Eh hafthaa therey 74 meehun influenza ah positive!
image
އައިޖީއެމްއެޗް--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެއް ހަފްތާ ތެރޭ 74 މީހުން އިންފްލުއެންޒާ އަށް ޕޮޒިޓިވް!

މިދިޔަ ހަފްތާގައި އެކަނިވެސް 74 މީހުން އިންފްލުއެންޒާ އަށް ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ސީއެންއެމްއަށް މައުލޫމާތު ދިން އެޗްޕީއޭގެ އޮފިޝަލަކު ބުނީ އޭގެ ތެރޭގައި ހިމެނެނީ އިންފްލުއެންޒާ ބީގެ 67 މައްސަލަ ކަމަށާއި އެންފްލުއެންޒާގެ ހަތް މައްސަލަ ކަމަށެވެ.

އޭގެ އިތުރުން މިހާރު މި ހިނގަމުންދާ ހަފްތާގެ ތެރޭގައި މިހާތަނަށް އިންފްލުއެންޒާގެ 12 މައްސަލަ ވަނީ އައިސްފަ އެވެ. އެއީ އިންފްލުއެންޒާ އޭގެ ހަ މައްސަލަ އާއި އިންފްލުއެންޒާ ބީގެ ހަ މައްސަލަ އެވެ.

"ވަރަށް މަދު ސާމްޕަލެއް އަތޮޅު ތެރެއިން ލިބިފައި މިއިނީ. އެހެންވީމާ ބޮޑަށް ހަމަ ފޯކަސް ވަނީ މާލެއަށް،" އެޗްޕީއޭ އިން ބުންޏެވެ.

އަރިދަފުސް ރޯގާއަށް ބަލާއިރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރާ މިންވަރު ވެސް ވަނީ އިތުރުވެފައި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 216 މީހަކު އިންފްލުއެންޒާ އަށް ޓެސްޓް ކުރިއިރު ޕޮޒިޓިވް ވެފައި ވަނީ 99 މީހުންނެވެ.

އަދި އޭގެ ކުރިން މޭ މަހު 60 މީހުން ޓެސްޓު ކުރިއިރު ހަ މީހުން ވަނީ އިންފްލުއެންޒާ އަށް ޕޮޒިޓިވް ވެފައެވެ. މިއަހަރުގެ މިހާތަނަށް 675 މީހުން ޓެސްޓު ކުރިއިރު، 144 މީހުންވަނީ ޕޮޒިޓިވް ވިއެވެ.

މިދިޔަ ހަފްތާގައި ހެލްތު މިނިސްޓްރީ އަދި އެޗްޕީއޭ އިން ވެސް ވަނީ އިންފްލުއެންޒާ ހަލުވި ކަމާއެކު ފެތުރެމުން ދާތީ ވެކްސިން ޖެހާ، ރައްކާތެރިވެ ތިބުމަށް އެދިފަ އެވެ.

އިންފްލުއެންޒާ އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. އޭގެ ތިން ވައްތަރެއް ވެއެވެ. އެއީ އިންފްލުއެންޒާ އޭ، ބީ އަދި ސީ އެވެ.

  • އިންފްލުއެންޒާ އޭ: ޖަނަވާރުންގެ ގަޔަށް އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބައްޔެވެ.

  • އިންފްލުއެންޒާ ބީ: އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ވައިރަސް އެރުމުން ޖެހޭ ބަލި. މިއީ މޫސުމީ ގޮތުން ފެތުރޭ ވައިރަހެކެވެ. މިއީ އެންމެ ނުރައްކާތެރި ވައްތަރެވެ.

  • އިންފްލުއެންޒާ ސީ: މިއީ އާދައިގެ ރޯގާއެއް ގޮތަށް ޖެހޭ، މި ބާވަތުގެ އެންމެ ނުރައްކާ ކުޑަ ވައްތަރެވެ.


  • އިންފްލުއެންޒާގެ ސަބަބުން ރާއްޖޭގައި މީހުން ވެސް މަރުވެފައިވެ އެވެ. އެގޮތުން 2017 ވަނަ ހަ މީހުން މަރުވި އެވެ.
    ހިޔާލު