Zuvaanunge emme bodu kanboduvumakee corruption
image
ޔޫއެންޑީޕީ މޯލްޑިވްސް އާއި ކައުންޓަ ޓެރަރިޒަމް ސެންޓަރުން ކުރި ދިރާސާ ރިޕޯޓު ނެރެނީ-- ފޮޓޯ: ޔޫއެންޑީޕީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮރަޕްޝަން

ދިވެހި ޒުވާނުން އެންމެ ކަންބޮޑުވާ މައްސަލައަކީ ކޮރަޕްޝަނުގެ މައްސަލަ ކަމަށް ޖަޕާނު ސަރުކާރުގެ އެހީގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް (އެންސީޓީސީ) އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރި ''ޔޫތް ވަލްނަރަބިލިޓީ އެސެސްމެންޓް'' އިން ދައްކައިފި އެވެ.
ރާއްޖޭގެ 173 ޒުވާނުން ބައިވެރިކޮށްގެން ހެދި މި ދިރާސާގައި ފާހަގަކޮށްލެވޭ ހަތް މައްސަލައެއް އޮތް އިރު ކޮރަޕްޝަނަށް ފަހު ދެން ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ ތައުލީމާ ދޭތެރޭގަ އެވެ.

އޭގެ އިތުރުން މަސްތުވާތަކެއްޗާއި، ވަޒީފާ ނެތުމާއި، ބޯހިޔާވަހިކަމާއި، ގޭންގް އަދި ޖިހާދުގެ ނަމުގައި އަނިޔާވެރިވުން ފަދަ މައްސަލަތައް ހިމެނެ އެވެ.

އެ ދިރާސާގައި ބައިވެރިވި 35 އިންސައްތަ މީހުން ދެކޭ ގޮތުގައި ރާއްޖޭގެ ކަންތައްތައް ދަނީ ރަނގަޅު މިސްރާބަކަށެވެ.

ލިބިފައިވާ ތައުލީމުން ލިބުނު އެންމެ ބޮޑު އެހީއަކީ ވަޒީފާގެ މާހައުލަށް ނިކުތުމަށް މަގުފަހިވުން ކަމަށް 55 އިންސައްތަ ޒުވާނުން ގަބޫލުކުރާއިރު 51 އިންސައްތަ ބައިވެރިން ގަބޫލުކުރަނީ ތައުލީމުން ލިބުނު އެންމެ ބޮޑު އެހީއަކީ ކުރިޔަށް އޮތް ހަޔާތަށް ތައްޔާރުވުން ކަމަށެވެ.

އަށްޑިހަ އަށެއް އިންސައްތަ ޒުވާނުން އެއްބަސްވާ ގޮތުގައި ސަރުކާރުން ރަށްރަށަށް ގިނައިން ހަރަދުތައް ކުރަން ޖެހޭ ކަމަށެވެ. ދެން ތިބި ޒުވާނުން ދެކޭ ގޮތުގައި ސަރުކާރުން އެހާ ބޮޑު ހަރަދެއް ނުކުރިޔަސް ރަށްތައް ތަރައްޤީވާނެ އެވެ.

އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 67 އިންސައްތަ މީހުން ދެކޭ ގޮތުގައި ރަނގަޅު ވަޒީފާއެއް ލިބެން އޮތީ ރަނގަޅު ގުޅުންތައް އޮވެގެންނެވެ.

ގެއިން ބޭރުގައި އަންހެނުން މަސައްކަތް ކުރަން ޖެހޭ ކަމަށް 84 އިންސައްތަ ބައިވެރިން ގަބޫލު ކުރާއިރު 70 އިންސައްތަ ބައިވެރިން ގަބޫލުކުރާ ގޮތުގައި ސަރުކާރުގައި ބޮޑެތި ރޯލުތައް އަންހެނުން އަދާ ކުރަން ޖެހޭނެ އެވެ.

އެފަދަ ކަންތައްތަކުގެ އިތުރުން އެ ރިޕޯޓުގައި އެހެނިހެން ކުދި ކުދި މައްސަލަތަކާއި ބެހޭގޮތުން ވެސް ދިރާސާކޮށްފައިވެ އެވެ.
ހިޔާލު