Yageenaa gaathah hoadhaigen ves nugenevunu Luthfee miadhu eheree Dhivehi fasganduga!
image
އަންގާރަ ދުވަހުގެ ރޭ އަބްދުﷲ ލުތުފީ ރާއްޖެ އައިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: ޕީއެސްއެމް ނިއުސް
ސާޔާ އަހްމަދު
3 ކޮމެންޓް
 

"ޔަގީނާ ގާތަށް" ހޯދައިގެން ވެސް، ނުގެނެވުނު ބާޢީ ލުތުފީ މިއަދު އެހުރީ ދިވެހި ފަސްގަނޑުގައި!

އެއީ ރާއްޖޭގެ ވޯންޓެޑް ލިސްޓުގެ އެންމެ ކުރީގައި އިން ނަމެވެ. އޭނާގެ ބޮލަށް ސަރުކާރުން އޮތީ 10،000 އެމެރިކާ ޑޮލަރު ހުށަހަޅައިފަ އެވެ. ދިވެހި ފުލުހުން އޭނާ ހޯދަން މަސަކަތް ކުރާތާ ނުވަ އަހަރުވެއްޖެ އެވެ. މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު، ކޮޅުނބުގައި ހުންނަ ރާއްޖެ އެމްބަސީއަށް އަމިއްލައަށް ވަދެ އަމާން ދިނުމުގެ ކުރިން ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ގެނައުމަށް ތިން ޕޮލިސް ކޮމިޝަނަރުން މަސައްކަތްކޮށް، އެކަމަށް ވަނީ ނުކުޅެދިފަ އެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ކުށްވެރިޔާ، ބާޢީ އަބްދުﷲ ލުތުފީ އިންޑިއާއަށް ބޭސްފަރުވާ ފޮނުވުމުން ފިލީ މީގެ ނުވަ އަހަރު ކުރިންނެވެ. ލުތުފީ ހޯދަން ކުރި މަސައްކަތަކުގެ ތެރެއިން އިންޑިޔާއިން އޭނާ ފިލައިގެން ދިޔައީ ސިލޯނަށްކަން ސަރުކާރަށް އެނގުނެވެ. ލުތުފީ ފިލައިގެން އުޅުނުއިރު ކިޔައިން އުޅުނު ބައެއް ނަންތައް ވެސް ފުލުހުންނަށް އެނގުނެވެ. އޭނާ ދިރިއުޅުނު ތަންތަން ވެސް "ޔަގީނާ ގާތަށް" ހޯދި އެވެ. ނުހޯދުނީ ލުތުފީ އެވެ.

އަންގާރަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ ރާއްޖެ ގެނެސް ޖަލު ގޮޅިއެއްގައި ހައްޔަރު ކުރިއިރު އޭނާ ހޯދުމުގައި އިހުމާލުވެފައިވާ ކަމަށް ފުލުހުން އަމިއްލައަށް ވަނީ މިދިޔަ ޖޫން މަހު އެއްބަސްވެފަ އެވެ. ފުލުހުން ބުނެފައި ވަނީ "އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖަހޭ ފިޔަވަޅުތައް އެއިރު ނާޅާ" އޮތް ކަމަށެވެ.

މެއި އެކެއްގައި ލުތުފީ ސަރުކާރުގެ ބެލުމުގެ ދަށަށް ދިޔަ ފަހުން، ވީ އެންމެ އަވަހަކަށް އޭނާ ރާއްޖެ ގެނައުމަށް ގޮވައި އެންމެ އަޑުގަދަކޮށްފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެކަމަކު ކުއްލި ހައިރާން ކަމެއް ލިބުނީ މިހާރު މިނިސްޓަރު އިމްރާން އަބްދުﷲ، ބާޢީ ލުތުފީ މައްސަލައިގައި އުމަރު އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެއްވުމުންނެވެ.

ލުތުފީގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުން އިމްރާން ވިދާޅުވެފައި ވަނީ ލުތުފީ ހުރިތަން އެނގިގެން ހައްޔަރު ކުރުމުގެ އެންމެ ފަހު މަރުހަލާއަށް ވެސް ދިޔަ ކަމަށެވެ. ނަމަވެސް ލުތުފީ ހައްޔަރު ކުރުމުގެ ހުރަހަކަށް މެދުވެރިވީ އުމަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް އޭރުގެ ހޯމް މިނިސްޓަރުގެ އެޕްރޫވަލް އެއް ނުލިބިގެން އެކަންކަން ނުވެގެން ދިޔަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ،" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއެކު ހުންނަވައި އިމްރާން ވިދާޅުވި އެވެ.

"އޭރުގައި [ހޯމް] މިނިސްޓަރު ދެން އަނގަ ބަހުން ކޮށްފައި ހުރި މުއާމަލާތުތައް ހުރި އިނގޭތޯ. އެ ޓީމާ އެކުގައި. އެ ބޭފުޅުންގެ އަތުގައި ގެނައުމަށް ތައްޔާރުވެ، އޭނަ ހުރި ތަންތަނާ ބެހޭ ގޮތުން ހޯދިފައި ހުރި މައުލޫމާތުތައް އެއްޗެހި ލިޔެކިޔުންތައް އެބަހުރި. އޭރުގެ [ހޯމް] މިނިސްޓަރު [އުމަރު ނަސީރު] ވިދާޅުވީ ކަމަށް ވަނީ ޕްރަޔޯރިޓީ އެއް ނޫން ކަމަށް ކޮންމެހެން ލުތުފީ މާލެ ގެނައުމަކީ،" އިމްރާން ވިދާޅުވި އެވެ.

އެކަމަކު ލުތުފީ ރާއްޖެ ގެނައުމަކީ މި ސަރުކާރުގެ "ޕްރަޔޯރިޓީ" އެއް ކަމަށް އިމްރާން ވިދާޅުވި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ އެމިނަކުފާނުގެ ސަރުކާރުން ލުތުފީ ރާއްޖެ ގެނެސް، ޖަލުގައި ބަހައްޓަވާނެ ކަމަށެވެ.

މަޖިލީހުގައި އިމްރާން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ "އަޅުގަނޑާ ބެހޭ ގޮތުން ހެއްދެވީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. "ލުތުފީ ހޯދަން އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އަޅުގަނޑު" ކަމަށް ވެސް އުމަރު ބުނެފައި ވެއެވެ. އެކަމަކު ދެރަ ކަމަކީ ކުރި މަސައްކަތުން ނަތީޖާއެއް ނިކުމެފައި ނެތުމެވެ.

ދެން އޮތީ އުމަރުގެ ދިފާއުގައި ނިކުންނެވި ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުންގެ ވާހަކަ އެވެ. އެ ބޭފުޅުންނަކީ މަގާމުގައި ތިއްބެވިއިރު އަދި އޭގެ ފަހުން ވެސް އާއްމުންގެ ބޮޑެތި ފާޑުކިޔުން އަމާޒުވި ތިން ބޭފުޅުންނެވެ. ރާއްޖޭގެ ތާރީހުގައި ނުހިނގާ ވަރުގެ ބޮޑެތި ހާދިސާތައް ހިނގަމުން ދިޔައިރު، އެކަންކަން ރަނގަޅަށް ތަހުގީގު ކުރުމުގައި ފެއިލްވި ތިން ބޭފުޅުންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެ އެވެ.

"ފިލައިގެން އުޅޭ މީހަކު ހޯދުމަށް ހޯމް މިނިސްޓަރުގެ ހުއްދަ ފުލުހުން ހޯދާކަށް ނުޖެހޭނެ! ގާނޫނުގައިވާ ގޮތަށް ކަން ކުރުމަކީ ފުލުހުންނަށް ލާޒިމު ކަމެއް،" އިމްރާނަށް ރައްދު ދެއްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ. އޭނާއަކީ 2012 ގެ ޕޮލިސް ކޮމިޝަނަރެވެ.

އެއަށްފަހު 2013 އިން ފެށިގެން ޕޮލިސް ކޮމިޝަނަރުކަން ކުރެއްވީ ހުސެން ވަހީދެވެ. އޭނާ ވެސް ވަނީ އުމަރުގެ ދިފާއުގައި ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ލުތުފީ ގެނައުން ލަސްވާ މައްސަލަ ދިފާއު ކުރައްވަން އިމްރާން ދައްކަވަނީ ހިޔާލީ ވާހަކަތަކެއް ކަމަށެވެ. އޭރު ލުތުފީ ގެނައުމަށް ހުރަސް އެޅުއްވުމުގެ ގޮތުން އެއްވެސް ކަމެއް އުމަރު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ލުތުފީ ހޯދުމަކީ މިނިސްޓަރު އުމަރު އަދި ރައީސް ޔާމީންގެ ވެސް ޕްރަޔޯރިޓީއެއް،" އޭނާ ވިދާޅުވި އެވެ.

ހުސެން ވަހީދަށް ފަހު 2015 ވަނަ އަހަރު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެއްވީ އަހްމަދު އަރީފެވެ. އޭނާ ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ އިމްރާން ދޮގު ހެއްދެވީ ކަމަށެވެ. ލުތުފީ ގެންނަން ކުރީގެ ސަރުކާރުން ވަރަށް މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

ލުތުފީ އުޅޭތަން ކުރީގެ ސަރުކާރުތަކަށް އެނގިތިބެ އަޅާނުލި ކަމަށް ދޭހަވާ ލިޔެކިޔުންތައް ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިދާރާގައި އެބަ ހުއްޓެވެ. އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ފަށާނީ ވެސް އެހެންވީމަ އެވެ. އެކަމަކު ހިތާމައަކީ ލުތުފީ ގެނައުމަކީ "ޕްރަޔޯރިޓީ" އެއް ކަމަށް ދެކުނު ކުރީގެ ޕޮލިސް ކޮމިޝަނަރުންނަށް އޭނާ ގެނެވިފައި ނުވާ ކަމެވެ.

މިއަދު އިމްރާނާއި ޕޮލިސް ކޮމިޝަނަރު ހަމީދަށް ފާޑުވިދާޅުވާއިރު، އެ ދުވަހު އެ ތިން ޕޮލިސް ކޮމިޝަނަރުންނާއި އުމަރު ކުރެއްވި މަސައްކަތުން ނަތީޖާ ނުނިކުތީ ކީއްވެ ހެއްޔެވެ؟ އެންމެ ފަހުން ހާއިނު ލުތުފީ ރާއްޖެ އަނބުރާ އެ ގެނައީ ރައްޔިތުންނަށް "އޮޅުވާލައިގެން" އެމްބަސީގައި އޭނާ "ފޮރުވައިގެން ވީއައިޕީ ކޮޓަރީގައި" ގެންގުޅުނު ކަމަށް ބުނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

ހިޔާލު

އަލީރާޖާ

ތަންދޮރު ނޭގި ކޮމެންޓުކުރާ މީހުންނަށް. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ނ) ގައި ވަނީ ހައްޔަރު ކުރާ މީހަކު ހައްޔަރާ ދެކޮޅުނުހަދާހާ ހިދަކު އޭނާގެ ގައިގައި ބިޑިއަޅުވައިގެން ނުވާނެ ކަމަށް. ގަވައިދަކަށް ވުރެ މަތިވާނީ ގާނޫނު. މި ގާނޫނު ބިޑިއެޅުވުން މަނާ ކުރޭ.

އައިސް

ތާހިރެއްނު ވާހަކަ އިދިކޮޅު މީހުން މިހާ ވަރުނުކުރިނަމަ އަޅާވެސް ނުލީސް...

މަސްވެރިޔާ

މަސް އައިސް އަމިއްލައަށް ބުޅީގަ ޖެހިގަތީމަވެސް އެއީ ތިމަންނަގެ މޮޅުކަމުން ބޭނުނު އެއްޗެކޭ ކިޔަމުން ދުވާތި. ތަނަކުން ކްރެޑިޓް ކޮޅެއް ފެންނައިރަށް އޭތި ދަމައިގަންނާނެ. ސާބަސް. އެއޮތް ބޮޑު ބާގީ ފަހަތަށް ބިޑި އަޅުވާ، ގަން ޕޮއިންޓުގަ ގެނައި ނަމަ ތާހިރު. މީނަ ހީވަނީ ދެންމެ ދެންމެ ފިލްމެއް ރިލީޒްކޮށްފަ ނިކުތް ޝާހިދު ކަޕޫރު ހެން ވިއްޔާ ގެންދިޔަ ގޮތުން...