Saqaafee tharikaige bill ah aanmunge hiyaal hushahelhumah furusathu hulhuvaalaifi
image
މާލޭގައި ހުންނަ ހުކުރު މިސްކިތް: ދިވެހި އާސާރީ ތަރިކައެއް--
0 ކޮމެންޓް
 

ސަގާފީ ތަރިކައިގެ ބިލަށް އާއްމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ދިވެހިރާ އްޖޭގެ ޘަޤާފީ ތަރިކައިގެ ބިލް" އަށް އާއްމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ، މިއަދުން ފެށިގެން މިމަހުގެ 16 ވާ އަންގާރަ ދުވަހު މެންދުރު 02:00 ގެ ކުރިން، "ދިވެހި ރާއްޖޭގެ ޘަޤާފީ ތަރިކައިގެ ބިލް" އަށް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ އެ އިދާރާއަށް ހިއްސާކޮށްދެއްވުމަށް އެދޭ ކަމަށެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އެ ބިލާ ގުޅޭ ގޮތުން، ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ އެފަރާތަކުން، [email protected] އީމެއިލް ކުރެއްވުން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުވުމަށް އެދޭ ކަމަށެވެ.

ސަގާފީ ތަރިކައިގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ފޮނުވާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތަރިކައިގެ ބިލް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައި ވަނީ 68 މެމްބަރުންގެ އިއްތިފާގުންނެވެ.

ގައުމީ ތަރިކައިގެ ބިލަކީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީސް ނިމެން ދަނިކޮށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ބިލެކެވެ. އެކަމަކު އެ ބިލުގެ މަސައްކަތް އޮތީ ނުނިމި އެވެ.

އެހެންކަމުން މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލުން އެބިލް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

މި މަހުގެ ދެ ވަނަ ދުވަހު އެ ބިލަށް ބަހުސް ކުރުމަށް ހުޅުވާލުމުން، ރާއްޖޭގެ ސަގާފަތާއި އާސާރީ ތަރިކައިގެ މުއްސަނދިކަން ހުރި މިންވަރު ބައެއް މެމްބަރުން ވަނީ ޖަލްސާގައި ފާހަގަ ކުރައްވާފަ އެވެ.

ބައެއް މެމްބަރުން ވަނީ އެ މެމްބަރުން ނިސްބަތްވާ ސަރަހައްދެއްގެ ބަހުރުވައިން މަޖިލިހުގެ ތަޅުމުގައި ވާހަކަދައްކަވާފަ އެވެ. އަދި ކުރީގެ ސަރުކާރުން ސަގާފީ ތަރިކައަށް އިހުމާލުވެފައި އޮތް އޮތުން "ބޮޑު ހިޔާނާތެއްގެ ގޮތުގައި" ވެސް ބައެއް މެމްބަރުން ސިފަ ކުރެއްވި އެވެ.

ހުރިހާ މެމްބަރުން ވެސް އެއްބަސްވެ ވަޑައިގެންފައި ވަނީ ރާއްޖޭގެ ސަގާފީ ތަރިކައަށް އިހުމާލުވެފައި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ހިޔާލު