Party thakun faisaa haradhu kuraa goiy belumuge nizaam harudhanaa kuran jehey
image
އީސީގެ ނައިބު ރައީސް އަމްޖަދް މުސްތަފާ-- ފޮޓޯ: ރާއްޖެ އެމްވީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޕާޓީތަކުން ފައިސާ ހަރަދުކުރާ ގޮތް ބެލުމުގެ ނިޒާމު ހަރުދަނާ ކުރަން ޖެހޭ: އަމްޖަދު

ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ ފައިސާ ހަރަދު ކުރާ ގޮތް ބެލުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރަކު ވެސް ކޮމިޝަނުން ކަނޑައަޅާ މުއްދަތެއްގެ ކުރިން އެ ޕާޓީއެއްގެ އޮޑިޓް ރިޕޯޓް ކޮމިޝަނަށް ހުށަހަޅަން ޖެހޭ އިރު ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅާ އޮޑިޓް ރިޕޯޓްތަކުގައި "ފެންނަ ފެނުމަށް" ހުރިހާ ކަމެއް ވެސް އޮންނަނީ ވަރަށް ރަގަޅަށް ކަމަށެވެ.

"އާއްމުކޮށް މިހުށަހަޅާ ރިޕޯޓުތަކުގައި މި ހުންނަނީ އޮޑިޓަރަކު އޮޑިޓް ކޮށްލާފަ ރިޕޯޓެއް ހުށަހަޅާފަ. އެހެންވީމަ ގިނަ ފަހަރަށް ފައިސާ ބޭނުންކޮށްފަ ވާގޮތް ލިޔެކިޔުމުން އޮޑިޓް ރިޕޯޓްތަކުގަ މި އޮންނަނީ ވަރަށް ރަނގަޅަށް. އެހެންވީމަ އަޅުގަނޑުމެންނަށް ރިޕޯޓްތަކުން ފެންނަ ފެނުމަށް ބަލާފަ މި ގޮތެއް ކަނޑަ އެޅެނީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޕާޓީތަކުން ފައިސާ ހަރަދުކުރާ ގޮތް ބެލޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށް އަމްޖަދު ވިދާޅުވި އެވެ. އަދި އެކަން ކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލުތަކެއް ގެނެސް ފައިސާ ހަރަދުކުރާ ގޮތް ބެލޭނެ ހަރުދަނާ ނިޒާމެއް އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްޖަދު ވިދާޅުވީ އެފަދަ ގޮތަކަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނައުމުގެ ވިސްނުން އިލެކްޝަން ކޮމިޝަނުން ގެންގުޅުއްވާ ކަމަށެވެ. ޕާޓީތަކުން އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓުތައް ހުށަހެޅުމުގައި، ގާނޫނުގައިވާ ލޫޕްހޯލްތައް ފޫބެއްދުމަށް ވެސް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް އަމްޖަދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހީ ބަދަލުތައް ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ނިމިދިޔަ ރަމްޟާން މަހު ވަނީ ޕާޓީތަކާއި އެކު މަޝްވަރާކޮށްފަ އެވެ. ނަމަވެސް ޕާޓީތަކުގެ އެދުމުގެ މަތިން މަޝްވަރާ ބައްދަލުވުންތައް ވަނީ ފަސްކޮށްފަ އެވެ. އަމްޖަދު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އެމަސައްކަތް އަލުން ފެށޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އީސީ ސިޔާސީ ޕާޓީ
ހިޔާލު