BREAKING: Raees Yameen adhi Azima buraasfathi dhuvahu court ah haaziruvaan angaifi!
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން (ވ) އަދި އާޒިމާ ޝަކޫރު--
0 ކޮމެންޓް
 

ރައީސް ޔާމީނާއި އާޒިމާ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި

މަނީ ލޯންޑަރިންގެ މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވެރިކަމުގައި ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އާޒިމާ ޝަކޫރު، އަންނަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ޗިޓު ފޮނުވައިފި އެވެ.
އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ޗިޓު ފޮނުވާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން އެމަނިކުފާނުގެ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލާގަ އެވެ.

އެ މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް މަނީ ލޯންޑަރިން ދައުވާ އުފުލާ ޝަރީއަތް ހިންގަމުންދާއިރު، މީގެ ކުރިން އޮތް އަޑުއެހުންތަކުގައި ރައީސް ޔާމީން ވަނީ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އެނގިފައިވާ ގޮތުގައި އެމަނިކުފާނަށް މިއަދު އަންގާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު 11:30 އަށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށެވެ.

އޭގެ އިތުރުން ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އާޒިމާއަށް ޗިޓު ފޮނުވިއިރު އޭނާގެ މައްޗަށް ކުރަނީ ރައީސް ޔާމީނާ ގުޅުން ހުރި މައްސަލައެއްގައި ކަމާ ބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށާއި، މަނީ ލޯންޑާ ކުރަން އެހީވެ ދެއްވި ކަމުގެ ދައުވާ އެވެ.

ޗިޓު ލިބިވަޑައިގެންނެވިކަން ހާމަކޮށް އާޒިމާ ވަނީ އޭނާ އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި ކޯޓުގެ އެދިވަޑައިގަތުމާ އެއް ގޮތަށް ކޯޓަށް ހާޒިރުވާނެ ކަމަށް ބައެއް މީޑިއާތަކަށް ވިދާޅުވެފަ އެވެ. އާޒިމާގެ މައްޗަށް ފެބްރުއަރީ މަހު ދައުވާ އުފުލި ފަހުން ކޯޓުން ވަނީ އޭނާއަށް ޗިޓު ހަވާލުކުރެވޭ ގޮތް ނުވެފަ އެވެ.

އެގޮތުން ފެބްރުއަރީ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އާޒިމާގެ މައްސަލައިގެ ލިޔުންތަކާއި ޗިޓު ހަވާލުކުރަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އޭރު އާޒިމާ ރާއްޖޭގައި ނޫޅުއްވާތީ އެ ތަކެތި ހަވާލު ކުރެވިފައެއް ނުވެ އެވެ. އާޒިމާ ރާއްޖެ އެނބުރި ވަޑައިގެންނެވި ފަހުން މިހާރު މަހެއްހާ ދުވަސް ވަނީ ވެފަ އެވެ.

އާޒިމާ ރާއްޖޭގައި އުޅޭއިރު ޗިޓު ހަވާލުނުކުރެވި އޮވެގެން ނުވާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި އެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވެސް ވަނީ އެކަން ބެލުމަށް ގޮވާލައްވާފަ އެވެ.
ހިޔާލު