Mi sarukaarun Jabir ah ves insaafu hoadhai dheyne: Minister Ali Waheed
image
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު (ކ) އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ވ)--
1 ކޮމެންޓް
 

މި ސަރުކާރުން ޖާބިރަށް ވެސް އިންސާފު ހޯދައި ދޭނެ: މިނިސްޓަރު އަލީ ވަހީދު

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވެސް މި ސަރުކާރުން އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރުވެވަޑައިގެން އަލީ ވަހީދު ވަނީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

އެ ކޮމިޓީގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ މިނިސްޓަރާ ސުވާލު ކުރެއްވީ ޖާބިރެވެ. ޖާބިރު ވަނީ ޓޫރިޒަމް މިނިސްޓްރީން އާއްމު ފަރާތްތަކަށް ޖަވާބު ދިނުމުގައި ލަސްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

"ސަރުކާރާ ހަވާލުވެގެން ބެލިއިރު، ޕްރޮޕާ ޑޮކިޔުމެންޓްސް ވެސް ނެތް. އަދިވެސް އެމްއެމްޕީއާރްސީން އޭރު ދޫކުރި ހުރިހާ ރަށްތަކުގެ ޑޮކިޔުމެންޓެއް ޓޫރިޒަމް މިނިސްޓްރީ އަށް ހަމައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ މިނިސްޓްރީތަކުން މިހާރު ކުރަމުން ދަނީ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށާއި، "ދައުލަތް ބޮއްސުންލާފައި" އޮތުމުން ކަންކަން ލަސްވަނީ ކަމަށެވެ.

"އެކަމާ ދެރަވޭ. އޮޅުންބޮޅުންވެފައި އޮތް ދައުލަތެއް ހަމަ މަގަށް އެޅުވުމުގެ މަސައްކަތް މި ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ލިޔެކިޔުންތަކުގެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖާބިރުގެ ވިޔަފާރި އަށް ދަތި ކުރަން ވެސް ކުރީގެ ސަރުކާރުން މަސައްކަތް ކުރިކަން ލިޔުންތަކުން އެނގެން އެބަ އޮތް ކަމަށެވެ.

"މަނިކުފާނަށް (ޖާބިރަށް) ވެސް ސިސްޓަމެޓިކަލީ ހުރަސް އަޅާފައި ހުރި ތަން އަޅުގަނޑުމެން ގެ ޑޮކިޔުމަންޓްސް އިން ފެންނަން ހުރި. ﷲ އިރާދަފުޅުން މަނިކުފާނަށް ވެސް އިންސާފު ލިބިގެން ދާނެ،" އަލީ ވަހީދު އެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޖާބިރު ގިނަ ދުވަސްތަކެއް ވަންދެން ހުންނެވީ ގައުމުން އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގަ އެވެ.

އެގޮތަށް ހުންނަވަނިކޮށް 2017 ވަނަ އަހަރު އޭނާގެ ޕާސްޕޯޓު ވެސް ހިފެހެއްޓި އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ސިވިލް ކޯޓުން ބުނެފައި ވަނީ އެކަން ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

ގިނަ ދުވަސްތަކެއް ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު ޖާބިރު ރާއްޖެ އަށް ވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ލިބިވަޑައިގެންނެވުމުންނެވެ.

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓު ލިބިވަޑައިނުގެންނެވުމުން، މިއަހަރު އޮތް މަޖިލިސް އިންތިހާބުގައި ޖާބިރު ކާށިދޫ ދާއިރާ އަށް ވާދަކުރައްވާ، ކާމިޔާބު ހޯއްދެވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖާބިރު މިހާރު އުޅުއްވަނީ އެމްޑީޕީ ދޫކޮށް އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާ ގުޅިވަޑައިގެންނެވުމަށެވެ.
ހިޔާލު

އަލިސް

ސީއެންއެމްއަށް އެނގޭތޯ ބާކައުންސިލްގެ އިންތިހާބު މިއަދު އޮތްކަން؟؟؟؟؟