MMPRC hiyaanaathuga BML ge 38 muvazzafaku baiverivi kamuge thuhumathu
image
ބީއެމްއެލް-- ފޮޓޯ: އެމްބީއާރް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބީއެމްއެލްގެ 38 މުވައްޒަފަކު ބައިވެރިވި: އޭސީސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 38 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު އެކަން ހާމަކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް އޭސީސީ މެމްބަރުން ހާޒިރުކޮށް ސުވާލު ކުރުމުންނެވެ. މުއައްވިޒު ވިދާޅުވީ ބީއެމްއެލް އިން މިމައްސަލައި ގައި ޝާމިލްވެފައި ވަނީ ކިހާވަރަކަށްތޯ އެކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

އަދި ތަހުގީގު ކުރިއަށް ގެންދަނީ ބީއެމްއެލްގެ ވަކި ގިންތިއަކަށް އަމާޒު ކުރުމުގެ ބަދަލުގައި ހުރިހާ ގިންތިއަކަށް އަމާޒުކޮށްގެން ކަމަށް މުއައްވިޒު ރަޝީދު ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ނަމުގައި ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް ގެ އެކައުންޓްތަކަށް ޖަމާކުރުމުގައި ޝާމިލްވި ބީއެމްއެލްގެ 38 މުވައްޒަފަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އޭސީސީން މިހާރު ދަނީ އެމީހުންގެ ބަޔާން ނަގަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމުގައި ޝާމިލްވި ބީއެމްއެލްގެ މުވައްޒަފުންގެ ތަފްސީލް އޭސީސީން ހާމަކޮށްފައި ނުވިޔަސް އެ ކޮމިޝަނުން ބުނެފައި ވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ބީއެމްއެލްގެ އެކި ގިންތިތަކުގެ މުވައްޒަފުން ޝާމިލްވެފައިވާ ކަމަށެވެ.

އަދި ބީއެމްއެލް ގެ ބައެއް އިސް ފަރާތްތައް ވެސް ތަހުގީގަށް ހާޒިރުކޮށް ބަޔާން ނަގަމުންދާ ކަމަށާއި ތަހުގީގު އެއްކޮށް ނިންމާލުމުން ބީއެމްއެލްގެ ބައިވެރިވުން އޮތް ވަރެއް ހާމަވެގެން ދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ބީއެމްއެލުން އެމްއެމްޕީއާރްސީގެ ޗެކްތަކެއް އެސްއޯއެފަށް ޖަމާކުރަމުންދާކަން އެމްއެމްއޭގެ ސަމާލު ކަމަށް ގެނައި ކަމަށާއި ނަމަވެސް އެކަން ކޮށްފައިވަނީ ޗެކްތައް ޖަމާކޮށް ދިނުމަށްފަހު ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

އެސްއޯއެފްގެ އެކައުންޓަށް ބީއެމްއެލުން ޗެކްތައް ޖަމާކޮށްފައި ވަނީ އެންޑޯސްމަންޓް ފުރިހަމަ ނުވަނީސް ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލާގައި 1.4 ބިލިއަން ރުފިޔާ ވަނީ އެކި އެކައުންޓްތަކަށް ޖަމާކޮށްފަ އެވެ. އަދި މި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުވާކޮށް، ކުށް ވެސް ސާބިތުވި އެވެ.
ހިޔާލު