Gadhdhoo ge Plastic Geyah emmenge samaalu kan!
image
ޕްލާސްޓިކް ފުޅިން ހަދަމުންދާ ގދ. ގައްދޫ ކާށިދޫގެ-- ފޮޓޯ: ގައްދޫ ރައްޔިތެއް
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

ގައްދޫގެ ޕްލާސްޓިކު ގެއަށް އެންމެންގެ ސަމާލުކަން!

ސިންގަލް ޔޫޒް ޕްލާސްޓިކް ނުވަތަ އެއް ފަހަރަ ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ މައްސަލަ މިހާރު ވަރަށް ބޮޑެވެ. ހާއްސަކޮށް ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގައި މިއީ ކަންބޮޑުވާން ޖެހޭ މައްސަލަ އެކެވެ.
އެފަދަ އަމަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ވިސްނައި އުކާލެވޭ ތަކެތިން ރީޔޫސް ނުވަތަ ރީސައިކަލް ކުރުން ފަދަ ކަމެއް ކުރަން ވިސްނަނީ އާބާދީގެ ތެރެއިން މަދު އިންސައްތައެއްގެ މީހުންނެވެ.

އެކަމަކު ގދ. ގައްދޫގެ، ކާށިދޫ ގެއަކީ އާދަޔާ ހިލާފު، ފާހަގަ ކުރެވޭ ގެއެކެވެ. އެ ރަށަށްދާ ކޮންމެ މީހެއްގެ ލޮލުގައި ވެސް މި ގެ އަޅައިގަންނަނީ ހުސް ޕްލާސްޓިކް ފުޅިން ފާރުތައް ހަދާފައި ހުރުމުންނެވެ.

އެ ގޭގައި ދިރިއުޅޭ މީހުންގެ މި އާދަޔާ ހިލާފު މަސައްކަތުގެ ތަފްސީލް ހޯދާލަން ސީއެންއެމް އިން ވާހަކަދެއްކީ ގޭގެ ވެރިޔާ ހަދީޖާ އެވެ. ހަދީޖާ ބުނީ މިއީ އޭނާގެ 33 އަހަރުގެ ފިރިހެން ދަރިފުޅު، މުހައްމަދު އަނިލް ފެށި މަސައްކަތެއް ކަމަށެވެ.


ހަދީޖާ (ކަނާތް ފަރާތުގައި) އޭނާގެ މަންމައާ އެކު-- ފޮޓޯ: ގައްދޫ ރައްޔިތެއް

"އަޅުގަނޑުގެ ދަރި އަނިލް ފެށި މަސައްކަތެއް މިއީ. އެންމެ ފުރަތަމަ ބަދިގެއާ އުނދޯލިގެ ފުޅިން ހެދީ އޭނަ،" ހަދީޖާ ބުންޏެވެ.

ހަދީޖާ ބުނީ ދަރިފުޅު ރަށުން ދާން ޖެހުމުން ވެސް އެ މަސައްކަތް ކުރިއަށް ގެންދިޔެއީ އެއީ ގޭގައި އުޅޭ ކުދިން މަގު މައްޗަށް ނިކުތުން މަދު ކުރަން ރަނގަޅު ކަމަކަށް ވާނެތީ ކަމަށެވެ. އަދި އެއީ ތިމާވެއްޓާ ރައްޓެހި ކަމަކަށް ވެފައި ފުޅިއަކީ ފަސޭހައިން ލިބޭ އެއްޗަކަށް ވާތީ ކަމަށް އޭނާ ބުންޏެވެ.

އަނިލް ގެ އެ މަސައްކަތް ފެނި އޭނަ ދިޔުމުން ވެސް މުޅި ގެ ފުޅިން ހެދުމުގެ މަސައްކަތް ހަދީޖާ ކުރިއަށް ގެންދިޔައީ އޭނާގެ ފިރިމީހާ، އުމުރުން 52 އަހަރުގެ އިސްމާއިލް އާދަމާ އެކުގަ އެވެ.


އިސްމާއިލް އާދަމް-- ފޮޓޯ: ރަށު ރައްޔިތެއް

މިއަހަރުގެ ރޯދަ މަސް ތެރޭގައި ފެށި މަސައްކަތް އަދި އެއްކޮށް ނިންމާލެވޭ ވަރެއް ނުވެ އެވެ.

''މަގު ފާރު ހަދަން ފެށީ ފިތުރު އީދަށް ފަހު. ރޯދަ މަސް ފެށުނު ތަނާ ބަދިގެ އާ އުނދޯލިގޭގެ މަސައްކަތް އަނިލް ކުރަން ފެށި. އެތަން ނިންމުމަށް ގާތްގަނޑަކަށް 1 މަސް ދުވަހާ 15 ދުވަސް ނެގި،'' ހަދީޖާ ބުންޏެވެ.

މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ކިޔައިދެމުން ހަދީޖާ ބުނީ ފުޅިތައް ހޯދުމުގައި ދަތިތަކެއް ދިމާވާ ކަމަށާއި ފުޅިތައް ހޯދުމަށް ކުނިގޮނޑަށް ވެސްދާ ކަމަށެވެ. ރަށު ރައްޔިތުން ވެސް އެ މަސައްކަތުގައި އެއްބާރުލުންދީ ފުޅިތައް ހަދިޔާ ކުރާ ކަމަށް އޭނާ ބުންޏެވެ.


ފުޅި ބޭނުންކޮށްގެން ހަދާފައިވާ ބަދިގެ-- ފޮޓޯ: ގައްދޫ ރައްޔިތެއް

ގިނަ ބައެއްގެ މަގުބޫލުކަން މިހާރު އެ ގެއަށް ލިބެމުންދާ ކަމަށާއި ރަށަށް ޒިޔާރަތް ކުރާ ބީރައްޓެހިން ވެސް ގެއަށް އައިސް މި މަސައްކަތް ބަލައި ފޮޓޯ ނަގައި ތައުރީފު ކުރާ ކަމަށް ހަދީޖާ ބުންޏެވެ.

''ވަރަށް ގިނަ މީހުން ފޮޓޯ ނަގާ. ވަރަށް ރަނގަޅު ކަމެކޭ ވެސް ބުނޭ. ރަށަށް އަންނަ ބީރައްޓެހިން ވެސް މަސައްކަތް ބަލައި ފޮޓޯ ނަގައިގެން ދޭ. މިއަދު ވެސް ފޮޓޯ ނަގަން އައި،'' ހަދީޖާ ބުންޏެވެ.

މަދުން ނަމަވެސް ތިމާވެއްޓާ ރައްޓެހި މިފަދަ ހުނަރުވެރި މަސައްކަތްތައް މި މުޖުތަމައު އިން ފެނިގެންދާ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

މިފަދަ ކަންތައްތައް މިއީ ނަމޫނާއެއް ކަމަށް ބަލައިގެން ކުނީގެ ގޮތުގައި އެއްލައިލާ ފުޅި ފަދަ ތަކެތި ބޭނުންކޮށްގެން ތިމާވެއްޓާ ގުޅޭ އިތުރު މަސައްކަތްތައް މިއަދު ކުރަން އެބަ ޖެހެ އެވެ.
ހިޔާލު

ހިޔާލު

ތިކަހަލަ އެއްޗެހިން ދިރިއުޅުމަށް ތަންތަން އަޅާކަށް ކަމަކު ނުދޭ.. އުނދޯލި ގެ އޯކޭ

ހެބަޑި

ހާދަ ރީތި އާޓިކަލް އެކޭ😍