ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން ވައި ތަގައްޔަރުވުމާއި ސިއްހަތާ ހުރި ގުޅުމާ ބެހޭ ގޮތުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ފެށީ އިއްޔެ އެވެ. ''އެއާ ޕޮލިއުޝަން އެންޑް ހެލްތް: ޕްރޮޓެކްޓިން ކޮމިއުނިޓީސް'' ގެ ނަމުގައި ޕްރޮގްރާމް ކުރިއަށް ދިޔެއީ ޝައިން ޓްރީ ބިލްޑިންގް ގައެވެ.
އެ ތަމްރީން ޕްރޮގްރާމަކީ ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން އެކަމުގެ މާހިރުން މައުލޫމާތުދީ ''އެއާ ކޮލެޓީ'' މިންގަނޑުތައް ބެލުމުގައި ބޭނުންކުރާ އާލާތްތަކަށް އަހުލުވެރި ކުރުވުމަށް ބޭއްވި ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގައި ކަމާ ގުޅުން ހުރި ސަރުކާރުގެ ވުޒާރާތަކާއި ބައެއް ޕްރައިވެޓް ކުންފުނިތަކާއި އަތޮޅު ތެރެއިން ސިއްހީ ހިދުމަތްދޭ ދެ ތަނަކުން ބައިވެރިވި އެވެ.
އެ ޕްރޮގްރާމަށް ފަހު މާދަމާ މާލެ ސިޓީގެ ބޮޑެތި ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނަށާއި ޕްރައިވެޓް ކުންފުނިތަކަށް އަމާޒުކޮށްގެން އެކަމާ ގުޅޭ ގޮތުން ސެޝަންތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށާއި ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ''ބްރީތްލައިފް ކެމްޕޭން'' ގައި ރާއްޖޭން ވަނީ 2018 ވަނަ އަހަރު ބައިވެރިވެފަ އެވެ.