WHO ge regional director Raajje vadaigenfi
image
ރީޖަނަލް ޑިރެކަޓަރު އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން-- ފޮޓޯ: ހެލްތު މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރު ރާއްޖެ ވަޑައިގެންފި

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕާލް ސިން ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
ޖުލައި މަހުގެ 14 އިން 16 އަށް ކުރައްވާ ދަތުރުގެ ތެރެއިން މައިގަނޑު ހަތަރު އިވެންޓެއް ކުރިޔަށްދާނެ އެވެ.

އެގޮތުން މައިމީހާގެ ފަރާތުން ކުޑަދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްނުވާ ގައުމެއް ކަމުގައި ރާއްޖެ ކަނޑައަޅުއްވައި ''އެލިމިނޭޝަން އޮފް މަދާ ޓު ޗައިލްޑް ޓްރާންސްމިޝަން އޮފް އެޗްއައިވީ އެންޑް ސިފިލިސް'' ގެ ރަސްމީ ލިޔުން ރާއްޖެއާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި 2030 ވަނަ އަހަރަށް ރާއްޖޭން ލެޕްރޮސީ އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރާނެ ގޮތުގެ ފްރޭމްވޯކް އަދި ދުނިޔޭގެ ވައިނުސާފުވުމާއި ގުޅިގެން ފަށާފައިވާ ބައިނަލްއަޤްވާމީ 'ބްރީދްލައިފް' ކެމްޕޭން ރާއްޖޭގައި އިފްތިތާހް ކުރުމަށް ވެސް ހަފްލާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަމައެއާއެކު ސިއްހީ ހިދުމަތްތެރީންގެ މައުލޫމާތު ބެލެހެއްޓުމަށް އެކުލަވާލައިފައިވާ 'ހިއުމަން ރިސޯސް ފޯ ހެލްތު' ޕްލެޓްފޯމް އަދި ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތް މޮނިޓާކޮށް ވަކި މިންގަނޑަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ މޯބައިލް އެޕްލިކޭޝަނެއް ލޯންޗް ކުރެވިގެންދާނެ އެވެ.

އައުޓްޑޯ ޖިމް އާލަތްތަކާއި ސެޓްތަކެއް މިނިސްޓްރީ އޮފް ހެލްތާއި ހަވާލުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން ރީޖަނަލް ޑިރެކްޓަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އަދި މިނިސްޓްރީ އޮފް ހެލްތްގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި އެ ޖަމްއިއްޔާއިން ރާއްޖޭގެ ސިއްހީ ހާލަތު ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ކުރިޔަށް ހުރި އަހަރުތަކަށް ރޭވިފައިވާ ހުރި މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެ އެވެ.

މިސަރަހައްދުގެ ޤައުމުތަކުން ބަލިތައް ކޮންޓްރޯލްކޮށް ނައްތާލުމާއި ސިއްޙީ ގޮތުން ދިމާވާ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމާއި ފެންވަރު ރަނގަޅު ސިއްޙީ ޙިދުމަތްތައް ހަމަހަމަ ކަމާއިއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ ރީޖަނަލް ޑިރެކްޓަރު އެންމެ އިސްކަމެއް ދެއްވައިގެން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ހިޔާލު