BREAKING: MP Jabir adu gadha koh hedhumun Majileehuge thalhumun beyru koffi
image
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސާޔާ އަހްމަދު
2 ކޮމެންޓް
 

މެމްބަރު ޖާބިރު އަޑުގަދަކޮށް ހެދުމުން މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު، ތަޅުމުގައި އަޑުގަދަކޮށް ހަދަން ފެށުމުން ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި އެވެ.
މިއަދު ހެނދުނު 09:00 ގައި 33 މެމްބަރުންނާއެކު މަޖިލީހުގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އަޑުގަދަ ކުރަން ފައްޓަވާފަ އެވެ. އެކަމަކު ޖާބިރު ދެއްކެވި ވާހަކަ ސާފެއް ނުވެ އެވެ.

އެކަމަކު ޖާބިރު އަޑުގަދަ ކުރަން ފެއްޓެވި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެމްބަރުން ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވުމުންނެވެ.

"އިއްޒަތްތެރި މަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރުމަށް ފަހުގައި ދައުލަތުން ހަޒާނާތަކެއް ލިބިވަޑައިގެންނެވިތޯ؟،" ނިޒާމީ ނުކުތާ ނަންގަވާ ޖާބިރު ރައީސް ނަޝީދާ ސުވާލުކުރެއްވި އެވެ.

"މަޖިލީހުގެ ރައީސްކަމަށް މަނިކުފާނު އިންތިހާބު ވުމުން ދައުލަތުގެ ހަޒާނާގެ ތަޅުދަނޑި މަނިކުފާނަށް ލިބުނީ ހެއްޔެވެ؟،" ޖާބިރު ސުވާލުކުރައްވަމުން ގެންދެވި އެވެ.

އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، ވަރަށް ކޯފާވެފައި ހުންނެވި ޖާބިރު ތަކުރާރުކޮށް ދިޔެއީ ދައުލަތުގެ ހަޒާނާއިން އެމަނިކުފާނަށް ލިބުނުތޯ ސުވާލު ކުރައްވަމުންނެވެ.

އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ޖާބިރަށް ނަސޭހަތްތެރިވެފަ އެވެ.

ނަމަވެސް ޖާބިރު ގެންދެވީ ހުއްޓުމެއް ނެތި އަޑުގަދަ ކުރަމުންނެވެ. ރައީސް ނަޝީދު ވަނީ އެތައް ފަހަރަކު ޖާބިރު ނަން އިއްވުމަށް ފަހު ވެސް އަނެއްކާ ނަސޭހަތްތެރިވެފަ އެވެ.

"އިއްޒަތްތެރި މެމްބަރު ނަން އިއްވަން ޖެހިދާނެ އިނގޭތޯ؟ އިއްޒަތްތެރި މެމްބަރު އިށީންނަވާ!،" ޖާބިރު ތަކުރާރުކޮށް އަޑުގަދަ ކުރެއްވުމުން، ރައީސް ނަޝީދު ވެސް ވަރަށް ކޯފާވެވަޑައިގެން ވިދާޅުވި އެވެ.

އެކަމަކު ވެސް ޖާބިރު ގެންދެވީ އަޑު ގަދަ ކުރައްވަމުންނެވެ. އެއަށްފަހު ޖާބިރުގެ ނަން އިއްވުމަށް ފަހު ވަނީ މަޖިލީހުގެ ތަޅުމުން ނިކުތުމަށް އަންގަވާފަ އެވެ. މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ބޭފުޅަކާއެކު އެންމެ ފަހުން ޖާބިރު ނިކުމެވަޑައިގެންނެވި އެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ މިހާ ހެނދުނާ މަނިކުފާނު ތިހާ ކޯފާވެގެން އުޅުއްވަން ޖެހޭ ސަބަބެއް. އަޅުގަނޑު އެދެނީ ކޮފީއެއް ބޯލައްވައި ހަދައިގެން ވަޑައިގަތުމަށް،" މަޖިލީސް ތަޅުން ދޫކުރައްވާ ޖާބިރު ވަޑައިގަންނަވަން ފެށުމުން ނަޝީދު ވިދާޅުވި އެވެ.

އެއާއެކު އަނެއްކާ ވެސް ޖާބިރު މަޖިލީސް ރައީސްގެ މޭޒުކޮޅާ ދިމާލަށް ގޮސް އަޑުގަދަ ކުރެއްވި އެވެ. އެކަމަކު ދެން މަޖިލީސް ތަޅުމުން ނިކުންނެވުމުން، ޖަލްސާ ކުރިއަށް ގެންދެވި އެވެ.
ހިޔާލު

އަމާ

ޖާބިރު ހަމަ މިހާރު އިށީނދޭ. މިހާ ޚުދުމުޚުތާރުކޮށް މެމްބަރަކާ މުއާމަލާތު ކުރި މަޖުލިހު ރައިސަކު އަދި ނުދެކެން. ރުޅިއައިސް ރަތްވެފައި. ފުއްމައިގެން ގޮސް. މަސީހުމެން ކޮންފަދަ މާތްކޮށް ގެންދެވީ.

ސަކީނާގެ އަމާ

އަނެއްކާ ބޮއިގެން ބާ