JSC ah kanda alhaa aammunge memberu kamah furusathu hulhuvaalanee
image
ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ހިމެނޭ، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ، މިވަގުތު އެމަގާމު ފުރުއްވަމުން ގެންދަވާ ހައްނާނު: މަގާމުގެ ލިޔުން ކުރީގެ ރައީސް ޔާމީން ހަވާލުކޮށްދެއްވަނީ--
0 ކޮމެންޓް
 

ޖޭއެސްސީ އަށް ކަނޑައަޅާ އާއްމުންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އާއްމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުގެ މުއްދަތު ހަމަވާތީ އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން ކޮންމެ އާދިއްތަ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ، ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ޅ)ގެ ދަށުންނާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ހަ ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން، ޖޭއެސްސީ އަށް އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން، މިހާރު ކަނޑައަޅާފައި ހުންނެވި މެމްބަރުގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 12 ވަނަ ދުވަހަށް ހަމަވާ ކަމަށެވެ.

އެހެންކަމުން، މިހާރު ހުންނެވި މެމްބަރުގެ މަގާމުގެ މުއްދަތު ހަމަވާތީ، މިއަދު މަޖިލީހުގެ އިދާރާއިން އެމަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

ނިއުޝާ ވިދާޅުވީ ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ހިމެނޭ، އާއްމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރު 02:00 ނިޔަލަށް ކަމަށެވެ.

ޖޭއެސްސީ އަށް އާއްމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެމްބަރަކު ކަނޑައަޅަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އެ ނަމެއް ފާސްކޮށްގެންނެވެ.

ޖޭއެސްސީގައި މިހާރު، އާއްމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާފައި ހުންނަވާ މެމްބަރަކީ ގާނޫނީ ވަކީލު އަބްދުލް ހަންނާން އަހުމަދެވެ.

ޖޭއެސްސީއަށް އޭނާ އައްޔަން ކުރައްވާފައި ވަނީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ހަންނާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އޭރު ވެރިކަން ކުރަމުން ދިޔަ ޕީޕީއެމްގެ ފަރާތުން ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދެވި ގާނޫނީ ވަކީލެކެވެ.

މިވަގުތު ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ:

1. އުއްތަމަ ފަނޑިޔާރު ފިޔަވައި ސްޕްރީމް ކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު އަބްދުﷲ އަރީފް (ކޮމިޝަނުގެ ރައީސް)
2. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
3. ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން، އެ ކޯޓުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމް
4. ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު މުހައްމަދު އީސާފުޅު
5. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު ހިސާން ހުސައިން
6. އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅުއްވި މެމްބަރު އަބްދުލް ހަންނާން އަހުމަދު
7. ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް
8. ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަސްތޫރު ހުސްނީ
9. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު
10. ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަންކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެތެރެއިން އެބައިމީހުން އިންތިހާބުކުރާ ގާނޫނީ ވަކީލެއް

ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލެއްގެ ގޮތުގައި އެންމެ ފަހުން އެ މަގާމުގައި ހުންނެވީ ލަތީފާ ގާސިމެވެ. އޭނާގެ މަގާމު ގެއްލުނީ، ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި ބާ ކައުންސިލެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއެކު މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ލަތީފާ ގާސިމްގެ މަގާމު ގެއްލިފައި ވަނީ، އެ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެ މަތިންނެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގާނޫނީ ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް އިންތިހާބު ކޮށްފައިވާ މެމްބަރުގެ މަގާމު ގެއްލޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖޭއެސްސީ އަށް އިންތިހާބު ކުރާ ގާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކަށް ވާން ޖެހޭނެ ކަމަށެވެ.

އިއްޔެ ވަނީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލްގެ ފުރަތަމަ އިންތިހާބު ބާއްވާ އެކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކޮށްފަ އެވެ. ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އިންތިހާބު ކުރެވިފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު އެވެ. ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބު ކުރެވުނީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު އެވެ. މީގެ އިތުރުން ދެން ބާކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ހިމެނެނީ އިންތިހާބު ކުރެވިފައިވާ ހަ ގާނޫނީ ވަކީލަކާއި ދައުލަތުގެ ބަންޑާރަ ނައިބެވެ.
ހިޔާލު