Luthfaruge maraai gulhigen 3 meehakah dhauvaakohfi
image
ބޯޓުގައި ލުތުފަރު މަރާލި ތަން އަދި މޫދަށް އެއްލާލި ދިމާ-- ފޮޓޯ: ފުލުހުން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ލުތުފަރުގެ މަރާ ގުޅިގެން ތިން މީހަކަށް ދައުވާކޮށްފި

ށ. ޅައިމަގުގައި މަރާލި، ބަންގްލަދޭޝަށް ނިސްބަތްވާ ލުތުފަރުގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
ޅައިމަގުން މާލެ ދަތުރު ކުރާ "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރި ލުތުފަރު ގެއްލުނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރާތާ ގާތްގަނޑަކަށް ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އޭނާގެ ހަށިގަނޑުގެ ބައިތަކެއް ފުލުހުންނަށް ފެނުނީ، އޭނާ ހޯދުމަށް ފުލުހުން ކަނޑުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ލުތުފަރުގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ފޮނުވިއިރު އެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ މިހާރު ފަށާފަ އެވެ.

ލުތުފަރުގެ މަރާ ގުޅިގެން މީގެެ ކުރިން ހަތަރު މީހަކު ހައްޔަރު ކުރި ނަމަވެސް އެތަނުން އެކަކު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ޝަރީއަތް ނިމެންދެން އަނެއް ތިން މީހުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވާއިރު އެ މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ ލުތުފަރާއެކު ބޯޓުގައި މަސައްކަތް ކުރަމުންދިޔަ މީހުންނެވެ.

ބަންދާ މެދު ގޮތެއް ނިންމަން މީގެ ކުރިން ކޯޓަށް ހާޒިރު ކުރުމުން އެ ތިން މީހުން ވެސް ލުތުފަރު މަރާލި ކަމަށް އެއްބަސްވި އެވެ. އަދި އޭނާ މަރާލި ގޮތް ވެސް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

އެ މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ލުތުފަރު މަރާލާފައި ވަނީ އެ ބޯޓުގައި މަސައްކަތް ކުރާ މީހުންނާއެކު އޭނާ ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ ކަމަށް ބުނެފައެވެ.
ށ.ޅައިމަގު މަރު ޕީޖީ
ހިޔާލު