Sealife ah dhauvaa kuri meehunnah dhaulathun badhalu dheyn abbas vejje
image
ސީލައިފާ ދެކޮޅަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން--
1 ކޮމެންޓް
 

ސީލައިފަށް ދައުވާ ކުރި މީހުންނަށް ދައުލަތުން ބަދަލު ދޭން އެއްބަސްވެ، ކޯޓުން ބޭރުގައި މައްސަލަ ނިންމައިފި

ބުކިން ފީގެ ގޮތުގައި ސީ ލައިފު ކުންފުނިން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ސަބަބުން މާލީ ގެއްލުންވި މީހުންނަށް ދައުލަތުން ބަދަލު ދިނުމަށް އިއްޔެ އެއްބަސްވެއްޖެ އެވެ.
ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް އިއްޔެ ވަނީ ސެޓްލްމަންޓު އެގްރީމަންޓުގައި ސޮއިކޮށްފަ އެވެ. އެހެންކަމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން ވަނީ އެ އެއްބަސްވުމަށް އަމަލު ކުރުމަށް ހުކުމްކޮށްފަ އެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ކޯޓުން ބޭރުން އެއްބަސްވުމަކަށް އައިސްފައި ވަނީ ދައުވާ ކުރާ 203 މީހުންނާއި، ސަރުކާރާއި، އެޗްޑީސީ އާއެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

އޭގެ އިތުރުން ސީލައިފުން ފްލެޓު ދޭނެ ކަމަށް ބުނެ ފައިސާ އަތުލުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގާތް ގުޅުމެއް އޮންނަ ސީލައިފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) އެކަމުގައި ފަރުދީ ގޮތުން ޒިންމާ ނަގަން ނުޖެހޭނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް ހުކުމުގައި ވެއެވެ.

އެ އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އެއްބަސްވެފައި ވަނީ ދައުލަތުން ސީލައިފަށް ދޭން ޖެހޭ 12 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 185.04 މިލިއަން ރުފިޔާ)ގެ ތެރެއިން ސީ ލައިފަށް ފައިސާ ދެއްކި 203 މީހުންނަށް ފައިސާ ދިނުމަށެވެ.

އެ ފައިސާ އަކީ 80 ހައުސިން ޔުނިޓު އެޅުމަށް ހެދި އެއްބަސްވުމެއް 2011 ވަނަ އަހަރު އުވާލުމުން، ލިބުނު ގެއްލުމުގެ ގޮތުގައި ސީލައިފުން ބޭނުންވި ފައިސާ އެވެ. އެ ފައިސާ އެ ކުންފުންޏަށް ދިނުމަށް ނިމިދިޔަ ސަރުކާރުން އެއްބަސްވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ 12 މިލިއަން ޑޮލަރުން ފައިސާ ދޭން ޖެހޭ މީހުންނަށް އުނި ކުރުމަށް ފަހު ފްލެޓު މަޝްރޫއު އަލުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ސީލައިފަށް ދިނުމަށް ވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ހުޅުމާލޭގައި 3000 ފްލެޓު އެޅުމުގެ މަޝްރޫއު 2014 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުން ސީލައިފު ކުންފުންޏާ ހަވާލު ކުރިއިރު، އެޗްޑީސީން ބެލި ބެލުމުން، ސީލައިފަކީ އެފަދަ މަޝްރޫއެއް ހިންގުމުގެ މާލީ ގާބިލުކަން ނެތް ކުންފުންޏެއް ކަން އެނގިފައި ވެއެވެ.

ސީލައިފާ އެޗްޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ މަޝްރޫއުގައި ވިއްކާ ފްލެޓުތަކަށް އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ނެގޭނީ މަސައްކަތުގެ 20 އިންސައްތަ ނިމުމުންނެވެ. އެކަމަކު އެއްވެސް މަސައްކަތެއް ނުކޮށް ސީލައިފުން ވަނީ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ބުކިން ފީގެއް ގޮތުގައި 50،000 ރުފިޔާ އާއި އިތުރު ބައެއް މީހުންގެ އަތުން ޑައުންޕޭމަންޓު ވެސް އަތުލާފަ އެވެ.
ހިޔާލު

އއއ

ޒިންމާދާރު ނޫސްވެރިކަމަކީ ވަކި ބައެއްގެ ޕްރޮޕެގެންޑާ ފެތުރުމެއްނޫން! ނަމަވެސް ޒިންމާދާރު ނޫސްވެރިކަމަކީ ކަމުގެ ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުން އެހެނަސް މި ނޫހުން މިފެނަނަނީ ވަކި ބައެއްގެ ޕްރޮޕެގެންޑާ ފަތުރަން މަސައްކަތްކުރާ މަންޒަރު. އެކަން އެގޮތަށް ނުކުރުމަށް ގޮވާލަން!