Vaahaka: Huss Hiyy
image
ހުސް ހިތް--
ފަތުހުﷲ އަހްމަދު
0 ކޮމެންޓް
 

ވާހަކަ: ހުސް ހިތް

"ކޮއްކޮ އެހައި ބަރެއް ނުވާނެ." މުނާ ހެމުން ހެމުން މައީދާ ވާހަކަދެއްކިއެވެ.
"މުނާ އަރަންވީނު އަހަރެންގެ ކޮނޑަށް! އަހަންނަށް ގެންދެވިދާނެ." މައީދު ހޭންފެށިއެވެ.

ކުއްލިއަކަށް މުނާ ކެއްސުން އެރިއެވެ. މަޑުމަޑުން މުނާ ފަހަތަށް ޖެހިލިއެވެ. އަނގަމަތީ އަތްއަޅައިގެން ހުރެ ކެއްސުން ކޮންޓްރޯލް ކުރުމަށް އޭނާ މަސައްކަތް ކުރިއެވެ. މުނާ ކެއްސައިގަތުމުން މާނާ ބަލައިލީ މުނާ އަށެވެ. އޭނާއަށް މުނާގެ މޫނު ފެންނަ ވަރެއް ނުވިއެވެ. މައީދާ ނިވާވެފައި ހުރުމުގެ ސަބަބުންނެވެ. މާނާ ފަރުވާތެރިކަމާއެކު އަޑުއަހަން އޮތެވެ. މުނާގެ ކެއްސުމުގެ ރާގެވެ.

މާނާ ކުރިއަށް ވުރެ ބޮޑަށް ހަމަޖެހިލިއެވެ. މާނާ މައީދުގެ ވައަތްފަޅީގެ މޭމަތީގައި މޫނު ޖައްސައިލިއެވެ. މާނާއަށް މައީދުގެ ހިތުގެ ވިންދު އަޑު އިވޭ ވަރަށެވެ. މާނާއަށް ހިނިތުންވެވުނެވެ. މައީދުގެ ހޫނުކަން އޭނާއަށް އިހުސާސް ކުރެވެމުންނެވެ. މާނާއަށް އެތެރެއަށް ނޭވާ ދަމައިލިއެވެ. މަޑުމަޑުން ދެ ލޯ މަރައިލަމުންނެވެ. މައީދުގެ ގައިން ދުވަމުން ދިޔަ މީރު ވަހުން މާނާގެ ހިތް ފުރުނު ކަހަލައެވެ.

މައީދު ފަހަތް ބަލައިލިއެވެ. މުނާގެ ހަރަކާތްތަކަށް ބަދަލު އައުމުންނެވެ. އޭރު މުނާ ހުރީ ކެއްސުން ގަނޑު މައިތިރި ކުރަން އަނގަމަތީގައި އަތްއަޅައިގެންނެވެ. މައީދު ބަލައިލުމުން މުނާ ގަދަކަމުން ހިނިތުންވެލިއެވެ. މަޑުމަޑުން އަނގަމަތިން އަތް ނައްޓައިލިއެވެ.

"މިހާރު އޯކޭ. މާބޮޑަށް ހެވުނީމަ ވީ ގޮތެއް ކަންނޭނގެ." މުނާ ކުރިއަށް ޖެހިލަމުން މައީދުގެ އަތްދަނޑީގެ ތެރެއަށް އަތްމަހައިލިއެވެ.

މައީދުގެ މޫނު އަނބުރައިލިއެވެ. މާނާއާ ދިމާއަށެވެ. މައީދުގެ ތުންފަތް ޖެހުނީ މާނާގެ ކޯތާފަތުގައެވެ. މާނާ ހިނިތުންވެލިއެވެ. މައީދު ލަދުގަތެވެ.

"ސޮރީ." ވައި އަޑުން މައީދު ބުނެލިއެވެ.

"އިޓްސް އޯކޭ،" މާނާގެ ތުންފަތް ހަރަކާތްކޮށްލިއެވެ. "އެ މައްސަލައެއް ނޫން. އަދި އެއްފަހަރު ބީހިލަން ބޭނުންވަނީ. ތަންކޮޅެއް ފުންކޮށް. ލޯބިން."

މައީދުގެ ދެ ލޯ ބޮޑުކޮށްލިއެވެ. މުނާއަށް މާނާގެ އަޑު އިވުނެވެ. މުނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ނޭވާ ކުރުވާން ފެށިއެވެ. ނަމަވެސް، އޭނާ ބޭނުންވީ އެ އަޑު ނީވޭ ކަމަށް ހަދާށެވެ. އެއީ އޭނާއަށް ކުރެވުނު ޚިޔާލެއް ކަމަށް ބަލާށެވެ.

ހުކުރު ދުވަހުގެ ރެއެވެ. މުނާއާއި މައީދު ތިބީ ގޭގެ ބަގީޗާގައި ހުރި ޖޯލިފަތީގައި އިށީނދެ ގެންނެވެ. ޖޯލިފަތި ހުރީ ގޭގެ ދޮރާށި ކައިރީގައެވެ. ތަނުގައިވަނީ ފަނޑު އަލިކަމެކެވެ. ކޮންމެ މީހެއްގެ އަތުގައި ވެސް ޗޮކުލެޓެއް އޮތެވެ. މައީދުގެ އަތުގައި އޮތް ޗޮކުލެޓު މުނާގެ އަނގަޔާ ކައިރިކޮށްލަ ދިނެވެ. މުނާ ޗޮކުލެޓު ކައިލުމަށް ޓަކައި އަނގަ ހުޅުވާލިއެވެ. އެއާއެކު، ދޮރާށި ހުޅުވުނެވެ. ސިހިފައި މައީދުގެ އަތް ފަހަތަށް ދަމައިލިއެވެ. ދޮރާށިން ވަދެގެން އައީ މުނާގެ މަންމައާއި ބައްޕައެވެ. މުނާގެ މަންމައާއި ބައްޕަ މައީދަށް ބަލައިލިއެވެ. ލުއިގޮތަކަށް ހިނިތުންވެލަމުން ގޭ ތެރެއަށް ވަނެވެ. އެމީހުންގެ ފަހަތުން މާނާ ވެސް އައެވެ.

"އަޅޭ މަށަށް ނުދީ ދޯ މި ކަނީ؟" މާނާއަށް ޗޮކުލެޓް ފެނުމުން ކުސްތަޅައިލިއެވެ. "ވަރަށް ނާއިންސާފު. ވަރަށް އަމިއްލަ އެދުން ބޮޑު."

މައީދުގެ އަތުގައި އޮތް ޗޮކުލެޓު އަތުލަމުން މާނާ ގޭތެރެއަށް ދުއްވާގަތެވެ.

"ތި އަހަރެން އަނގަޔަށް ލައިފަ އޮތް.." މައީދު އަތް ހިއްލައިމުން ބުނެލިއެވެ.

"އޯކޭއޭ. އޭރުން މާ މީރުވާނެ،" މާނާ ހޭންފެށިއެވެ. "މަ ކައިފާނެތީ މަކަރު ހަދަނީނު. ދެން ނުލިބޭނެ."

"އަޅައި ނުލާ. ކޮއްކޮގެ ކުޑަކަން އަދިވެސް ނުކެނޑޭ. އަށާރަ އަހަރުވީ އިރު ވެސް ހީވަނީ ޅަ ކުއްޖެއްހެން،" މާނާ މައީދުގެ އަތުގައި ހިފައިލިއެވެ. "އެހެން ނޫނަސް މި އޮތީ ވެސް ޗޮކުލެޓެއް. މިއިން އަހަރުމެންނަށް ވާނެ."

މާނާ ހިނިތުންވެލިއެވެ. މައީދު ވެސް ހިނިތުން ވެލިއެވެ. ދެމީހުން ދެމީހުންނަށް ބަލައިލަމުންނެވެ.

ދުވަހަކީ މައީދާއި މުނާ ހުޅުމާލެއަށް ދިޔުމަށް ރާވާފައި އޮތް ދުވަހެވެ. މުނާ ދިޔައީ ހުޅުމާލެއަށް ދިޔުމަށް ތައްޔާރުވަމުންނެވެ.

"ކޮއްކޮ ވެސް ދެން ބިޓެއް ނަގަންވީއޭ އަސްލު،" މުނާ ބޮލުގައި ފުނާ އަޅައިލަމުން މާނާއާ ވާހަކަދެއްކިއެވެ. "އޭރުން ކިހައި ސަޅިވާނެ."

" އޭރުން އަހަންނަށް މި ޑިއުޓީ އަދައެއް ނުކުރެވޭނެއްނު." މާނާ ހޭން ފެށިއެވެ.

"ބައެއް ފަހަރު ހިތަށް އަރާ އަހަންނަށް ހުރި ގޮތަކީ މިއީ ބާއޭ ވެސް." މުނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
"އަޅޭ! ދޮންތީ ސޮރީ! އަހަރެން އެހެން ބުނީ އެ ނިޔަތަކު ނޫނޭ،" މާނާގެ ރާގު ބަދަލުވިއެވެ. "އަހަރެންގެ ޕްރިންސް އަހަންނަށް ދިމާ ނުވަނީއޭ އަދި. ދޮންތަ ބުނަމެއްނު އަހަރެންގެ ޕްރިންސް އަހަރެން ބަލާ އަންނާނީ ހުދު އަހެއްގައެއް ނޫނޭ. ކުޑަކުޑަ ބޮއްކުރައެއް ގައޭ."

މާނާ ހިނިތުންވެލިއެވެ. އޭނާ ބޭނުންވީ މުނާގެ މޫޑު ބަދަލުކޮށްލާށެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. މުނާ ސުރުޚީ ބަދަލުކުރަން ބޭނުން ނުވީމައެވެ.

"ކޮއްކޮއަކަށް ވެސް އަބަދަކު އަހަރެންގެ ހިޔަންޏަކަށް ވެގެން ނޫޅެވޭނެ. އަހަންނަށް ވެސް އަހަރެންގެ ހިޔަނި ގެއްލޭ ވަގުތުތައް އާދޭ." މުނާގެ މުށު ތެރެއަށް ފުނާލިއެވެ.

"ދޮންތާ! މިކަން މި ކުރަނީ އަހަރެން ކުރާ ހިތުންނޭ. އަހަރެން ދެކެނީ މިއީ އަހަރެންގެ ވާޖިބެއް ކަމުގަ. އަހަރެން އަމިއްލަ ނަފުސަށްވުރެ ބޮޑަށް ދޮންތަ ދެކެ ލޯބިވަން،" މާނާ އެނދުން ތެދުވެގެން ގޮސް މުނާގެ ގާތުގައި ހުއްޓި ލިއެވެ. "ދޮންތަ ލޯބި ކުރާ ކޮންމެ އެއްޗަކަށް އަހަރެންގެ އަމިއްލަ އިޚްތިޔާރުން ބޭރުގައި ލޯބި ކުރެވޭ."

މުނާ ހިންދިރުވައިލިއެވެ. މަޑުންމަޑުން އިސް އުފުލައިލަމުން މާނާގެ މޫނަށް ބަލައިލިއެވެ. ފުން ނަޒަރަކުންނެވެ. މުނާގެ ދެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހޯސް ލައިފައި ކޯތާފަތް މައްޗަށް ފައިބައިގަތެވެ. މާނާއަށް އެ މަންޒަރު ބަލަން ފަސޭހައެއް ނުވިއެވެ. މުނާގެ ދެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. މުނާގެ ބަޑިފަޅައިގެން ދިޔައެވެ. މާނާއަށް ވެސް ވީ އެވަރެވެ. ދެމީހުން ދެމީހުން ގައިގައި އޮޅުލައިގަތެވެ. ރޮމުން ގިސްލަމުންނެވެ. އެގޮތުގައި ދިހަވަރަކަށް މިނެޓު ފާއިތުވެގެން ދިޔައެވެ.

"އަހަންނަށް ހީވަނީ ދޮންތަ ބުނާހެން އަހަރެންގެ ޕްރިންސް މިހާރު އަހަރެން ހޯދަން ފަށައި ފިހެން،" މުނާގެ ކޮނޑުން ބޯ ހިއްލައިލަމުން މާނާ ހިނިތުންވެލިއެވެ. "ބައެއް ފަހަރު ހުވަފެނުގައި ވެސް އަހަންނަށް އަހަރެންގެ ޕްރިންސް ފެނޭ."
ބަދަލުގައި މުނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. މަޑުމަޑުން ދެ ލޯ ފޮހެލަމުންނެވެ.

"ދޮންތާ! ލޯބި ވެވުމުން ކިހިނެއްތަ ވަނީ؟ ކޮން ކަހަލަ އިހުސާސެއްތަ ކުރެވޭނީ؟" މާނާ މައުޟޫޢުގެ ތެރެއަށް ފީނައިގަތެވެ.

މުނާ، މާނާގެ ކަނާއަތް ނަގައި އޭނާގެ ވައަތްފަރާތު މޭ މަތީގައި ބާއްވާލިއެވެ.

"މިތަން ފުރިފައި ހުންނަ ކަމުގެ އިހުސާސްވެޔޯ. މި ބުނީ ބައެއް މީހުންނަށް ކުރެވެނީ އެކަހަލަ އިހުސާސެކޭ. އެކަމަކު.." މުނާއަށް ފުރިހަމައެއް ނުކުރެވުނެވެ.

މުނާ ބަލައިލީ މާނާގެ ލޮލަށެވެ. މުނާ މަޑުމަޑުން ހިންދިރުވައިލިއެވެ.

"ތި ބުނީ؟،" މާނާ ނޭނގޭ ކަމަށް ހެދިއެވެ. "އަހަންނަކަށް ނުވިސްނުނު."

"މި ބުނީ.. މި ބުނީ ދޮންތައަށް ކުރެވެނީ މުޅީން ތަފާތު އިހުސާސެކޭ. ދޮންތަގެ މޭ.. ދޮންތަގެ ހިތް ހުސްކަމުގެ އިހުސާސެކޭ ކުރެވެނީ."

"މާނައަކީ؟" މާނާގެ ދެ ލޮލާއި ބުމައަށް ގޮތެއް ހަދައިލިއެވެ.

"މި ތަނުގައި ހިތެއް ނެތް ކަމުގެ އިހުސާސް. މި ތަނުގައި ޖަހަމުން މިދާ ވިންދުތައް ޖެހެމުން އެދަނީ އެހެން މީހެއްގެ ވަޒަނަށް. އެ ވިންދުތަކުގެ އަވަސް މިނާއި ބާރު މިން ކޮންޓްރޯލް އެ ކުރަނީ އެހެން ހިތަކުން. އަހަރެންގެ އަމިއްލަ ނަފުސަކުން، އަމިއްލަ ބާރަކުން، އަމިއްލަ އިޚްތިޔާރަކުން ނޫން." މުނާ ހަމަޖެހިލަމުން، މޭގައި އަތް އަޅައިލަމުން ލަސްލަހުން ބުނެދިނެވެ.

"އޯހް އައިސީ! އެހެންވީމަ އަހަންނަށް މި ކުރެވެނީ އަދި ލޯބީގެ އިހުސާސެއް ނޫންކަން ނޭނގެ ދޯ!" މާނާ ހޭން ފެށިއެވެ.

"ކޮން ކަހަލަ އިހުސާސެއްތަ ކުރެވެނީ؟" މުނާ ވެސް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

މުނާގެ މޫނު މައްޗަށް ވެރިވެފައިވާ ޖަންބުކުލަ ފިލަމުން ދިޔައެވެ. މީހާގެ މޫނުމަތި ތާޒާވަމުންދާ ކަމުގެ ނިޝާންތަކުން މޫނުމަތި ވިދަމުން ދިޔައެވެ.

"އަހަންނަށް ފެންނަނީ ހުވަފެނެއް ހަމަ. ހޭލާ ހުއްޓަސް ނިދާފައި އޮތަސް! ފެންނަނީ ގޮތް ނޭނގޭ މީހަކު. ވަރަށް ދިވެހިވަންތަ ފިރިހެނެއް. ހީވަނީ ކުރެހުންތެރިއަކު ކުރަހައިފައި ހުންނަ ފޮޓޯއެއް ހެން. ކަޅު ކުލައިގެ ފޭއްޔެއް އަނދެގެން ހުސްގަޔާ ހުންނަ މީހެއް. ބޮލުގެ އިސްތަށި ގަނޑު ވެސް ހުންނަނީ އަވީގެ ސަބަބުން ރަތްވެފަ. އެމީހާ ދޮނެއް ވެސް ނޫން. ކަޅެއް ވެސް ނޫން. ހަންގަނޑު ވެސް ހުންނަނީ އަވީގެ ސަބަބުން ރީތި ވަރަކަށް އަނދައިފަ،" މާނާ ޝައުޤުވެރިކަމާއެކު އޮޅުން ފިލުވައިދިނެވެ. "އަދި އެނގޭތަ؟ އެއީ ސިކްސް ޕެކްގެ ވެރިއެކޭ."

މާނާ ހޭންފެށިއެވެ. ބާރުބާރަށެވެ. މުނާ ނުހެން ހުއްޓާ ކުއްލިއަކަށް އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ދެމީހުން ދެމީހުންގެ މޫނަށް ބަލަމުން ހެމުން ދިޔައެވެ. ދެ މީހުންގެ ބަނޑުގައި އަތްއަޅައިގެން ތިބެ ހެމުން ދިޔައެވެ. ހީހީގޮސް ބަނޑަށް ތަދުވެގެންނެވެ. އެންމެފަހުން ލޮލުން ކަރުނަ ހިލެންފެށިއެވެ. އެއިރު ވެސް ދެ ދެމީހުން ހެނީއެވެ. އެކަކު މޫނަށް އަނެއްކަކު، ބަލައިގެން އެކަކު އަނެއްކަކަށް އިނގިލި ދިމާކޮށްގެން ތިބެއެވެ.

މުނާގެ ރަންކުލައިގެ އިސްތަށިގަނޑު މުޅި މޫނުގައި ތަތްވަމުން ދިޔައެވެ. ބައެއް އިސްތަށި އަނގަ ތެރެއަށް ވެސް ވަންނަމުން ދިޔައެވެ. އެންމެފަހުން މުނާ ކޮށިއެރިއެވެ. އޭނާ ކެއްސަން ފެށިއެވެ. މާނާ ހިމޭންވީ އެހައި ހިސާބުންނެވެ. ހަތިޔާރު ބަހައްޓާ އަމާން ދޭންވެއްޖެ ކަމަށް ވިސްނުނީއެވެ.

މުނާ އަނގަމަތީ އަތް އަޅައިގެން ގުދަށް އޮވެ ކެއްސަމުން ދިޔައެވެ. ބާރު ބާރަށެވެ. މާނާގެ ހަރަކާތްތައް އަވަސްވިއެވެ. ކަމެއް ގޯސްވާން އުޅޭކަން އޭނާއަށް ދެނެގަނެވުނެވެ.

"މަންމާ! މަންމާ!" މާނާ ބާރު ބާރަށް ގޮވާލިއެވެ.

(ނުނިމޭ)
ހިޔާލު