Shaim fili massalaiga Hiyaa muvazzafehge baiverivun oiy tho balanee
image
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު-- ފޮޓޯ: ޖެންޑާ މިނިސްޓްރީ/ ޓްވިޓާ
1 ކޮމެންޓް
 

ޝައިމް ފިލި މައްސަލާގައި ކުޑަކުދިންގެ ހިޔާ މުވައްޒަފެއްގެ ބައިވެރިވުން އޮތްތޯ ބަލަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފިލި މައްސަލާގައި ކުޑަކުދިންގެ ހިޔާގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް އޮތްތޯ ތަހުގީގު ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
ކުށުގެ ވެށިން ފެނުމުން އެސެސްމަންޓެއް ހަދަން ކުޑަކުދިންގެ ހިޔާ އަށް ގެންގޮސްފައި ހުއްޓާ ޝައިމް ފިލީ ޖޫން 18 ގައެވެ. ބަޔަކު އޭނާ ފޮރުވައިގެން އުޅެނިކޮށް ފެނިފައި ވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެޔަކަށް ގަދަކަމުން ވަދެ ބެލުމުންނެވެ.

އެ މައްސަލާގައި ޝިދާތާ ޝަރީފު ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރު ކުރައްވާފަ އެވެ. ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިދާތާ ވިދާޅުވީ ޝައިމް ފިލުމުގައި ހިޔާ މުވައްޒަފެއްގެ ބައިވެރިވުން އޮތްތޯ ބަލަމުންދާ ކަމަށެވެ.

"ދެ ކޮޓަރީގެ އެޕާޓްމަންޓަކުން ފެނުނީ. ފިލައިގެން ދިޔައީ. އެކަމުގައި ބައެއް ބޮޑެތި މީހުންގެ ހިއްސާވާ ކަމަށް ފުލުހުންގެ މައުލޫމާތުން އެނގެނީ. ފުލުހުންގެ އިންވެސްޓިގޭޝަންގެ އިތުރު މައުލޫމާތެއް ރަސްމީ ސިފައެއްގައި އަޅުގަނޑުމެންނަކަށް ނުލިބޭ، އަޅުގަނޑުމެން ވެސް މިދަނީ ބަލަމުން. ކުޑަކުދިންގެ ހިޔާގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ވޭތޯ ވެސް މިދަނީ ބަލަމުން،" ޝިދާތާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ މިނިސްޓްރީގެ ތަހުގީގަށް ފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ހާދިސާ ހިނގުމާއެކު ވެސް އެވަގުތު ހިޔާގައި ޑިއުޓީ ގައި ހުރި މުވައްޒަފަކު ވާނީ ސަސްޕެންޑުކޮށްފައި ކަމަށް ވިދާޅުވި އެވެ.

ޝިދާތާ މިއަދު މަޖިލީހަށް ހާޒިރުކޮށްފައި ވަނީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފުގެ އެދިވަޑައިގެންނެވުމަށެވެ. އޭނާ ކުރެއްވި ސުވާލުގެ ޖަވާބުގައި ޝިދާތާ ވިދާޅުވީ ޝައިމް ފިލި މައްސަލައިގެ ޒިންމާ މުޅި ދައުލަތުން އުފުލަން ޖެހޭނެ ކަމަށެވެ.

"ޒިންމާ ވާން ޖެހެނީ ޖެންޑާ މިނިސްޓްރީން. މިކަމުގެ ޒިންމާ ނަގަން ޖެހޭ މުޅި ދައުލަތުން ވެސް. މަރުކަޒުތައް ހެދުމަކީ ދައުލަތުގެ ޒިންމާއެއް،" ޝިދާތާ ވިދާޅުވި އެވެ.

ކުށުގެ ވެށިން ގެންނަ ކުދިންނާއި ހާއްސަ ހާލަތް ދިމާވެފައިވާ ކުދިން ބަހައްޓާނެ ތަނެއް ނެތްކަން ފާހަގަ ކުރައްވަމުން ޝިދާތާ ވިދާޅުވީ އެއީ ދައުލަތުން ޒިންމާވާން ޖެހޭ ކަމެއް ކަމަށެވެ. އަދި މިހާރު ހުރި މަރުކަޒުތަކަކީ "ޑިޓެންޝަން ސެންޓަރު" ނޫން ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިމް މައްސަލައިގެ ގިނަ މައުލޫމާތުތަކެއް އާއްމުކުރެއްވުމުން މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ޝިދާތާ ވިދާޅުވީ އެ މައުލޫމާތު ހިއްސާ ކުރެއްވީ އޮޅުންއަރާ ފަދަ މައުލޫމާތު ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި ފަތުރަމުން ދާތީ ކަމަށެވެ.

"އަޅުގަނޑުގެ ޒިންމާއެއް އާއްމު މަސްލަހަތަށް ރަނގަޅު މައުލޫމާތު ހިއްސާ ކުރުމަކީ،" މިނިސްޓަރު ފާހަގަކުރެއްވި އެވެ. ޝިދާތާ އިތުރަށް ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގެ އެކި ހިސާބުތަކުގައި ވެސް ކުދިންގެ ކަރާމަތަށް އުނިކަން ނާންނާނެ ގޮތަށް މީޑިއާތަކުން އަމަލު ކުރެއްވުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަތައް ފާހަގަކުރައްވާފަ އެވެ.

ޝައިމް ފިލި މައްސަލާގައި ޖެންޑާ މިނިސްޓްރީން އެންމެ ފުރަތަމަ ބުނެފައި ވަނީ އެ ކުއްޖާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއް ނޫން ކަމަށެވެ. އެކަމަކު ޝިދާތާ ފަހުން ވަނީ އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަމަށް ބުނެފަ އެވެ. އަދި ޝައިމް ފިލިކަން މީޑިއާ އަށް ސިއްރުކޮށް، ބުނެފައި ވަނީ އޭނާއަކީ ގެއްލިގެން ހޯދާ ކުއްޖެއް ކަމަށެވެ.

ފިލައިގެން އުޅޭތާ އެތައް ދުވަހެއް ފަހުން ޝައިމް ފެނުނީ މާލޭގެ ގެޔަކަށް ފުލުހުން ގަދަކަމުން ވަދެ ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އޭނާ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މިއަދު ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ޝައިމް މިހާރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ހިޔާލު

ބޮޑުކާށި

އެންމެ ކަޑަ މިނިސްޓަރު! މީނާ ބޭރުކުރަން މާބޮޑަށްވެސް ލަސްވެއްޖެ! މިގައުމުގަ މީނާ ނޫން މީހަކު އެ މަގާމަށް ކުފޫ ހަމަ ނުވަނީބާ؟