Emme uthurah fathuruverikan gendhan kureege sarukaaru thakun othee ihumaalu vefa: Minister Ali Waheed
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ފޮޓޯ: ސަން
0 ކޮމެންޓް
 

އެންމެ އުތުރަށް ފަތުރުވެރިކަން ގެންދަން ކުރީގެ ސަރުކާރުތަކުން އޮތީ އިހުމާލުވެފައި: މިނިސްޓަރި އަލީ ވަހީދު

ރާއްޖޭގެ އެންމެ އުތުރަށް ފަތުރުވެރިކަން ގެންދަން ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ ކަމަށާއި، މި ސަރުކާރުން އެކަން ބަދަލު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރުވެވަޑައިގެން އަލީ ވަހީދު އެހެން ވިދާޅުވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔަތުގެ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ހދ.، ހއ. އަދި ށ އަތޮޅަށް ފަތުރުވެރިކަން ގެންދަން ވަނީ އިހުމާލުވެފައި. ރައީސް ވަނީ 35000 އެނދު ވައުދުވެފައި. ޕްލޭނިން މިނިސްޓްރީން އެ ރޭވުންތައް ނިމޭއިރު، މި ބަލަނީ ހަ ޒޯނަކަށް ރާއްޖެ ތަރައްގީ ކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހަ ޒޯނަކީ ހއ، ހދ، ށ ހިމެނޭ ޒޯނާއި، ނ، ރ، ބ، ޅ ހިމެނޭ ޒޯނާއި، މާލެ އަތޮޅު އަދި އދ. އަތޮޅު ހިމެނޭ ސެންޓްރަ ޒޯނާއި، ވ، މ، ފ، ދ، ތ، ލ، ހިމެނޭ ޒޯނާއި، ގއ، ގދ، ހިމެނޭ ޒޯނާއި، އައްޑޫ އަދި ފުވައްމުލަކު ހިމެނޭ ޒޯނު ކަމަށެވެ.

ފަތުރުވެރި ކަމަށް މުޅިން އަލަށް 35،000 އެނދު ނެރުމަށް ކުރާ މަސައްކަތުގެ ޕްލޭން ރައީސް އޮފީހާ ވެސް ހިއްސާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަހަރު ރިސޯޓު ތަރައްގީ ކުރަން މަސައްކަތް ކުރަންޏާ އެންމެ ބޮޑު އިސްކަމެއް ދޭނީ ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ ޒޯނަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިވަގުތު ވެސް ބަންދުކޮށްފައި ދިހަ ރިސޯޓެއް އެބަ އޮތް ކަމަށާއި އެއްވެސް މަސައްކަތެއް ނުހިނގާ 70 "ޑިސްޓްރެސްޑް އައިލެންޑްސް" އެބަ އޮތް ކަމަށެވެ.

"އެއީ އެކަށީގެންވާ ގޮތަށް މަސައްކަތް ހިނގާ ކަމަށް ގަބޫލު ނުކުރެވޭ ރަށްތައް،" އަލީ ވަހީދު ވިދާޅުވި އެވެ. އެ ރަށްތަކާ މެދު އަމަލު ކުރާނެ ގޮތުގެ ލަފަޔަކަށް މިހާރު އެދިފައިވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެ ރަށްތަކުގެ ލިސްޓާއި އަމަލު ކުރާނެ ގޮތެއް ހޯދަން މިހާރު ވާނީ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައި،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އެކި ސިޔާސަތުތަކުގެ ތެރެއިން ފައިނޭންސް ނެރި، އެ ރަށްތައް ތަރައްގީ ކުރެވޭނެ ގޮތްތަކެއް ހޯދަން ކަމަށެވެ.
ހިޔާލު