Drug Court ge Ghaazee Mahaaz ge machchah saabithuvaakamah kurin ninmininmun review kuran ninmaifi
image
ގާޒީ މަހާޒު އަލީ ޒާހިރު--ފޮޓޯ: ވީނިއުސް
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ޑްރަގް ކޯޓުގެ ގާޒީ މަހާޒުގެ މައްޗަށް ޖޭއެސްސީން ކުރިން ނިންމިނިންމުން ރިވިއު ކުރަން ނިންމައިފި

ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރިން ނިންމި ނިންމުން ރިވިއު ކުރުމަށް އެކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީ އެގޮތަށް ނިންމީ މިއަދު އެކޮމިޝަނުން ބޭއްވި ބައްދަލުވުމުގަ އެވެ. ޖޭއެސްސީން ބުނީ، މަހާޒުގެ ސުލޫކީ މައްސަލައެއް އެކޮމިޝަނަށް ހުށަހެޅުމުން، 21 އޮކްޓޯބަރު 2015 ގައި އޭނާގެ މައްޗަށް ސާބިތުވާ ކަމަށް އެކޮމިޝަން ނިންމާފައި ނިންމުން ރިވިއު ކުރަން ނިންމީ، މަހާޒުގެ ފަރާތުން ރިއުކޮށްދިނުމަށް އެކޮމިޝަނަށް ހުށަހެޅުމުން ކަމަށެވެ.

އެގޮތުން، ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި މަހާޒުގެ ހުށަހެޅުން ބަލައިގަނެ، ޖޭއެސްސީ އެމައްސަަލަ ރިވިއުކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މަހާޒުގެ މައްސަލަ ރިވިއު ކުރުމަށް ކޮމެޓީއެއްވެސް އެކުލަވާލާފަ އެވެ. އެކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ:
1. ކޮމިޝަނުގެ ނާއިބު ރައީސް މަސްތޫރު ހުސްނީ
2. ކޮމިޝަނުގެ މެމްބަރު ރައީސް މުހައްމަދު ނަޝީދު
3. ކޮމިޝަނުގެ މެމްބަރު ހިސާން ހުސައިން
4. ކޮމިޝަނުގެ މެމްބަރު ޑރ. އަލީ ޝަމީމު
5. ކޮމިޝަނުގެ މެމްބަރު އިބްރާހީމް ރިފްއަތު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ނެތް ހާލަތުގައި ޖިނާއީ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ވިދާޅުވި ޖޭއެސްސީ ބަލާފައި ވެއެވެ. އެއީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

މަހާޒުގެ އަމިއްލަ ބްލޮގުގައި އޭނާ ވިދާޅުވެފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލް ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ކޮންމެ އުސޫލަކީ ގާނޫނު އަސާސީ އާއި ހިލާފު އުސޫލެއް ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ހާލަތެއްގައި ކޯޓުތަކުގައި ކުރިއަށް ގެންދާ ޖިނާއީ މައްސަލަތަކުގެ އަޑު އެހުންތަކަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ހާޒިރުވުމަށް އެންގެނޭ ކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ޖިނާއީ ދައުވާތަކަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ފަރުދީ ގޮތެއްގައި ކުރާ ދައުވާތަކެއް ނޫންކަމުން ކޯޓުތަކުގެ އެންގުމަށް ވަކީލުން ހާޒިރު ނުވި ނަމަވެސް ވަކީލުންނާއި ދެކޮޅަށް ފިޔަވަޅު ވެސް އެޅިގެން ނުވާނެ ކަމަށް މަހާޒު ވިދާޅުވި އެވެ.

"ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ދައުލަތް ތަމްސީލު ކުރާކުރުމަކީ ކުރިން ދެންނެވުނު އުސޫލުން ގާނޫނުއަސާސީގެ 224 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ދައުލަތް ތަމްސީލުކުރާ ކުރުމެކެވެ. އެ ތަމްސީލުކުރުމުގެ އަސްލަކީ ޕްރޮސިކިއުޓަ ޖެނެރަލްގެ ގާނޫނީ ހައިސިއްޔަތެވެ. އެ ހައިސިއްޔަތު ނެތުމާއެކު އަސްލު ނެތުމުން ފަރަޢު ނެތިގެންދާ އުސޫލުން ދައުލަތުގެ ވަކީލުންނަށް ދައުލަތް ތަމްސީލުކުރުމަށް ލިބޭ ގާނޫނީ ހައްސިއްޔަތު އުވިދާނެ އެވެ." މަހާޒު ވިދާޅުވި އެވެ.

ޕީޖީގެ މައްސަލައިގައި މަހާޒު އޭނާގެ އަމިއްލަ ހިޔާލު ފާޅުކުރެއްވީ ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތަސް ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވެ ދައުވާތަކަށް ޖާބުދާރީވުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުމުގެ ކުރިންނެވެ. އޭރު ދުވަސް ކޮޅަކަށް ޕީޖީ އޮފީސް ތަމްސީލްކުރާ މައްސަލަތަކަށް ހުއްޓުން އެރިއެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުގެ އަމުރާއެކު އަލުން މައްސަލަތައް ކުރިއަށް ގެންދަން ފެށިއެވެ.

ޖޭއެސްސީން ބުނީ ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި، ދަށު ކޯޓުތަކުން އައްޔަންކޮށްފައިވާ މެމްބަރުގެ މަގާމުގެ މުއްދަތު ހަމަވާތީ، އެކަމާމެދު ކޮމިޝަނުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ފަނޑިޔާރުންނާ ބެހޭ ގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ދެ މައްސަލައެއް ބަލާނެ ތަނެއް އޮތްކަމަށް ނުފެންނަކަމަށް ވެސް ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެ ދެ މައްސަލައާއި މައްސަލާގައި ހިމެނޭ ފަނޑިޔާރުގެ މައުލޫމާތެއް ޖޭއެސްސީ ހާމައެއް ނުކުރެ އެވެ.
ހިޔާލު