަމަށް ތުހުމަތުކޮށް އެ މައްސަލާގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅުތައް އެޅުމަށް ގޮވާލާ، ހިއްސާދާރާކު ވަނީ މިނިވަން ކޮމިޓީއަކުން އެކަން ތަހުގީގު ކުރުމަށް ހުށަހަޅާފަ އެވެ.

މި އަހަރު ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަށް ކުރިޔަށް އޮތުމާއެކު މަހާޖައްރާފު ބޭނުންކޮށްގެން ހިންގާ މަޝްރޫއުތައް ގިނަ ވާނެ ކަމަށް އެމްޓީސީސީއިން ބުނެފައި ވެއެވެ.

މިދިޔަ އަހަރު ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުން 224 މިލިއަން ރުފިޔާ އެމްޓީސީސީ އަށް ލިބިފައިވާއިރު އެއީ ކުންފުނީގެ ޖުމްލަ އާމްދަނީގެ 17.41 ޕަސެންޓެވެ. އަހަރި ރިޕޯޓަށް ބަލާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 149.32 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްޓީސީސީން ބުނެފައިވަނީ އެކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ދަތުރުފަތުރުގެ ދާއިރާ އިން ކަމަށެވެ. މިދިޔަ އަހަރު ދަތުރުފަތުރުގެ ދާއިރާއިން 81 މިލިޔަން ރުފިޔާގެ ގެއްލުން ވެފައި ވެއެވެ.

މިދިޔަ އަހަރު ޓެކްސަށް ކެނޑުމަށްފަހު އެމްޓީސީސީގެ ސާފު ފައިދާއަށް ލިބިފައިވަނީ 34.27 މިލިއަން ރުފިޔާ އެވެ. އެއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 76.6 އިންސައްތަ ދަށް އަދަދެކެވެ. 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 145 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. 2018 ވަނަ އަހަރުގެ ފައިދާ އަކީ މި އަދަދަށް ބަލާއިރު 111 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ހިޔާލު

ހުޅުނބު

ދުނިޔޭގެ އެންމެ ގިނައިން ބިންހިއްކާ ގައުމުތައް ޑެންމާކު ޗައިނާ މެދުއިރުމަތި އާސިއާން.. ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތައް އެމެރިކާ އީޔޫ ޗައިނާ ޖަޕާން ޖަރުމަނު ... ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތައް ރަޝިއާ ކެނެޑާ އޮސްޓްރޭލިއާ ޗައިނާ އިންޑިއާ... މިއިން އެއްވެސް ގައުމެއްގައި ތިވަރުގެ ޖައްރާފާއެއް ނުގެންގުޅެވުނުއިރު އިނގިރޭސިފިލްމު ބަލައިގެން ދެބޯހަމަނުވާ ގައުމަކަށް ތިއެއްޗެއް ގެނައިބަޔަކާ ސުވާލުކުރަންވީނޫންތޯ.