Tax ah kendee iuthiraazeh neiy kamah WLT inn bunumun
image
އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް-- ފޮޓޯ: އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޓެކްސަށް ކެނޑީ އިއުތިރާޒެއް ނެތް ކަމަށް ޑަބްލިއުއެލްޓީން ބުނުމުން: އޭޖީ އޮފީސް

ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދޭން ޖެހޭ ފައިސާއިން، ވިލާ ޝިޕިން އިން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އާއި ޖޫރިމަނާ އުނިކޮށްފައި ވަނީ އިއުތިރާޒެއް ނެތް ކަމަށް އެ ކުންފުނިން ބުނުމުން ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފި އެވެ.
ޑަބްލިއުއެލްޓީ އަށް ރިސޯޓެއް ތަރައްގީ ކުރާނެ ރަށެއް ދޭން ސަރުކާރުން އެއްބަސްވުމަށް ފަހު އެކަން ކޮށްފައި ނުވާތީ، ދައުލަތުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ދިނީ ހުކުމާ ހިލާފަށް ކަމަށް ކުރިން އެ ކުންފުންޏާ ގުޅުން އޮތް މީހަކު ތުހުމަތު ކުރެއްވި އެވެ.

އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން ސީއެންއެމް އަށް ވިދާޅުވީ އެކަން އެގޮތަށް ކޮށްފައި ވަނީ އިއުތިރާޒް ނުކުރާ ކަމަށް ޑަބްލިއުއެލްޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ގަރާރެއް ފާސްކޮށް އޭޖީ އޮފީހަށް ހުށަހަޅައިފަ ވާތީ ކަމަށެވެ.

ކުންފުނީގެ 10 އިންސައްތަ ހިއްސާދާރެއް ކަމަށް ބުނި ފަރާތަކުން ވިދާޅުވެފައި ވަނީ ކޯޓު ހުކުމުގައި ވާގޮތުން ފައިސާ ދައްކާއިރު އެކަން ކުންފުނީގެ ހިއްސާދާރުންނަށް އަންޖެހޭނެ ކަމަށް އޮތަސް، އޭނާއަށް އެކަން އަންގާފައި ނުވާ ކަމަށެވެ. އަދި ވިލާ ޝިޕިންގެ ޓެކްސް އާއި ޖޫރިމަނާ އަށް އެފައިސާއިން ކަނޑާފައިވާތީ އެއީ ހުކުމާއި އަދި ކުންފުނީގެ ގާނޫނުތަކާ ވެސް ޚިލާފު ކަމެއް ކަމަށް ބުނެ އޭނާ ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އެކަމަކު އޭނާގެ ވާހަކަތައް ޑަބްލިއުއެލްޓީ އިން ވެސް ދޮގު ކުރެ އެވެ. އެކުންފުނިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އޭނާއަކީ މިހާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނޫން ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ކުރި ހުކުމާ ގުޅިގެން، ދައުލަތުން އެ ކުންފުންޏަށް ދޫކޮށްފައި ވަނީ އެޑްވާންސް ކުލީގެ ގޮތުގައި ދައުލަތަށް ކުރިން ދައްކާފައިވާ 16.9 މިލިއަން ޑޮލަރުގެ ތެރެއިން 15 މިލިއަން ޑޮލަރު ކަމަށާއި އެ ފައިސާގެ ތެރެއިން 30 ޖޫން 2019 ގެ ނިޔަލަށް ވިލާގެ ބައެއް ކުުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އުނިކޮށްފައި ވަނީ، ކުންފުނީގެ އެދުމުގެ މަތިން ކަމަށް ޑަބްލިއުއެލްޓީގެ ބަޔާނުގައި ވެއެވެ.

ޑަބްލިއުއެލްޓީ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޓްރެވެލްސްގެ 90 އިންސައްތަ އަދި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހްމަދު ޝަރީފް ގެ 10 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެއްބަސްވުމާ އެއް ގޮތަށް ޑަބްލިއުއެލްޓީ އަށް ރަށް ނުދިނުމުން ސުޕްރީމް ކޯޓުން ހުކުމުކޮށްފައި ވަނީ އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު (231.8 މިލިއަން ރުފިޔާ) ދިނުމަށެވެ. އެ އަދަދުން ޓެކްސަށްވާ ފައިސާ ކެނޑުމަށް ފަހު 130 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކާފަ އެވެ.
އޭޖީ އޮފީސް
ހިޔާލު