Chamber of Commerce ge bill Majleehah balaigane, Commitee ah fonuvaifi
image
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
0 ކޮމެންޓް
 

ޗެމްބާ އޮފް ކޮމާސްގެ ބިލް މަޖިލީހަށް ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ދިވެހިރާއްޖޭގެ ގައުމީ ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ބިލު" މަޖިލީހަށް ބަލައިގަނެ، އެބިލް އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "ދިވެހިރާއްޖޭގެ ގައުމީ ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ބިލު" މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 74 މެމްބަރުންގެ އިއްތިފާގުންނެވެ. އެބިލް ވަނީ އިތުރަށް ދިރާސާ ކުރުމަށް އިގްތިސާދީ ކޮމެޓީއަށް ފޮނުވާފަ އެވެ.

އެ ބިލަކީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. އެބިލާ ގުޅިގެން ގިނަ މެމްބަރުން ބަހުސް ކުރައްވާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވިދާޅުވެފައި ވަނީ މިހާރު ވެސް ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއެއް އެބަ އޮތް ކަމަށާއި އަދި ގައުމީ ޗެމްބާ އޮފް ކޮމާސްގެ ގާނޫނެއް ކޮންމެހެން އެފަދަ ޖަމިއްޔާއެއް ހިންގަން ބޭނުންނުވާ ކަމަށެވެ. ގާސިމް އެބިލާމެދު ހިތްހަމަޖެހި ވަޑައިނުގަންނަވާކަން އެ ބިލާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިން ދޭހަވެއެވެ. އެބިލާ ގުޅޭ ގޮތުން ގާސިމް ގިނަ ވާހަކަތަކެއް ނުދައްކަވަ އެވެ.

އެބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވަނީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ވެސް ހިންގަމުން ދަނީ ރާއްޖޭގެ ދެތިން ވިޔަފާރިވެރިންގެ ނުފޫޒުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ މަޝްހޫރު ދެތިން ވިޔަފާރިވެރިއެއްގެ ނުފޫޒު އެދަފަ އިގްތިސާދީ ޖަމިއްޔާތަކަށް އޮތްއިރު، ސަރުކާރަށް ވެސް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެފައި ވަނީ، ކަންކަން އިސްލާހުކޮށް ރަގަނޅު ކުރަމުން އަންނަ މިދުވަސްވަރު އިންޑަސްޓްރީތަކުގެ ކަންކަން ރަނގަޅަށް ތަރުތީބު ވެގެން އައުން މުހިއްމު ކަމަށެވެ.

"މި ރާއްޖޭގެ ތާރީހުގައި މަޓީ އާއި ޗެމްބާ އޮފް ކޮމާސް (ވިޔަފާރިވެރިންގެ ޖަމިއްޔާ) އާއި މާޓާޓޯ (މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖޭންޓްސް އެންޑް ޓުއާ އޮޕަރޭޓާސް)، މި ހުރިހާ އޯގައިނޭޝަންތައް ހުންނަން ޖެހޭނީ އިންޑަސްޓްރީއަށް ސަޕޯޓް ދޭ ތަންތަނުގެ ގޮތުގައި، ގިނަ ފަހަރު މިވާ ގޮތަކީ، މިވެސް ސިޔާސީ ޕާޓީތަކަށް ވެފައި މި އޮންނަނީ. އެ އުސޫލުން، ވިޔަފާރިވެރިންގެ ޖަމިއްޔާ ވެސް ވަރަށް ބޮޑަށް ސިޔާސީ ވެފައި މިއޮންނަނީ. އެހެންވީމާ ނެރެން ޖެހޭ ނަތީޖާއަކީ ކޮބައިތޯ އަޅުގަނޑުމެން އެބަ ބަލަން ޖެހޭ،" ޖާބިރު ވިދާޅުވެފައި އެވެ.

ރާއްޖޭގެ އިންޑަސްޓްރީތައް ރެގިއުލޭޓްކޮށް، ތަރައްގީ ކުރުމަށް އެފަދަ ޖަމިއްޔާތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެގޮތުގެ މަތިން ރަނގަޅު އިސްލާހުތަކެއް ބޭނުންވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"ރާއްޖޭގެ ޓޫރިޒަމްގައި އުޅުއްވާ އިސް ދެތިން ބޭފުޅަކު މަޓީ ހިންގަމުން، ސަރުކާރުގެ އަތް އަނބުރާލައިގެން ކަންކަން ކުރާ ގޮތަށް މިހާރު މިއޮންނަނީ. އެބޭފުޅުން ވިދާޅުވާ ގޮތަށް، މަޓީން ބުނީ އެއޮތީ ނިމިފައި. އަސްލު މަޓީއަކީ ދެތިން ކުންފުންޏެއް. ރައީސުލްޖުމްހޫރިއްޔާ ޓޫރިޒަމްގެ ހުރިހާ ކަންކަމެއް އެ ދެތިން ވިޔަފާރިވެރިންނާ ވާހަކަ ދައްކާލީމާ އެނިމުނީ. އެގޮތަށް ޓޫރިޒަމް އިންޑަސްޓްރީ ވެސް ކުރި ނާރާ ލަސްވަމުން ލަސްވަމުން ގޮސް، ދެން އިންޑަސްޓްރީއަށް އަލަށް އައި ބޭފުޅުން ކުރި މަސައްކަތުން މިހާރު ޓޫރިޒަމް މިދަނީ ތަރައްގީވެގެން. އެހެން ނޫންނަމަ ހަތަރު ފަސް ކުންފުންޏެއްގެ މައްޗަށް މުޅިން ޓޫރިޒަމް ބަރޯސާވެފައި އޮންނާނީ، ވިޔަފާރިވެރިންގެ ޖަމިއްޔާ ވެސް ހަމަ އެގޮތަށް މި އޮންނަނީ،" ޖާބިރު ވިދާޅުވެފައި ވެއެވެ.
ހިޔާލު