ސްރީ ލަންކާގައި ކިޔަވާ ދިވެހި ކުއްޖެއްގެ ޕާސްޕޯޓު އޭނާގެ ބައްޕަ ހިފަހައްޓައިގެން އުޅޭ މައްސަލަ އަވަސް ކުރުމަށް ޖެންޑާ މިނިސްޓްރީގައި އެދުމަށް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެ ކުއްޖާގެ ބޮޑުދައިތަ މަޖިލީހަށް ފޮނުވި ސިޓީއެއް އިއްވާފަ އެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. އަދި އެ ހުށަހެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ތާއީދު ކުރެއްވި އެވެ.
އެ މައްސަލައަކީ ކުއްޖެއްގެ އުނގެނުމާއި އަދި އެކުއްޖާގެ ހައްގުތަކާއި ވެސް ގުޅިފައިވާ މައްސަލައަކަށް ވުމުން މެމްބަރުން ވަނީ ޖުމްލަ ތިން ކަމެއް ފާހަގަކޮށްފަ އެވެ.
އެއީ ކޮމިޓީން އެ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ފޮނުވުމާއި، ވީ އެންމެ އަވަހަކަށް ޖެންޑާ މިނިސްޓްރީން އެ ކުއްޖާގެ އެނގެނުމުގެ ހައްގާއި އެހެން ހައްގުތައް ކަށާވަރު ވާނެ ގޮތަށް ކަންކަން ނިންމުމާއި، އެ މައްސަލަ ނިމެންދެން ކޮމިޓީން މޮނިޓާ ކުރުމެވެ.
އެގޮތަށް ނިންމާ ސިޓީ ޖެންޑާ މިނިސްޓްރީ އަށް ފޮނުވުމަށް ހުރިހާ މެމްބަރުން ވެސް ތާއީދު ކުރެއްވި އެވެ.
ލަންކާގައި ކިޔަވަމުން އަންނަ އެ ކުއްޖާ ޗުއްޓީއަކަށް ރާއްޖެ އައި ތަނުން އެނބުރި ދިޔަ ނުދީ، އެ ކުއްޖާގެ ޕާސްޕޯޓު ބައްޕަ ހިފެހެއްޓި މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައި ވާތީ އެމައްސަލަ ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި މިހާރު ކުއްޖާގެ ބައްޕަގެ އާއިލާ އާއި އެކުއްޖާ މިހާރު ބަލަމުން އަންނަ ފަރާތުގެ ކަންބޮޑުވުންތައް ވެސް އަހާފައިވާ ކަމަށް މިނިސްޓްރީން ކުރިން ބުންޏެވެ.
އުމުރުން 15 އަހަރުގެ އެކުއްޖާގެ މަންމަ، 2016 ވަނަ އަހަރު މަރުވެފައި ވާތީ އޭނާ ބަލަމުންދަނީ ލަންކާގައި ދިރިއުޅޭ އޭނާގެ މަންމައާ އެއްބަނޑު އެއްބަފާ ދައްތައެކެވެ. ކުޑަ ޗުއްޓީއަކަށް ރާއްޖެ އައިތަނުން ކުއްޖާގެ ޕާސްޕޯޓު ހިފެހެއްޓިއިރު މިއީ އެކުއްޖާގެ އޯލެވެލް އަހަރު ކަމަށް ވެއެވެ.