China dharanyakee kureege sarukaarun rayyithunge boluga elhuvi bodu burayeh!
image
ހުޅުމާލެ ހިޔާ މަޝްރޫއުގެ ފްލެޓްތައް--
0 ކޮމެންޓް
 

ޗައިނާ ދަރަންޏަކީ ކުރީގެ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ބޮޑު ބުރައެއް: މެމްބަރުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުންނާއި ޗައިނާއާ ގުޅިގެން ދިވެހި ރައްޔިތުންގެ ބޮލުގައި ބޮޑު ދަންތުރައެއް އަޅުވާފައިވާ ކަމަށް ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ބޭއްވި ރައްޔިތުންގެ މަޖިލީހުގައި، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ބައެއް މެމްބަރުން ވަނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތާއި ކޮރަޕްޝަނުގެ ބައެއް މައްސަލަތަކާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި އެހާ ބޮޑެތި ގިނަ ހިޔާނާތުގެ މައްސަލަތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ހިންގަމުންދިޔައީ، އެކަން ފަޅާއަރުވާލާ ފަރާތްތަކަށް ވެސް ހުރި ބިރުވެރިކަމެއްގެ ސަބަބުން ކަމަށެވެ.

ދައުލަތަށް ބުރަ ބޮޑުވެ، ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ބޮޑު ދަރަންޏާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ 7000 ފްލެޓްގެ މައްސަލަށް ބައެއް މެމްބަރުން ވަނީ އަލިއަޅުވާލާފަ އެވެ.

ހުޅުމާލޭގައި ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ 7000 ފްލެޓާއި ގުޅިގެން، އެތަނުގެ އަގާއި، އެތަން އިމާރާތްކޮށްފައިވާ ފެންވަރާއި އަދި ފައިސާ ހަރަދުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ރައްޔިތުންގެ އަތްފޯރާ ފަށުގައި، އަދި ރައްޔިތުންނަށް ހިތްހަމަ ޖެހިގެން ދިރިއުޅެވޭ ފެންވަރުގެ ހައުންސިން ނުވަތަ ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައި ވެއެވެ.

ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން 7000 ފްލެޓް އެޅުމަށް، ރައީސް ޔާމީންގެ ސަރުކާރުން ހިންގި ޕްރޮޖެކްޓަށް ބަލާއިރު، ދިވެހި ސަރުކާރުން އެޕްރޮޖެކްޓް ހިންގާ ކުންފުންޏަށް 437 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ އިންޓަރެސްޓަށް 47 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހެއެވެ. އެ 7000 ފްލެޓްގެ ޖުމްލަ އަގަށް 8.7 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު، އެ 7000 ފްލެޓް ނިމިފައެއް ނުވެއެވެ. އެ ކުދިކުދި ފްލެޓްތަކުގެ ބޮޑު މިނަކީ 540 އަކަފޫޓެވެ. ފްލެޓްތަކުގައި ޓައިލްސް ޖަހަން ޖެހޭ ތަންތަނުގައި ޓައިލްސް ޖެހިފައެއް ނެތް ކަމަށާއި ދޮރު ހުންނަން ޖެހޭ ތަންތަނުގައި ދޮރެއް ހަރުކުރެވިފައި ނެތްއިރު، ފާރުތަކުގައި ކުލަލާފަ ނެތްކަމަށް އެތަނަށް ދިޔަ ފަރާތްތަކުގެ އިތުރުން، ސަރުކާރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

އެ 7000 ފްލެޓް ނުނިމި، އަދި އެ ފްލެޓްތަކަށް 8.7 ބިލިއަން ރުފިޔާ ދެއްކުމަކީ ދިވެހި ދައުލަތަށް ބޮޑު ބުރަޔަކަށް ވަނީ ވެފަ އެވެ. އެއީ އޭގެން ފްލެޓަކަށް، އަކަފޫޓަކަށް 1987 ރުފިޔާ ދައުލަތުން ދައްކަން ޖެހޭއިރު، އެފްލެޓަށް މީހުންނަށް ވަދެވޭވަރުގެ ހާލަތަކަށް އެތަން ގެންނަން ބަލާއިރު، ދައުލަތުން އިތުރު ހަރަދު ކުރަން ޖެހުމަކީ ދައުލަތަށް އޮތް ބޮޑު ބޮލުގެ ރިހުމެކެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް ބަލާއިރު، ރާއްޖޭގެ ކެޕިޓަލް ސިޓީ ކަމަށްވާ މާލޭގައި އިމާރާތެއް "ފިނިޝިން" އާއެކު، އަކަފޫޓަކަށް ޖެހެނީ 1000-1200 ރުފިޔާއާ ދެމެދުގެ އަގުތަކުގަ އެވެ. އެހެންކަމުން 7000 ފްލެޓްގެ އަގާއި މާލޭގައި އިމާރާތް ކުރުމުގެ އާއްމު އަގުތަކާ އަޅާބަލާއިރު 800-1000 ރުފިޔާގެ ތަފާތެއް އެބައުޅެ އެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ އެ ފްލެޓްތަކުގެ އަގުތަށް ރައްޔިތުންގެ އަތްފޯރާ ފަށުގައި ބެހެއްޓުމަށްޓަކައި އެ ފްލެޓްތަކުގެ އަގުތައް 6000 ރުފިޔާއަށް ތިރިކޮށް، ދިގު މުއްދަތެއްގައި ދެއްކޭނެ އުސޫލެއް ގާއިމު ކުރުމަށެވެ. އެގޮތަށް ސަރުކާރުން ހަމަޖައްސަނީ ޗައިނާގެ އެގްޒިމް ބޭންކަށް ދައްކަން ޖެހޭ ފައިސާ، އެ ލޯނުގެ މުއްދަތުގައި ދެއްކުމަށް ސަރުކާރުން ދެއްކުމަށެވެ. އޭރުން ސަރުކާރުން އެއްފަހަރާ ފައިސާތަކެއް ހަރަދުވީ ނަމަވެސް ރައްޔިތުންނަށް އެކަމުން ލުޔެއް ލިބިދެ އެވެ. އަދި ސަރުކާރުން ދަނީ އެ ފްލެޓްތަކަކީ ވަރަށް ކުދި، އަދި އިންސާނުން ދިރިއުޅުމަށް އުނދަގޫތަކެއް ކުރިމަތިވާ ގޮތަށް އިމާރާތްކޮށްފައިވާ ފްލެޓްތަކެއް ކަމަށްވާތީ، އެ ފްލެޓްތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައުމަށް ވެސް ވިސްނަމުންނެވެ.

އިމާރާތް ކުރުމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ، ދައުލަތުން 8.7 ބިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ 7000 ފްލެޓްގެ އަސްލު އަގަކީ 4 ބިލިއަން ރުފިޔާ ކަމަށެވެ.
ހިޔާލު