Governor aai FIU ge kureege veriyaa committee ah haaziru kuranee
image
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން--
0 ކޮމެންޓް
 

ގަވަރުނަރު ނަސީރާއި އެފްއައިޔޫގެ ކުރީގެ ވެރިޔާ އަޝްރަފް ކޮމިޓީ އަށް ހާޒިރު ކުރަނީ

މޯލްޑިވްސް މަނިޓާރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރާ މެދު ކުރެވޭ ތުހުމަތާ ގުޅިގެން ފައިނޭންޝަލް އިންޓަލިޖެންޓް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފާއި ނަސީރާ ދެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ އެމްއެމްއޭގެ ތެރޭގައި ހިންގާ މިނިވަން ޔުނިޓެކެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު ނަސީރާއި އެފްއައިޔޫގެ ކުރީގެ ހެޑް އަޝްރަފް ކޮމެޓީއަށް ހާޒިރުކުރަން ނިންމީ ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެވޭ ތުހުމަތާއި ގުޅޭ ގޮތުން ބަދަލުކޮށްފައިވާ މައުލޫމާތާއި ސިޓީތަކާ ގުޅިގެންނެވެ.

މީގެ ކުރިން ވެސް ނަސީރާއި އަޝްރަފް ވަނީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރައްވާފަ އެވެ. އެ ދެ ބޭފުޅުން އަލުން ކޮމިޓީ އަށް ހާޒިރު ކުރަން ނިންމީ އަޝްރަފް ކުރެއްވި ތުހުމަތުތަކަށް ނަސީރު ރައްދުދެއްވައި ފޮނުއްވި ސިޓީއާ ގުޅިގެންނެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި މަނީ ލޯންޑާ ކުރުމުގެ މައްސަލަތައް ފެންމަތިވެފައި ވަނިކޮށް، އޭރު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަޒީމާ އާދަމް މަގާމުން އިސްތިއުފާ ދެއްވުމުން އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަން ކުރެއްވުމާއެކު، އަޝްރަފް ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. އަޝްރަފްގެ ކުރިން އެފްއައިޔޫގެ ހެޑަކަށް ހުންނެވީ ރައީސް ޔާމީން ސަރުކާރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރަކަށް ހުންނެވި އާއިޝަތު އާޒިމާ ޝަކޫރުގެ ބޭބެ އާތިފް ޝަކޫރެވެ.

އަޒީމާ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން އިސްތިފާ ދެއްވިއިރު، ސަރުކާރާއި ގުޅިގެން ގިނަ ޖަރީމާތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައި ވެއެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާގެ ފިރިކަލުން އަލީ ނަސީރަށް އދ. އާއި އެމެރިކާއަށް ކަނޑައަޅުއްވާ ސަފީރުކަން ލިބިލެއްވުމާއި ގުޅިގެން ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވުމަށެވެ.

އަޝްރަފު މަގާމުން ވަކިކޮށްފައި ވަނީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮންނަ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް އަދި ނެގުމުން އެފްއައިޔޫ އިން ފުލުހުންނަށް ހުށައަޅާފައި ވަނިކޮށެވެ.

ކޮމިޓީގެ މެމްބަރުން ވިދާޅުވީ މި މައްސަލައިގައި ވަރަށް ގިނަ ތުހުމަތުތަކެއް ކޮށްފައި ވާތީ ވަކިވަކި ތުހުމަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. އަދި މިއީ ވަރަށް ހައްސާސް މައްސަލައަކަށް ވާތީ އެކަން ހިނގާ ދިޔަ ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
ހިޔާލު