Fuvahmulakuge 31 mageh gai thaaru alhanee
image
ފުވައްމުލަކުގެ މަގެއް-- ފޮޓޯ: ދަ ޕްރެސް
0 ކޮމެންޓް
 

ފުވައްމުލަކުގެ 31 މަގެއްގައި ތާރު އަޅަނީ

ފުވައްމުލަކު ވަށައިގެން އޮންނަ ރިންގްރޯޑާއެކު އެ ސިޓީގެ 31 މަގެއް ރަނގަޅު ފެންވަރަށް ހަދައި ތާރު އަޅަން ނިންމައިފި އެވެ.
ރިންގް ރޯޑު ވަކި ހިސާބެއްގައި މިހާރު ވެސް ތާރު އަޅާފައި އޮންނައިރު އެ މަގުގެ 2.9 ކިލޯމީޓަރު ދިގުމިނުގެ ބައެއްގައި އަލަށް ތާރައަޅާނެ އެވެ. އަދި ރަށު ތެރެއިން ރަނގަޅު ފެންވަރަކަށް ހަދާ، ތާރު އަޅަން ނިންމާފައިވާ މަގުތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 16 ކިލޯމީޓަރެވެ.

އެރަށުގެ މަގު ހެދުމާ ގުޅިގެން ބައެއް ނޫސްތަކަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ، ސަރުކާރުން ފުވައްމުލަކުގެ މަގުތައް ހަދަން ބޭނުންވަނީ އެންމެ ޒަމާނީ ފެންވަރަށް ކަމުން މަޝްރޫއުގެ އަގު 20 އިންސައްތަ ބޮޑުވާނެ ކަމަށެވެ.

އެގޮތުން ސަރުކާރުން ބޭނުން ވަނީ ފުވައްމުލަކުގައި ތަރައްގީކުރާ މަގުތަކުގެ ބޭސް ލޭޔާގައި ހިލަ ބޭނުން ކުރަންކަން ފާހަގަކޮށް ޝާހު ވަނީ ބޭރުން ހިލަ ގެންނާތީ އަގަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އެތެރޭގެ މަގުތަކުގެ ޕްރޮޖެކްޓު ވެލިއު އަކީ 270 މިލިއަން ރުފިޔާ. މިއީ ސަރުކާރުގެ ބަޖެޓުން ޕީއެސްއައިޕީގެ ދަށުން ހިންގާ ޕްރޮޖެކްޓެއް. މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ މޭޖާ މަގުތަކުގައި ތާރު އަޅާނެ،" ޝާހު ވިދާޅުވި އެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު އެމަސައްކަތަކީ ރަށުގެ ރައްޔިތުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމުން އެ މަސައްކަތް އަވަހަށް ނިންމުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބޭނުންވާ ކަމަށް ޝާހު ވިދާޅުވި އެވެ. އެހެންވެ، މި އަހަރުގެ ނޮވެމްބަރު މަހަށް ރިންގް ރޯޑުގައި ތާރު އަޅައި ނިންމާލެވޭވަރުވާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

ފުވައްމުލަކުގެ މަގުތަކުގައި ބޮޑެތި އަޑިގުޑަންތައް ހުރުމުގެ ސަބަބުން އެތަނުން ހިނގާ ބިނގާވެ އުޅޭ މީހުންނަށް އެކަމުގެ އުނދަގޫތައް ކުރިމަތިވެ ޝަކުވާތައް ކުރާތާ އެތައް ދުވަހެކެވެ. އެހެންވެ އެރަށުގެ ބޮޑު މަގުތައް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެމްއާރުޑީސީއާ ވެސް ހަވާލުކުރި އެވެ. އެކަމަކު މަގުތައް ހެދިފައި ނުވާތީ ސަރުކާރު ބަދަލުވެ، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އެވެ.
ހިޔާލު