Rayyithunge faisaa aai rayyithunge haggu thakah ves hiyaanaaniy!
image
ކުރީގެ ރައީސް ޔާމީން، ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރުކަން އާޒިމާއަށް ދެއްވަނީ--
9 ކޮމެންޓް
 

ރައްޔިތުންގެ ފައިސާ އާއި ރައްޔިތުންގެ ހައްގުތަކަށް ވެސް ހިޔާނާތް!

މިހާރު އަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ 2008 ވަނަ އަހަރު ވުޖޫވި ދުވަހުން ފެށިގެން ދިވެހި ރައްޔިތުންނަށް ވަނީ އެތައް ހައްގުތަކެއް ކަށަވަރު ކޮށްދީފަ އެވެ. ކުރު ގޮތަކަށް ބުނާ ނަމަ އެ ގާނޫނު އަސާސީގައި ބަޔާން ކުރާ ދައުލަތުގެ ތިން ބާރުގެ މައްޗަށް ލާޒިމްކޮށްފައި ވަނީ ރައްޔިތުން ހައްގުތައް ރައްކާތެރި ކޮށްދިނުމާއި ކަށަވަރުކޮށްދިނުމުގެ މައްޗަށެވެ.
ގާނޫނު އަސާސީގައި ދިވެހި ދައުލަތަކީ ކޮބައިކަން ހާމަކޮށްދިނުމަށް ފަހު، އެ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ބާރުގެ މާއްދާގައި ބަޔާން ކޮށްފައި ވަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި އެބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

އެކަން އެހެން އޮތްއިރު، ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ޒިންމާ ވަރަށް ބޮޑެވެ. އެ ޒިންމާތަކާ އެއް ވަރަށް ދިވެހި ދައުލަތުން އެ މީހުންނަށް މުސާރަ އާއެކު ގިނަ އިނާޔާތްތަކެއް ދެއެވެ. ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މަސްއޫލިއްޔަތާއި އެއްވަރުގެ އުޖޫރައެއް ދައުލަތުން ދެނީ ސަބަބެއް އޮވެގެންނެވެ. އެއީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ގޮތަށް މަގާމުގެ ޒިންމާ އަދާ ކުރުމަށެވެ. އަދި ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިން ދުރުކުރުވުމަށެވެ.

ރާއްޖޭގައި ވަރަށް ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ވަރަށް އިހުލާސްތެރި ބޭފުޅުންނާއި މަކަރުވެރިން ވެސް އުޅެއެވެ. ބޮޑެތި ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނުގެ އަމަލުތައް ހިންގަވާ ބޭފުޅުން ތިއްބަވަ އެވެ. އެ ބޭފުޅުން އެކަން ކުރުމުގައި އަމަލު ކުރަމުން ދަނީ ވެސް އޭނާގެ އެހެން ބައިވެރިން ވެސް އެކަމުގައި ބައިވެރިކޮށް، ބޮޑު ނެޓުވޯކެއްގެ ގޮތުގަ އެވެ. މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީ އެވެ. ދައުލަތުގެ ވަޒީފާތަކުގައި ތިއްބަވާ ގިނަ ބޭފުޅުން ހިޔާނާތައި ކޮރަޕްޝަނުގެ އަމަލުތައް ހިންގަވާތީ އެވެ.

ގިނަ ބޭފުޅުންނަކީ ދައުލަތުގެ ފައިސާއިން ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަން ހިންގަވާ ބޭފުޅުންނެވެ. އެގޮތުން ގިނަ ބޭފުޅުން މަގާމުގެ ނާޖާއިޒު ފައިދާ ހޯދާ ވަކި ބަޔަކަށް މާލީ އަދި ސިޔާސީ މަންފާ ހޯދާ ދިނުމުގައި ދެމި ތިއްބަވަ އެވެ.

ދައުލަތް ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ކުރުމާއި ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ ބޭފުޅުންނާއި އެ ބޭފުޅުންނަށް އެހީތެރިވަމުންދާ ބޭފުޅުން ވެސް އުޅެއެވެ.

މިސާލަކަށް، ދައުލަތަށް ހިދުމަތް ކުރުމުގެ ތެރޭ މުއްސަނދި ވެވިދާނެ އެތައް ފުރުސަތުތަކެއް ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް ހިޔާނާތުގެ ފައިސާގައި ދުވަހަކު ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައި ވާތީ ސުވާލު އުފެދޭ ކަންކަން ބައިވަރެވެ.

ފުރަތަމަ އުފެދޭ ސުވާލަކީ "ދައުލަތަށް ހިދުމަތް ކުރުމުގައި" މުއްސަނދި ވެވިދާނެ އެތައް ފުރުސަތުތަކެއް ލިބިވަޑައިގެންނެވި ވާހަކައަކީ ކުޑަ ވާހަކައެއް ކަމާ މެދު އުފެދޭ ސުވާލެވެ. އެއީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ވެސް ނޫނެވެ.

އާޒިމާ ވިދާޅުވާ ގޮތުން އުމުރުން 16 އަހަރުން ފެށިގެން ދައުލަތަށް ހިދުމަތް ކުރުމުގައި އުޅުއްވާފައި ވެއެވެ. އަނެއްކާ އާޒިމާއަކީ "ފުންނާބު އުސް" ގާނޫނީ ވަކީލެކެވެ. ތިން ސަރުކާރެއްގެ ކެބިޓް މިނިސްޓަރުކަން ކުރެއްވި އެވެ. އަދާކޮށްފައިވާ މުހިއްމު މަގާމުތަކުގެ ތެރޭގައި ދައުލަތުގެ އެޓާނީ ޖެނެރަލް ކަމާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ހިމެނެ އެވެ. ދައުލަތަށް ގާނޫނީ ލަފާ ދެއްވުމުގައި ދިގު މުއްދަތެއް ހޭދަ ކުރެއްވި ބޭފުޅަކަށް ފައިސާ އާއި މާލީ އެހީތައް ހުށަހެޅި ބަޔަކު ހޯދަން ޖެހެ އެވެ. އެ ފުރުސަތު ލިބިލެއްވި ގޮތް ބަލަން ޖެހެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން އަދި އޭގެ ކުރިން އާޒިމާއަކީ ބައެއް ގާޒީންނާ ގާތް ގުޅުމެއް އޮތް ގާނޫނީ ވަކީލެއްކަން ވަނީ ފާހަގަވެފަ އެވެ. ހާއްސަ ގޮތެއްގައި އެކަން އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގަ އާއި އޭގެ ފަހުންނެވެ.

ބައެއް ސިޔާސީ ލީޑަރުންނާއި ސިޔާސީ ފަރާތްތަކުން ފާހަގަ ކުރާ ގޮތުން އާޒިމާގެ ލަފާފުޅުގެ ދަށުން ބައެއް ކަންކަން ކޮށްގެން ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމަށް ފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމުން އެ ސަރުކާރުން ބާތިލު ކުރުމުން ދައުލަތަށް ވަނީ މާލީ ބޮޑު ގެއްލުމެއް ވެފަ އެވެ.

"އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް" ކަމަށް ވިދާޅުވެ، އާޒިމާ ލަފާ ދެއްވި އިރު، އާހިރުގައި ދިވެހި ދައުލަތުން 400 މިލިއަން ޑޮލަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދައްކަން ޖެހުނެވެ. ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުން އުވާލިއިރު، މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏަށް 18 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. ހައުސިން ޔުނިޓްތަކެއް އެޅުމަށް "ނޫމަޑި" އާއެކު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމުން ދައުލަތުން 350 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ބެލެވެ އެވެ. އެއީ އަދި އާބިޓްރޭޝަނުގެ މައްސަލަތަކުގެ ތެރެއިން ދައުލަތަށްވި ގެއްލުންތަކެވެ.

އެކަން ކަމަކީ އާޒިމާގެ މަގާމުގެ ޒިންމާއެއް އޮތް ކަންކަމެވެ. މީގެ އިތުރުން ވެސް ރައީސް ވަހީދުގެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުން އެކިއެކި ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލް ކުރުމުންނާއި އެއްބަސްވުމާއި ހިލާފުވެގެން ގިނަ އަދަދެއްގެ ފައިސާ ދައުލަތުން ދައްކަން ޖެހުނެވެ. އޭގެ އެއް މައްސަލައަކީ ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހުނު މައްސަލައެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ވިލާ ޓްރެވަލްގެ ބޮޑު ހިއްސާއެއް އޮންނަ، ޑަބްލިއުއެލްޓީ އާއެކު ވެފައިވާ އެއްބަސްވުމާ އެއް ގޮތަށް ރަށެއް ނުދިނުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު (231.8 މިލިއަން ރުފިޔާ) ދޭން ޖެހުނެވެ. އެ އަދަދުން ޓެކްސަށްވާ ފައިސާ ކެނޑުމަށް ފަހު 130 މިލިއަން ރުފިޔާ ދައުލަތުން ދާދި ފަހުން ވަނީ ދައްކާފަ އެވެ.

މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ވޭތުވެ ދިޔަ ހަތް އަހަރުގެ ތެރޭގައި ހަމައެކަނި އެއްބަސްވުންތައް އުވާލުމާއި ހިލާފުވެގެން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތައް ވަނީ ލިބިފަ އެވެ. އެކަން ކަމުގައި އާޒިމާގެ ޒިންމާއެއް އޮތް ކަމަށްވާ ނަމަ އެ ޒިންމާ އުފުލަން ޖެހެ އެވެ. މާލީ ފައިދާއެއް އޭނާ ނުނެގި ނަމަވެސް ދައުލަތަށް ލިބޭ ކޮންމެ ގެއްލުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭ ގެއްލުމެކެވެ.

ދެން އޮތީ ދައުލަތުގެ ކުންފުނިތަކުން ރޯމާ ދުވާލު ހިންގާފައިވާ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތަކެވެ. އެމްއެމްޕީއާރުސީން އެކަނިވެސް 80 މިލިއަން ޑޮލަރު (1.23 ބިލިއަން ރުފިޔާ) ހިޔާނާތް ހިންގިއިރު، އާޒިމާއަކީ ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރެވެ. އެ މަގާމުގައި ހުންނެވިއިރު، އެފަދަ ކަމެއް ހިނގާކަން ނޭނގޭ ކަމަށް ބުނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ބާރުގަދަކޮށް، އަދި އެންމެ ހައްސާސް ދަނޑިވަޅުތަކުގެ ފެންނަ ހައެއްކަ ބޭފުޅުންގެ ތެރޭގައި އާޒިމާ އާއި އޭރުގެ އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ހިމެނެ އެވެ.

ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަން އިންތިހާއަށް ކުރަމުން ދިޔައިރު، ފަހަރެއްގައި އާޒިމާއަށް މާލީ ފައިސާއެއް ލިބެން އޮތަސް ނުނަގާ ދޫކޮށްލުމަކުން ނުފުދެ އެވެ. އެކަން ހުއްޓުވާ، ދައުލަތުގެ މުދަލާއި ފައިސާއިން ހިޔާނާތްވާން ދޫކޮށްލުމަކީ ވެސް ބޮޑު ކުށެކެވެ. އަދި މަނީ ލޯންޑާ ކުރުމުގެ ބޮޑު ތުހުމަތެއް ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ އިރު، އެކަމުގައި އާޒިމާގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވެއެވެ.

ރައީސް ޔާމީނާއެކު އެފަދަ ކަމެއްގެ ތުހުމަތު ކުރެވިފައިވާ މީހަކު ރައީސް ޔާމީނާއެކު އޭރު އެ ސަރުކާރުން ހިނގި "ޖަރީމާ" ތަކުގައި ބައިވެރި ނުވާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ. އެއީ ރައީސް ޔާމީނާއި އާޒިމާއަކީ ވަރަށް ކުރިން ފެށިގެން އެކުގައި މަސައްކަތް ކުރައްވަމުން އަންނަ ވަރަށް ގާތް ދެބޭފުޅުން ކަމުގައި ވާތީ އެވެ.

ދެން އޮތީ ރައީސް ޔާމީންގެ ވެރިކަމުގައި ދެ ފަހަރެއްގައި ހިންގި ކުއްލި ނުރައްކަލުގެ ހާލަތެވެ. ކުއްލި ނުރައްކާ ހިންގީ ދިވެހި ރާއްޖެއަށް ގުދުރަތީ ކާރިސާއެއް ނުވަތަ، އިންސާނީ ބާރު ނުފޯރާ ފަދަ ހާލަތެއް މެދުވެރިވެގެންނެއް ނޫނެވެ. އެ ދެ ފަހަރު ވެސް ކުއްލި ނުރައްކަލުގެ ހާލަތު ހިންގީ ހަމަ ރައީސް ޔާމީންގެ ސަރުކާރުގެ އިހުމާލުން، ސަރުކާރުގެ ވެރިންގެ އަމަލުތަކުގެ ސަބަބުންނެވެ.

ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު ހިނގީ، ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ހިސާބުންނެވެ. އެއީ ސަރުކާރުގެ ތެރެއިން ހިންގާފައިވާ ކަމެއް ކަމަށް އޭރު ވެސް ސަރުކާރުން ބުނެފައި ވެއެވެ. ދެން އޮތީ އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ އަމުރު ތަންފީޒު ނުކުރަން ވެގެން ހިންގި "ޖަރީމާ" އެވެ. ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ހިންގި "ޖަރީމާ" ތަކުގެ އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ އާޒިމާ އާއި އޭރުގެ އެޓާނީ ޖެނެރަލް އަނިލް އެވެ.

ވޭތުވެދިޔަ ހަތް އަހަރު، ހާއްސަކޮށް، ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ފައިސާ އަށް އިންތިހާ އަށް ވަނީ ހިޔާނާތްވެފަ އެވެ. އެއީ ސިދާ ދިވެހި ރައްޔިތުންގެ ފައިސާ އެވެ. އެއީ ދިވެހި ރައްޔިތުންގެ ހައްގެކެވެ. އެ މައްސަލަތައް ބެލުމަކީ، ނިމިދިޔަ ސަރުކާރު ފަހާ ދުވުމެއް ނޫނެވެ. ނިމިދިޔަ ސަރުކާރުން ދައުލަތް ހިންގުމުގެ ނިޒާމް ގަޑުބަޑުކޮށް، ސީދާ ގޮތެއްގައި އެތައް ދިވެހި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، އަދި ނުސީދާކޮށް، ހުރިހާ ދިވެހި ރައްޔިތުންގެ ހައްގުތަކަށް އަރާގަނެފައިވާ މައްސަލަތައް ބެލުމަކީ ވެސް އެ ސަރުކާރު ފަހާ ދުވުމެއް ނޫނެވެ.

ދިވެހި ރައްޔިތުން ތަމްސީލް ކުރާ މެމްބަރުން ތިއްބަވާ ގާނޫނު ހަދާ މަޖިލީހުގައި ތަޅު އެޅުވުމާއި، މަޖިލިސް މެމްބަރުންނަށް ދިން އަނިޔާއަކީ ވެސް، ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެވެ. އެކަންކަން ތަހުގީގު ކުރުމަށްފަހު، ޝަރީއަތް ކުރެވެން ޖެހެ އެވެ. އެއީ މިހާރު ތިބި އިދިކޮޅު ފަރާތްތައް ފަހާ ދުވުމެއް ނޫނެވެ. ދިވެހި ރައްޔިތުންނަށް އިންސާފު ގާއިމުކޮ ށްދޭން ޖެހެ އެވެ. އެހެން ނޫނީ، ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތެވެ.
ހިޔާލު

ލައްޓިމޫސަ

އާޖިމާއަކީ ސުރުހީގައިވާ ކަންކަމުގައި މަގުފަހި ކުރުމަށް އަވަދި ނެތި އުޅުނު މީހެއް

އައިސް

މިހާރު މަޖިލީހުން މީހުންގެ ހައްގު ތައް ފައިން އަރާ ވީދާ އިރު ނޫސް ވެރިން ނިދާފަ އިގުތިޞޯދު ދަށަށް ރިޒާވް ދަށަށް އިމްޕޯޓް ދަށަށް ބޭރުގައުމަށް ދަތުރު ކުރާ ވަޒީރުންގެ އަންބޮޑި މައްޗަށް.....ކޮމެންޓް ޖަހާތި....

ެރަތަފަންދޫ މިސްބެ

މި ނޫހުގެ ލިޔުންތައް ލިޔާ މީހުންގެ ނަން ޖަހާލަން ނުކެރެނީ ކީއްވެކަމާމެދު ސުވާލު އުފެދޭ! ފިނޑިކަމުން ކަމަށް ބޮޑަށް ލަފާ ކުރެވެނީ

މާވަޑި ފަލާހް

"ދައުލަތަށް ހިދުމަތް ކުރުމުގައި" މުއްސަނދި ވެވިދާނެ އެތައް ފުރުސަތުތަކެއް ލިބިވަޑައިގެންނެވި ވާހަކައަކީ ކުޑަ ވާހަކައެއްނޫނެވެ. މިފަދަވާހަކަތައް ނޫނީ ހުށައެޅުންތައް ލިބުނުވަގުތު ކަމާބެހޭފަރާތްތަކަށް ހުށައަޅައިގެން މައްސަލަބެލިނަމަދެއްތޯ ކަމަނާގެ އިޙްލާސްތެރިކަމެއް އިނގޭނީ، މިހާރު ކަމަނާއަށް ކުރެވޭ ކޮރަޕްޝަނާ ހިޔާނާތުގެ މައްސަލަބަލަންފެށުމުން ތިވާހަކަތައްދައްކަންތިފެށީ ރައްޔިތުންގެ ފޯކަސްގެއްލުވާލަންކަމަށްވާނަމަ ތީކުންހީއެއް. ޢަދި ކަމަނާގެ ސަބަބުން ޖީއެމްއާރަށް ދައުލަތުން ނޫނީ ނިމަމެތި ރައްޔިތުންދައްކާ ޓެކުސްފައިސާއިން ބޮޑުއަދަދެއް ސަރުކާރުން ދޭންޖެހުމަކީވެސް ބަލަންޖެހޭ މައްސަލައެއް، އޭރުކަމަނާވިދާޅުވީ ވޮއިޑް އެންޑު އިނިޝިޔޯއޭ އެކަމު އާހިރުގަ ކަންވެގެންދިޔައީ ދައުލަތުގެ ހަޒާނާއިން ޖީއެމްއާރަށް ބިލިޔަނުން ފައިސާދޭންޖެހުން.

ޖަޒީރާ ދަރި

ވަރަަށް މަދުން ނޫނީ މިފެންވަރުގެ ކިޔާލަން ފަސޭހަ، ދެފުށް ފެންނަ ވަރުގެ ރިޕޯޓްތަކެއް ނުލިބޭ. ވަރަށް ފުރިހަމަ ރިޕޯޓް އެއް.

.ވގ

.ރޔވައްކަން ކުރެއްވި ނަމަ މި ގައުމުގާ މިހާ ގިނަ ބޮޑެތި ބިއަ މަޝްރޫއު ތައް ހިންގެވުނީސްތޯ ހަގީގަތް ފޮރުވަން ކިތަންމެ ވަރަކަށް އުޅުނަސް އެކަމެއް ނުވާނެ ، މި ސަރުކާރުން 8 މަސްތެރޭގާ 162 މިލިއަން ރުފިއާ މަދުވީ އެއީ ގައުމަށް ވީ ޚިޔާނާތަކަށް ނުވަނީބާ؟ މިކޮމެންޓު ސާއިއު ކުރަން ކެރޭނެބާ!!

.ގެއްލުން

.ތި ކިއާލި ގެއްލުންތައް އުފެއްދީ ކޮނަބައެއް ކަންވެސް ކިއާލި ނަމޭ ހިތަށް އަރާ ތި ބުނާ ޖީއެމް އާރަކާ އަނެއްތަނަކާ ދެންވެސް އޮތް ގެއްލުން ތައް ވުޖޫދު ކުރުވީ ކޮނ ބައެއްކަން ވެސް އެބަ ލިއަން ޖެހޭ
.ދައުލަތުން ރނ އިރު ކޮފާވާ ވައްކަން ތައް އޮޑިޓު ރިޕޯޓުން ހާމަވެ ކަށަވަރު ވެފާ ވާއިރު ެ ވާހަކަތއް ވެސް ނުލިއުނީ ކީއްވެބާ؟

މަރިޔޯ

ޢެމް ޑީޕީ ޕަޕެޓް ނޫސް..ނަމުން މިނިވަން ނޫސް ވެރިކަން ކަމުން ޕާޓިޔަ ސާނާ ކިޔާއިން ނޫސް ހިންގަނި

ދިވެހި ރަޢިއްޔަތެއް

މިއީ ކަންހިނގައިދިޔަގޮތާއި ކަންއޮތްގޮތް ވަރަށްވެސް ފުރިހަމަށް ބަޔާންކޮށްދޭ ލާމަސީލު ރިޕޯޓެއް. މަޤާމަކާއި ޙަވާލުވެ، ދައުލަތުން އުޖޫރަނަގާ ކޮންމެފަރުދަކީ ޒިންމާނަގައި، ޖަވާބުދާރީވާންޖެހޭ ފަރުދެއްގެ ޙައިޞިއްޔަތުން މަޖިލީހާއި ސަރުކާރާއި ޝަރުޢީނިޒާމުން މިކަންކަން ބަލައި ޒިންމާދާރުކުރުވަންޖެހޭނެއެވެ. މިފަދަ ކަންތައް ބަލަންއެބަޖެހެއެވެ. މިރިޕޯޓު ހުށަހެޅުއްވިކަމަށްޓަކައި ވަރަށްބޮޑަށް ޝުކުރިއްޔާ!