Sealife ah flat mashroo alun dhinumah fahu, dharani HDC inn dhahkan hushalhaifi
image
ސީލައިފުން އަޅާނެ ކަމަށް ބުނި ފްލެޓުތަކުގެ ކުރެހުމެއް--
0 ކޮމެންޓް
 

ސީލައިފަށް ފްލެޓު މަޝްރޫއު އަލުން ދިނުމަށްފަހު، ދަރަނި އެޗްޑީސީން ދައްކަން ހުށަހަޅައިފި

ފްލެޓު ދޭނެ ކަމަށް ބުނެ މަކަރު ހަދައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ސީލައިފް ކުންފުންޏާއެކު ސަރުކާރުން މިހާރު ކުރާ މަޝްވަރާތަކުގައި އެ ކުންފުނިން ދަރާފައިވާ ފައިސާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދެއްކުމަށް ފަހު، އަލުން ބޯހިޔާވަހިކަމުގެ މަޝްރޫއު ސީލައިފަށް ދިނުމާ މެދު ވިސްނަން ފަށައިފި އެވެ.
ހުޅުމާލޭގައި 3000 ފްލެޓު އެޅުމުގެ މަޝްރޫއު 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެމިނިކުފާނާ ގާތް ގުޅުމެއް އޮންނަ އަހުމަދު މޫސާ (އައްމަޓީ) މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުންނަވާ ސީލައިފު ކުންފުންޏަށް ދިނީ ބިޑު ކުރުމެއް ނެތި އެވެ.

ސީލައިފާ އެޗްޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ މަޝްރޫއުގައި ވިއްކާ ފްލެޓުތަކަށް އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ނެގޭނީ މަސައްކަތުގެ 20 އިންސައްތަ ނިމުމުންނެވެ. އެކަމަކު އެއްވެސް މަސައްކަތެއް ނުކޮށް ސީލައިފުން ވަނީ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ބުކިން ފީގެއް ގޮތުގައި 50،000 ރުފިޔާ އާއި އިތުރު ބައެއް މީހުންގެ އަތުން ޑައުންޕޭމަންޓު ވެސް އަތުލާފަ އެވެ.

އެ ކުންފުންޏަށް ފައިސާ ދެއްކި މީހުން ބޭނުން ވަނީ އެ ފައިސާ އަނބުރާ ހޯދުމަށާއި ދެން ސަރުކާރުން ހުޅުމާލޭގައި އެންމެ އަވަހަށް ހިންގާ ބޯހިޔާވަހިިކަމުގެ މަޝްރޫއަކުން ފްލެޓު ލިބޭނެ ކަމުގެ ޔަގީން ކަމާއި، އެމީހުންނަށް މަކަރު ހަދާ އޮޅުވާލި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އެމީހުން ވަނީ ކޯޓަށް ވެސް ގޮސްފަ އެވެ.

އެކަމުގައި ސަރުކާރުން ސީލައިފާއެކު މަޝްވަރާ ކުރަން ފަށާފައިވާއިރު، އެނގިފައިވާ ގޮތުގައި ސީލައިފުން ހުށަހަޅާފައި ވަނީ ފްލެޓު ދޭނެ ކަމަށް ބުނެ ފައިސާ އަތުލި މީހުންނަށް ދޭން ޖެހޭ 24 މިލިއަން ރުފިޔާ އެޗްޑީސީން އެމީހުންނަށް ދިނުމަށާއި، އެ ބޯހިޔާވަހިކަމުގެ މަޝްރޫއު އަލުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު އެ ކުންފުންޏަށް ދިނުމަށެވެ.

އެގޮތަށް އެ ކުންފުނިން ހުށަހެޅީ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭ 12 މިލިއަން ޑޮލަރު އޮތުމުންނެވެ. އެ ފައިސާ އަކީ 80 ހައުސިން ޔުނިޓު އެޅުމަށް ހެދި އެއްބަސްވުމެއް 2011 ވަނަ އަހަރު އުވާލުމުން، ލިބުނު ގެއްލުމުގެ ގޮތުގައި ސީލައިފުން ބޭނުންވި ފައިސާ އެވެ. އެ ފައިސާ އެ ކުންފުންޏަށް ދިނުމަށް ނިމިދިޔަ ސަރުކާރުން އެއްބަސްވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.

އެ މައްސަލާގައި ސީލައިފުން ވަނީ ދައުލަތާ ދެކޮޅަށް ދައުވާ ވެސް ކޮށްފަ އެވެ. އެ ކުންފުނިން އެ ފައިސާ ހޯދުމަށް އުޅޭއިރު، އެކަމުގައި އެއްވެސް ގާނޫނީ ހުރަހެއް އޮތްތޯ ސަރުކާރުން މިހާރު ބަލަމުންދާ ކަމަށް ވެއެވެ. އެކަމުގައި ސަރުކާރުން އަންނަނީ ކޯޓުން ބޭރުގައި ސީލައިފާ މަޝްވަރާ ކުރަމުންނެވެ.

އެކަން އެހެން އޮއްވާ، ފްލެޓު މަޝްރޫއުގައި ލަނޑު ލިބުނު މީހުންގެ ފައިސާ އެޗްޑީސީން ދެއްކުމަށާއި، އަލުން އެ މްޝްރޫއު ހިންގުމަށް ހަވާލު ކުރުމަށް ހުށަހެޅީ ސީލައިފުން ނޫން ކަމަށާއި، ސީލައިފުން އެޕާޓުމަންޓު ގަންނަން ފައިސާ ދެއްކި މީހުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ރެޑް ނޯޓިސް އެއް ނެރިފައިވާ އައްމަޓީގެ ސީލައިފު ކުންފުންޏާއެކު ސަރުކާރުން މަޝްވަރާ ކުރާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ފުލުހުން އަދި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވެސް ދަނީ އެ ކުންފުނީގެ މައްސަލަތައް ބަލަމުންނެވެ. ސަރުކާރުން ބޭނުންވަނީ ފްލެޓު ދޭނެ ކަމަށް ބުނެ ފައިސާ އަތުލި މީހުންނަށް ލުޔެއް ހޯދައިދޭން ކަމަށް އެޗްޑީސީން ބުނެ އެވެ. އެކަމަކު ސީލައިފުން ހުށަހެޅި ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ވެއެވެ.
ހިޔާލު