Vaki gothakah amalu kurumah BML ah lafaeh nudhen
image
އެމްއެމްއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ވަކި ގޮތަކަށް އަމަލު ކުރުމަށް ބީއެމްއެލަށް ލަފައެއް ނުދެން: ނީޒާ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އެންޑޯޒްކޮށްފައިވާ ޗެކުތަކެއް އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްފޯއެފްގެ އެކައުންޓަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖަމާކުރީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިސްވެރިން ދެއްވި ލަފާގެ މަތިން ކަމަށް ބުނުމުން އެކަން ދޮގުކޮށްފި އެވެ.
އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ބީއެމްއެލްގެ އިސްވެރިން އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އެސްއޯއެފުން ބޮޑެތި އަދަދުތަކުން ކުރަމުން ދިޔަ މުއާމަލާތްތަކާއި މެދު ޝައްކު އުފެދި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް) ފޮނުވި ކަމަށެވެ.

އަދި އެސްއޯއެފްގެ އެކައުންޓުތައް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށާއި، ނަމަވެސް އެކައުންޓު ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިގެން ނުވާ ކަމަށް އެފްއައިޔޫ އާއެކު ފޯނުން ކުރި މަޝްވަރާތަކުގައި އެފްއައިޔޫގެ ވެރިން ފާހަގަކުރި ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެގޮތަށް އެންގެވި އެފްއައިޔޫގެ ވެރިންގެ ނަންތައް ހާމަކުރެއްވުމަށް ކޮމިޓީގެ މެމްބަރެއް އެދިވަޑައިގެންނެވުމުން ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ފާހަގަކުރެއްވީ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދާއި އެފްއައިޔޫގެ ވެރިޔާ އާތިފް ޝަކުރޫގެ ނަމެވެ.

ނަމަވެސް ނީޒާ ވަނީ ބީއެމްއެލް އިން ކޮމިޓީގައި ވާހަކަދެއްކީ ހަގީގަތާއި ޚިލާފަށް ކަމަށް ވިދާޅުވެފަ އެވެ. ބީއެމްއެލް ގެ ވާހަކަތަކަށް ރައްދުދެއްވާ ނީޒާ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބޭންކު ގެ މުއާމަލާތްތައް ހިފެހެއްޓުމާއި ގުޅޭ ގޮތުން ވަކި ގޮތަކަށް ކަންތައް ކުރުމަށް ބޭންކަށް އެއްވެސް ލަފައެއް ދީފައި ނުވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ ގޮތުން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގަށްވެސް މައުލޫމާތު ދީފައިވާނެ ކަމަށާއި މިކަމާއި ގުޅޭ ގޮތުން އިތުރު މުއައްސަސާތަކަށް ވެސް މައުލޫމާތު ދޭން ތައްޔާރަށް ހުރި ކަމަށް ނީޒާ ގެ ބަޔާނުގައި ވެއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި މަރުކަޒީ ބޭންކް ގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އަކީ މިހާރު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ނީޒާ އޭރުން މަގާމުން އިސްތިއުފާ ދެއްވީ ގަވަރުނަރުކަމަށް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ފޮނުވުމަށް ފަހު ރައީސް ޔާމީން ނަން އަނބުރާ ގެންދެވުމުންނެވެ.

ނީޒާގެ ބަޔާނުގައި ބީއެމްއެލްގެ ވާހަކަތައް ދޮގު ކުރި ނަމަވެސް، އިއްޔެ ކޮމިޓީ ބައްދަލުވުމުގައި ބީއެމްއެލްގެ އިސްވެރިން ވިދާޅުވެފައި ވަނީ އެ ބޭންކާއި އެމްއެމްއޭގެ ވެރިންނާ ދެމެދު ފޯނުން ދެކެވުނު ވާހަކަތަކުގެ ޔައުމިއްޔާ ހެކީގެ ގޮތުގައި ހުންނާނެ ކަމަށެވެ.
ހިޔާލު