Gelligen hoadhi China ge kuda kujjeh maruvefai ovva fenijje
image
އުމުރުން ނުވަ އަހަރުގެ ޒޭން ޒިޒިން-- ފޮޓޯ: ޗައިނާގެ ފުލުހުން
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ގެއްލިގެން ހޯދަމުން ދިޔަ ޗައިނާގެ އުމުރުން ނުވަ އަހަރުގެ ކުއްޖެއްގެ ހަށިގަނޑު ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ޗައިނާގެ އުމުރުން ނުވަ އަހަރުގެ ކުއްޖެއްގެ ހަށިގަނޑު، އުތުރު ޗައިނާ ކަނޑުން ފެނިއްޖެ އެވެ.
އާދީއްތަ ދުވަހު ޒެޖިއޭން ޕްރޮވިންސް ގެ ފުލުހުން ބުނެފައި ވަނީ ގެއްލިގެން ހޯދަމުން ދިޔަ ޒޭން ޒިޒިން މަރުވެފައި ވަނީ ގެނބިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުން އަނިޔާ ލިބިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް އެ ފަރާތުން ބުނެ އެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ޒިޒިން ގެއްލުމާ ގުޅިގެން ޗައިނާގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފުލުހުންނާއި ރެސްކިއު ޓީމުތަކުން ވަނީ ޒިޒިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އެ ފަރާތްތަކަށް ވަނީ ޒިޒިން ގެ ސޯޝަލް ސާވިސަސް އައިޑީ ކާޑް ހޯދިފަ އެވެ. ޒިޒިން ގެ އައިޑީ ކާޑް ފެނިފައި ވަނީ މޫދާއި ކައިރި ސަރަހައްދެއްގައި ހަދާފައި ހުރި ޕެވިލިއަނަކުން ކަމަށް މައުލޫމާތު ލިބެ އެވެ.

ޒިޒިން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު މެދު އުމުރުގެ ދެމަފިރިއަކާއެކު ހިނގާފަ ދަނިކޮށެވެ. އެއީ ޒިޒިން ގެ އާއިލާގެ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅުނު ދެމަފިރިން ކަމަށް ފުލުހުން ބުނެ އެވެ.

ސަވައިލެންސް ކެމެރާތަކުން ދައްކާ ގޮތުގައި އެދުވަހުގެ ރޭ 08:00 ހާއިރު އެ ދެމީހުންނާއެކު ޒިޒިން ފެނިފައިވީ ނަމަވެސް އޭގެ ދެގަޑިރެއް ހާއިރު ފަހުން އެމީހުން ފެނުނު އިރު އޭނާއެއް ނެތެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެދެމަފިރިން ވަނީ އެރޭ ކޯރަކަށް އެރި އަމިއްލައަށް މަރުވެފަ އެވެ. އެއީ އުމުރުން 43 އަހަރުގެ ފިރިހެނެއް ކަމަށްވާ ލިއާން އަދި އުމުރުން 45 އަހަރުގެ އަންހެނެއް ކަމަށްވާ ޒީއެވެ.

ފުލުހުންގެ ބަޔާނުގައިވާ ގޮތުން އެ ދެމީހުންނަކީ އޮޅުވާލައިގެން އެމީހުންގެ އާއިލާ އާއި ރަހުމަތްތެރިންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަމުން ދިޔަ ދެ މީހުންނެވެ. ނަމަވެސް ޗައިނާގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ދަތުރުތަކެއް ކުރުމަށް ފަހު އެދެމީހުން އަތުން ވަނީ ފައިސާ ހުސްވެފަ އެވެ.

ފުލުހުން ބުނީ އެދެމީހުންގެ މީސްމީޑިއާގެ ޕޯސްޓުތަކުން ދައްކާ ގޮތުގައި ދެމީހުން އެކުގައި އަމިއްލައަށް މަރުވުމަށް ބޭނުންވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެމީހުންގެ ރޭވުން ހުރީ ޒިޒިން ވެސް މިކަމުގައި ބައިވެރިކުރަން ކަމަށް ފުލުހުން ބުނެއެވެ.

ޒިޒިން ގެ ބައްޕަ ޒޭން ޖުން ބުނި ގޮތުގައި ޒިޒިން ބަލަމުން އައީ އޭނާގެ މާމަ އާއި ކާފަ އެވެ. ނަމަވެސް ލިއަން އާއި ޒީ ވަނީ ޒިޒިންގެ މާމަ އާއި ކާފަ އަށް އޮޅުވާލައިގެން ޒިޒިން އެމީހުންނާއެކު ގެންގޮސްފަ އެވެ. އޭރު ޒިޒިން ގެ ބައްޕަ ހުރީ އެތައް ސަތޭކަ މޭލެއް ދުރުގަ އުތުރު ޗައިނާ ގެ ސިޓީއެއްގަ އެވެ.

ޒިޒިންގެ ބައްޕަ ބުނި ގޮތުގައި މިމަހުގެ ތިން ވަނަ ދުވަހު އެދެމަފިރިން ވަނީ ޗައިނާގެ ޝަންގާލީ ގައި އޮތް ކައިވެންޏަކަށް އެމީހުންނާ އެކީ ޒިޒިން ގެންދިޔުމަށް އެދިފަ އެވެ. އެކަމާ ޒިޒިންގެ ބައްޕަ ދެކޮޅު ހެދުމުން ވެސް އަނެއް ދުވަހު ހެނދުނު އެމީހުންނާ އެކީ ޒިޒިން ގެންދިޔައީ ކަމަށް ޒިޒިން ގެ ބައްޕަ ބުނެއެވެ.

އަދި ޖުލައި ހައެއް ވުމުގެ ކުރިން ޒިޒިން ގެންގޮސްދޭނެ ކަމަށް އެމީހުން ވައުދުވީ ކަމަށް ޒިޒިންގެ ބައްޕަ ބުނެއެވެ. ތިން ދުވަސް ވަންދެން ވީޗެޓް މެދުވެރިކޮށް ޒިޒިންއާ ގުޅައިގެން ވާހަކަ ދެއްކި ކަމަށާއި ޒިޒިން ހުރީ ވަރަށް ހަމަޖެހިފާ ކަމަށް އޭނާ ގެ ބައްޕަ ބުންޏެވެ. ނަމަވެސް އެމީހުން އުޅުނީ ޝަންގާލީ އާ ކައިރި ހިސާބެއްގައި ނޫން ކަމުން އެކަމާ ކަންބޮޑުވި ކަމަށް ވެސް ޒިޒިން ގެ ބައްޕަ ބުންޏެވެ.

ޖުލައި ހަތް ވަނަ ދުވަހު ޒިޒިންގެ އާއިލާ އިން ވަނީ އޭނާ ބަލާ ދިޔުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިއާން ފޯނު ނިއްވާލުމުގެ ސަބަބުން އެމީހުންނާ ގުޅޭ ގޮތެއް ނުވި އެވެ. ޒިޒިން ގެ އާއިލާ އިން އޭނާ ގެއްލިގެން ފުލުހުންނަށް ހުށަހެޅީ ޖުލައި އަށް ވަނަ ދުވަހު އެވެ.

ދެމަފިރިންގެ ހަށިގަނޑު ފެނިފައި ވަނީ ޖުލައި އަށް ވަނަ ދުވަހު އެވެ. އެ ދެމަފިރިންގެ މަރާއެކު ޒިޒިންގެ ވާހަކަ ވަނީ މުޅި ޗައިނާ އަށް ފެތުރިފަ އެވެ. އަދި ގިނަ ބަޔަކު ޒިޒިން ގެއްލުމުގެ ތުހުމަތު ދިޔައީ އެ ދެމީހުންގެ ބޮލުގައި އަޅުވަމުންނެވެ.

ނަމަވެސް ފުލުހުން ބުނެފައި ވަނީ އެ ދެމަފިރިންނަކީ ކުށުގެ އެއްވެސް ރިކޯޑެއް އޮތް ބައެއް ނޫން ކަމަށާއި އަދި މަސްތުވާ ފަދަ އެއްވެސް އެއްޗެއް އެމީހުން ބޭނުންކޮށްފައި ނުވާ ކަމަށެވެ.

ޒޭން ގެ މަރާ ގުޅޭ ގޮތުން އާއިލާ އިން ބުނެފައި ވަނީ ޒޭން ފެންނާނެ ކަމަށް އުއްމީދު ކުރީ އެހެން ނޫން ކަމަށާއި ނަމަވެސް ހަށިގަނޑު ނުފެނުމަށް ވުރެ ފެނުން ރަނގަޅު ކަމަށެވެ.
ޗައިނާ
ހިޔާލު