MDP ge memberunnai MP Jabir ge bahuge hamalaa thakeh!
image
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
0 ކޮމެންޓް
 

އެމްޑީޕީ މެމްބަރުންނާއި ޖާބިރުގެ ބަހުގެ ހަމަލާތަކެއް!

އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އިނާޔަތް 10،000 ރުފިޔާ އަށް ބޮޑު ކުރަން ހުށަހެޅުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް ޖާބިރު ހުށަހެޅުއްވި އިސްލާހާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަދެއްކެވީ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުންނެވެ.

ބިލުގެ އިބްތިދާއީ ބަހުސް މިއަދު މަޖިލިސް ތަޅުމުގައި ކުރިއަށް ދިޔައިރު، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ވިދާޅުވީ އެ އިސްލާހަކީ ހެޔޮ ނިޔަތުގައި ޖާބިރު ހުށަހެޅުއްވި އިސްލާހެއް ނޫން ކަމަށެވެ.

ޖާބިރަކީ ބޮޑެތި އަދަދުތަކުން ދަރާފައި ހުރި މީހެއް ކަމަށާއި، އޭނާގެ މުވައްޒަފުންނަށް ޕެންޝަނާއި ފައިސާ ވެސް ނުދޭ ކަމަށް ޝަހީމް ތުހުމަތު ކުރެއްވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތަށް ބެލުމެއް ނެތި އެފަދަ ބިލުތައް މަޖިލީހަށް ހުށަހެޅުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވީ އެ ބިލަކީ ވަގުތުން މަޖިލީހުން ބޭރު ކުރަން ޖެހޭ ބިލެއް ކަމަށާއި ބަޖެޓު ފާސްކޮށްފައި އޮއްވާ އެފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ.

އެމްޑީޕީގެ މެމްބަރުން ޖުމްލަ ގޮތެއްގައި ވިދާޅުވީ ޖާބިރުގެ ބިލަކީ އެއްވެސް ދިރާސާ ކުރުމެއް ނެތި، "ނޫސްތަކުގެ ހެޑްލައިނަށް" އެރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

މެމްބަރުންގެ ފާޑުކިޔުން އަމާޒުވުމާއެކު، ވަކިން ހާއްސަކޮށް ކަނޑިތީމު މެމްބަރު ޝަހީމްގެ ވާހަކަތާ ގުޅިގެން ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ "އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ހަޑި ކަމެއް" ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީން ރައްޔިތުންނަށް މިހާރު އެއްވެސް ކަމެއް ކޮށްދެމުން ނުދާ ކަމަށާއި އެފަދަ ގޮތަކަށް އިހުލާސްތެރިކަމެއް ނެތި އޮޅުވާލައިގެން ކަންކަން ނުކުރުމަށް ޖާބިރު ގޮވާލެއްވި އެވެ.

"އެމްޑީޕީ އަށް ސަރުކާރު ލިބިފައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުނީމާ، އެމްޑީޕީ އަށް ސަރުކާރު ހިންގަން ނޭނގި، ރައްޔިތުންނަށް ހިދުމަތްދިނުމަށްޓަކައި ފައިސާ ޖެނެރޭޓު ކުރާނެ ގޮތެއް ނޭނގި އޮތުމަކީ އެއީ އަޅުގަނޑާ ބެހޭ މައްސަލައެއް ނޫން،" ޖާބިރު ވިދާޅުވި އެވެ.

މިހާރު ޕެންޝަނާ ބެހޭ ގާނޫނު އޮތް ގޮތުން އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ މަހަކު ވެސް ދެނީ 5000 ރުފިޔާގެ އިނާޔަތެކެވެ. އެ އަދަދު ދެ ގުނަޔަށް އިތުރު ކުރަން ޖާބިރު ހުށަހެޅުއްވި އިސްލާހަށް އެމްޑީޕީގެ ތާއީދު ނެތުމުން ފާސްވާނެ ކަމަކަށް ނުބެލެވެ އެވެ.
ހިޔާލު