Bar Council ge memberunnaa Raees Solih badhdhalu kuravvaifi
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބާ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވަނީ--
0 ކޮމެންޓް
 

ބާ ކައުންސިލް މެމްބަރުންނާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

އަލަށް އިންތިހާބުވި ބާ ކައުންސިލުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބާ ކައުންސިލު އުފެދިގެން ދިއުމަކީ ގާނޫނީ އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް ތަރައްގީ ކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައި ވިދާޅުވި އެވެ.

އެއީ ގާނޫނީ އަދި ޝަރުއީ ދާއިރާއަށް އާއްމުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ބާ ކައުންސިލުގެ މަސައްކަތް މިނިވަންކަމާއެކު ކުރިޔަށް ގެންދިއުމަށް ބޭނުންވާ އެއްބާރުލެއްވުމާއި އެހީތެރިކަން ސަރުކާރުން ދެއްވާނެ ކަމުގެ ޔަގީންކަން ކައުންސިލު މެންބަރުންނަށް އެރުވި އެވެ.

މި ބައްދަލުވުމުގައި ބާ ކައުންސިލުގެ ރައީސް މައުމޫން ހަމީދާއި ނައިބު ރައީސް އަބްދުﷲ މުއިއްޒާއި ދައުލަތުގެ އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތާއި ބާ ކައުންސިލުގެ މެންބަރުން ކަމުގައިވާ އަހުމަދު މުއިއްޒާއި އަނާރާ ނައީމާއި އާއިޝާ ސުޖޫން މުހައްމަދާއި އަނަސް އަބުދުއްސައްތާރާއި މުހައްމަދު ފައިސަލް އަދި މުހައްމަދު އަސީލް ހަސަން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބާ ކައުންސިލުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އެ ކައުންސިލުގެ މެންބަރުންނާ ބައްދަލު ކުރެއްވުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

ބާ ކައުންސިލަކީ ރައީސް ސޯލިހުގެ ސަރުކާރުގެ މި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހެޅި، ގާނޫނަކަށް ބަދަލުވެގެން ދިޔަ، ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މުޅިން އަލަށް ރާއްޖޭގައި އުފެއްދި ކައުންސިލެކެވެ.

ގާނޫނީ ވަކީލުންގެ ކަންކަން މޮނީޓާ ކުރުމާއި ގާނޫނީ ފަންނު އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ ހުރިހާ ޒިންމާއެއް މަތިކޮށްފައިވަނީ ބާ ކައުންސިލަށެވެ.
ހިޔާލު