Azima ge money laundering massalaige liyun thah havaalu koffi
image
ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު-- ފޮޓޯ: ރައީސް އޮފީސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

އާޒިމާގެ މަނީ ލޯންޑަރިން މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފި، ކޯޓަށް ހާޒިރުވީ ބޭބެ

މަނީ ލޯންޑަރިންގެ މައްސަލާގައި ދައުވާ އުފުލާފައިވާ، ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ ބޭބެ މިއަދު ކޯޓަށް ހާޒިރުވުމުން، ލިޔެކިޔުންތައް ހަވާލުކޮށްފި އެވެ.
ކުރީގެ ސަރުކާރުގައި ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރައްވާފައިވާ އާޒީމާގެ މައްޗަށް ކުރަނީ ރައީސް އަބްދުﷲ ޔާމީނާ ގުޅުން ހުރި މައްސަލައެއްގައި ކަމާ ބެހޭ ފަރާތްތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށާއި، މަނީ ލޯންޑާ ކުރަން އެހީވެ ދެއްވި ކަމުގެ ދައުވާ އެވެ.

އެ މައްސަލާގައި އާޒިމާ އަށް ޗިޓް ހަވާލުކުރަން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އާޒިމާ ރާއްޖޭން ބޭރުގައި އުޅުއްވާތީ އެކަން ވަނީ ނުވެފައެވެ. އާޒިމާ އެނބުރި ރާއްޖެ އައުމުން އޭނާ އަށް ޗިޓް ހަވާލުކުރީ މިހަފްތާގެ އަންގާރަ ދުވަހު އެވެ.

އަންގާރަ ދުވަހު އާޒިމާއަށް ޗިޓް ހަވާލުކޮށް، ބުރާސްފަތި ދުވަހުގެ 09:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.

މިއަދު ކޯޓަށް ވަޑައިގެން ލިޔެކިޔުންތަކާ ހަވާލުވެވަޑައިގެންނެވީ އާޒިމާގެ ބޭބެ އަލީ އާމިރު އެވެ. އެ ދައުވާއާ ގުޅިގެން އާޒިމާ ވިދާޅުވެފައި ވަނީ އެއީ އޭނާގެ ސިޔާސީ ހަޔާތް ދުއްވާލާ، އަބުރާ އިއްޒަތް ނަގާލުމަށް ހުށަހަޅާފައިވާ ދައުވާއެއް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ލިޔުންތައް ހަވާލުކޮށް މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފަށަން ޖެހެ އެވެ. އެގޮތުން މިއަދު އޮތީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ލިޔެކިޔުންތައް ބަދަލު ކުރުމެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފްގެ ކުންފުނިން ކުރީގެ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އޭސީސީއާ ހަވާލުކުރުމަށް އެންގުމުން ފައިިސާ ހަވާލު ނުކޮށް ފައިސާއިން މަންފާ ލިބޭ ގޮތަށް އެކްސްކްރޯ އެކައުންޓެއް ހުޅުވާފާވައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކަމުގައި އޭސީސީގެ ރައީސް ހަސަން ލުތުފީގެ އެހީތެރިކަމެއް އޮތް ކަމުގެ ތުހުމަތު ކުރެވޭއިރު އެ ކޮމިޝަނާ އެކު އެއްބަސްވެވަޑައިގެންނެވި ގޮތަށް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ވަނީ ލިޔުމުން އޭސީސީ އަށް އަންގަވާފަ އެވެ. ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަން ފަހުން ފަޅާއެރުމުން އޭސީސީން ފުލުހުންގެ ކިބައިން އެ މައްސަލަ ބަލައިދޭން އެދި ހުށަހެޅި އެވެ.

އާޒިމާއާ މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފައިވާއިރު، މިއަދު 11:30 ގައި ރައީސް ޔާމީން ވެސް ކޯޓަށް ހާޒިރުވާން ޖެހެ އެވެ. އެކަމަކު ކޯޓުން ބުނީ އެއީ ޝަރީއަތުގެ އަޑުއެހުމެއް ނޫން ކަމަށާއި، ރައީސް ޔާމީނު ހާޒިރު ކުރަނީ އިދާރީ ބޭނުމެއްގައި ކަމަށެވެ.
ހިޔާލު

އަލީސް

"މަނީ ލޯންޑަރިންގެ މައްސަލާގައި ދައުވާ އުފުލާފައިވާ، ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ ބޭބެ މިއަދު ކޯޓަށް ހާޒިރުވުމުން، ލިޔެކިޔުންތައް ހަވާލުކޮށްފި އެވެ."
ދައުވާ އުފުލާފައިވަނީ އާޒިމާއައްތޯ ނުވަތަ ބޭބެއަށްތޯ؟