Money laundering massala belumah governor huras elhuvvi kamuge thuhumathu
image
ގަވަރުނަރު އަހްމަދު ނަސީރު-- ފޮޓޯ: ޕީއެސްއެމް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ގަވަރުނަރު ނަސީރު އެފްއައިޔޫގެ މަސައްކަތަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން މަނީ ލޯންޑަރިން ހުއްޓުވަން ކުރި މަސައްކަތަށް ގަވަރުނަރު އަހްމަދު ނަސީރު ހުރަސްއެޅުއްވި ކަމަށް އެފްއައިޔޫ ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަހްމަދު އަޝްރަފް ތުހުމަތު ކުރައްވައިފި އެވެ.
ގަވަރުނަރު ނަސީރު އެފްއައިޔޫ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ހުރަސް އެޅުއްވި ކަމަށް ވިދާޅުވެ އަޝްރަފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެސިޓީގައި ގަވަރުނަރާ މެދު ފިޔަވަޅު އެޅުމަށް އަޝްރަފް ވަނީ އެދިވަޑައިގެންފަ އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގޮތެއް ނިންމުމަށް ތާވަލު ކުރެވިފައިވާ އަޝްރަފްގެ ސިޓީގައި ބުނެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް މިދިޔަ ސެޕްޓެމްބަރު މަހު ގިނަ އަދަދެއްގެ ފައިސާ ވަދެ އަދި އެ ނެގުމުން އެއީ މަނީ ލޯންޑަރިންގެ މުއާމަލާތެއްގެ ގޮތުގައި ބަލައި، އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން މަސައްކަތް ކުރުމުން ގަވަރުނަރު އެކަމަށް ހުރަސް އެޅުއްވި ކަމަށެވެ.

ރައީސް ޔާމީން ގެ މަނީ ލޯންޑަރިންގެ މައްސަލަ އަޝްރަފް ވަނީ ފުލުހުންނަށް ހުށަހަޅުއްވާފަ އެވެ. އަދި އެ މައްސަލަ ހުށަހެޅިތާ މާގިނަ ދުވަހެއް ނުވެ، އެމްއެމްއޭ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް ބުނެ އަޝްރަފް ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފަ އެވެ.

އަޝްރަފްގެ ސިޓީގައި ބުނެފައި ވަނީ އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމާ އެކު ގަވަރުނަރު އޭނާއަށް ގުޅާ ހިތްހަމަ ނުޖެހުން ފާޅުކުރެއްވި ކަމަށާއި އެއީ ގަވަރުނަރާއި މަޝްވަރާނުކޮށް އެމައްސަލަ ހުށަހެޅުމުން ކަމަށެވެ. އޭގެ ފަހުން މަގާމުން އިސްތިއުފާ ދެއްވަން ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަޝްރަފް ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކަންކުރީ ގަވަރުނަރަށް ލިބިގެންވާ އިޚްތިޔާރުތަކާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ކަމަށް އަޝްރަފް ތުހުމަތު ކުރެއްވި އެވެ.

އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ތެރޭގައި އުފައްދާފައި އޮންނަ މިނިވަން ޔުނިޓެކެވެ. އަދި އެޔުނިޓަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާވެސް މެއެވެ.

ގާނޫނުގައި އޮންނަ ގޮތުން އެފްއައިޔޫގެ އެއްވެސް މަސައްކަތަކަށް ގަވަރުނަރަށް ނުފޫޒެއް އަދި ބާރެއް ވެސް ނުފޯރުވޭނެ އެވެ. އަދި އެފްއައިޔޫން ބަލާ މައްސަލަތަކުގައި ގަވަރުނަރާ މަޝްވަރާކުރާކަށް ވެސް ނުޖެހެ އެވެ.
ހިޔާލު