Budget in miaharuge mihaa thanah MVR 11.8 billion heydha koffi
image
ފިނޭންސް މިނިސްޓްރީ-- ފޮޓޯ: މޯލްޑިވްސް ބިޒިނަސް ރިވިއު
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފި

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ހަރަދާއި އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ދައްކައިފި އެވެ.
ސަރުކާރުން ހަރަދުކުރި 11.8 ބިލިއަން ރުފިޔާގެ ތެރެއިން 22 އިންސައްތައަކީ ކެޕިޓަލްގެ ގޮތުގައި ބޭނުންކޮށްފައިވާ ފައިސާ އެވެ. އަދި 78 އިންސައްތަ އަކީ ރިކަރަންޓު ހަރަދެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަޖެޓުން އެންމެ ގިނަ އަދަދަކަށް ރުފިޔާ ބޭނުންކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީއިންނެވެ. އެއީ 3.2 ބިލިއަން ރުފިޔާ އެވެ.

އެގޮތުން މުވައްޒަފުންނަށް މުސާރަ އަދި އިނާޔަތުގެ އިތުރުން ޕެންޝަންގެ ގޮތުގައި ދޭން ދައުލަތުގެ ބަޖެޓުގައި 9.5 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު މިއަހަރުގެ މިހާތަނަށް 4.9 ބިލިއަން ރުފިޔާ އެކަމަށް ހޭދަކުރެވިފައި ވެއެވެ.

ސަރުކާރުން މިހާރު ދަނީ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ފަށަމުންނެވެ. އެފަދަ މަޝްރޫއުތައް ހިންގުމަށް ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހަރަދުކުރަން ހަތް ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

އެ މަޝްރޫއުތަކަށް ޖުލައި މަހާ ހަމައަށް ހޭދަކޮށްފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުގައިވާ ގޮތުން ދައުލަތުން ވަނީ މި އަހަރުގެ ތެރޭގައި އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފަ އެވެ. ކަނޑައެޅި އަދަދުގެ ތެރެއިން މިހާރު ދައުލަތަށް ވަދެފައިވަނީ 11.5 ބިލިއަން ރުފިޔާ އެވެ.

ލިބިފައިވާ އާމްދަނީގެ ތެރެއިން 24 އިންސައްތަ އަކީ ޓެކްސް ނޫން ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ. ބާކީ 76 އިންސައްތަ އަކީ ޓެކްސް އިން ލިބުނު އާމްދަނީ އެވެ.

ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް 16.5 ބިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާ އެވެ.

މުޅި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއަށް ވުރެ ހަރަދުކޮށްފައިވާ މިންވަރު އިތުރެވެ.
ބަޖެޓް ފިނޭންސް
ހިޔާލު