Kulhuntheringe kibain raees edhilahvanee ahulaaq hifehehtumah!
image
ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު މިއަދު ކުޅުންތެރިންނަށް ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ކުޅުންތެރިންގެ ކިބައިން ރައީސް އެދިލައްވަނީ އަހުލާގު ހިފެހެއްޓުމަށް

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިން ހޯދާ ކޮންމެ ކާމިޔާބަކީ، ގައުމަށް ލިބޭނެ ވަރަށް މަތިވެރި ފަހުރަކާއި ޝަރަފަކަށް ވާނެކަމަށާއި އެހެންކަމުން މުބާރާތަށް ގޮސް އުޅޭއިރު ރީތި އަހުލާގުގެ އެންމެ މަތީ މިންގަނޑު ހިފެހެއްޓުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުޅުންތެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް ސޯލިހު ކުޅުންތެރިންނަށް އެފަދަ އިލްތިމާސްއެއް ކުރައްވާފައި ވަނީ މިއަދު ހަވީރު އައިއޯއައިޖީގައި ރާއްޖެ ތަމްސީލްކުރާ ކޮންޓިންޖެންޓާ ރައީސް އޮފީހުގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަށް މި ސަރުކާރުން އިސްކަން ދޭ ކަމަށާއި އަދި އެއީ ކުޅުންތެރިންތަކެއް އުފައްދައި، ހުނަރުވެރި ގާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ ބޭނުމުގައި ކަނޑައެޅުއްވި ސިޔާސަތެއްކަމުގައި ވިދާޅުވެފައެވެ.

ރައީސް ވަނީ އައިއޯއައިޖީއަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެއް ކަމަށާއި އެގޮތުން ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އައިއޯއައިޖީގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެމުބާރަތަކީ ރާއްޖެއަށް ވަރަށް މުހިއްމު މުބާރާތެއް ކަމަށާއި އަދި ރާއްޖެއަކީ އެމުބާރާތުގެ ފަންޑާ ގައުމެއް ކަމުން ކުޅުންތެރިން އެ މުބާރާތަށް ދާންވާނީ ވަރަށް ވަރުގަދަ އަޒުމަކާ މަތިވެރި ރޫހެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަހަރުގެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ފުރާއިރު، އަޅުގަނޑުމެން އުންމީދުކުރާ އެހެން ކަމެއްވެސް އަދި އެބައޮތް. އެއީ، ދެން އޮންނަ މުބާރާތް، އެއީ 2023 ވަނަ އަހަރުގެ އިންޑިއަން އައިލެންޑް އޯޝަން ގޭމްސް ރާއްޖޭގައި ބޭއްވުން. އެކަމަށް އަޅުގަނޑުމެން ކުރިމަތިލައިގެން، ވަރަށް ގިނަ ގައުމުތަކުގެ ރުހުމާއި ތާއީދު މިހާރުވެސް ވަނީ ކަށަވަރުވެފައި." ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ވަނީ ސަރުކާރުން ސީދާ އެ މުބާރާތްތަކަށް އަމާޒުކޮށްގެން، ބޮޑެތި ހަރަދުތަކެއް ކުރަން ގަސްތުނުކުރައްވާ ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ ގައުމީ ތަރައްގީގެ މަޝްރޫއުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވޭނެ ގޮތެއް ހެއްދެވުން ކަމަށް ވިދާޅުވެފައެވެ.

- އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިން

- އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިން

މިއަހަރުގެ ގޭމްސްއަށް ރާއްޖެއިން ދަނޫ ވަރަށް ޒުވާން ވަރަށް އުންމީދީ ކުޅުންތެރިންތަކަކާ އެކުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއަހަރު މުޅިން އަލަށް، ދެ ކުޅިވަރެއްގައި ވެސް ރާއްޖެއިން ބައިވެރިވާކަމަށެވެ. އެއީ ކައިޓް ސާފިންގް އަދި ޕެރަ-އިވެންޓްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އުމުރުން އެންމެ 12 އަހަރުގެ ކުޅުންތެރިންވެސް މިއަހަރުގެ އައިއޯއައިޖީގައި ބައިވެރިވާކަމީ، ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކެވެ.

އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ވަނީ ސާބިއާގައި ތަމްރީނު ޕްރޮގްރާމެއް ވެސް ފުރުހަމަކޮށްފައެވެ. އެގޮތުން އެ ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންގޮސްފައި ވަނީ ސާބިއާ ސަރުކާރުގެ އެހީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކުރާ ފްލޭގް ބެއަރަރ ވެސް އިއުލާނުކުރައްވާފައެވެ. އެގޮތުން ފްލޭގް ބެއަރަރއަށް އެތުލީޓް އަހުމަދު ޒަބީރު ކަނޑައަޅާ، ރައީސް ސޯލިހު ވަނީ އޭނާއަށް ރާއްޖޭގެ ދިދަ ހަވާލުކޮށްދެއްވާފައެވެ.

އަހުމަދު ޒަބީރަށް ރާއްޖޭގެ ދިދަ، ރައީސް ސޯލިހު ހަވާލުކުރައްވަނީ--

މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯއައިޖީގައި ރާއްޖޭގެ ފަރާތުން 14 ކުޅިވަރެއްގައި މިފަހަރު ބައިވެރިވާނެއެވެ.
ހިޔާލު

ބޭބެ

އަހުލާގު އެއީ ކޯއްޗެއްތޯ؟ މިރައީސަށް ދަންނަވާދެއްވާ