Mi hafthaa thereyga Kulhudhuffushi hospital ah kasheege doctor eh gennan ninmaifi
image
ކުޅުދުއްފުށީ ހޮސްޕިޓަލް-- ފޮޓޯ: ކޭއޯ
0 ކޮމެންޓް
 

މި ހަފްތާ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް ކަށީގެ ޑޮކްޓަރެއް ގެންނަން ނިންމައިފި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ހުރި ހަމައެކަނި ކަށީގެ ޑޮކްޓަރު ޗުއްޓީ އަށް ދިޔުމުން ހިދުމަތްތައް މެދުކެނޑި، އާއްމުން ޝަކުވާ ކުރަން ފެށުމުން، މި ފަހްތާގެ ތެރޭގައި ކަށީގެ ޑޮކްޓަރެއް ގެންނަން ނިންމައިފި އެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރު ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 29 ގައެވެ. އެ ޑޮކްޓަރު އަލުން ވަޒީފާ އަށް ނިކުންނާނީ އަންނަ މަހުގެ 12 ގައެވެ. އޭނާ ޗުއްޓީ އަށް ދިޔުމުން ކަށީގެ ހުރިހާ ހިދުމަތެއް ވަނީ މެދުކެނޑިފަ އެވެ.

އެގޮތުން ގިނަ ބަޔަކު މާލެ އަންނަން މަޖުބޫރުވެފައި ވާއިރު، އިނގިއްޔެއް ބިންދައިގެން ދިޔަ ކުއްޖަކަށް ވެސް ފަރުވާ ނުދެވި މާލެ ފޮނުވާލާފައި ވެއެވެ.
އެ ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ އަލީ މިއަދު ސީއެންއެމް އަށް ވިދާޅުވީ މި ހަފްތާގެ ތެރޭގައި ކަށީގެ ޑޮކްޓަރަކު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އެރަށަށް ކަށީގެ އެހެން ޑޮކްޓަރަކު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު (ޑޮކްޓަރު) މާލޭގަ ހުރީ. ލިޔެކިޔުންތައް ހަމަޖެހުނުހާ އަވަހަކަށް މިކޮޅަށް އައިސް އެ ހިދުމަތް އަލުން ދެވޭނެ،" ހަދީޖާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އާބާދީ ބޮޑު ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.

ދެހާސް ސާދަވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހއ، ހދ. އަދި ށ، އަތޮޅުގެ އާބާދީ އަކީ 43701 މީހުންނެވެ. އެކަމަކު ކަށީގެ ޑޮކްޓަރެއް ނެރުމުން އެ ތިން އަތޮޅުގެ މީހުން ވެސް މިހާރު ޖެހެނީ މާލެ އަންނާށެވެ.
ހިޔާލު