Garage hingaa meehun heylun theri kurumuge program eh baavvaifi
image
ގަރާޖު ހިންގާ ފަރާތްތައް ހޭލުންތެރިކުރުމަށް ބޭއްވި ޕްރޮގުރާމުގެ ތެރެއިން---ފޮޓޯ: ފޮލިސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ގަރާޖު ހިންގާ މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

ހުޅުމާލެގައި ގަރާޖު ހިންގާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ހުޅުމާލެ ނައިބަހުޑް ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.
އެ ޕްރޮގްރާމް ބޭއްވީ އެއްގަމު އުޅަނދު ގެއްލިގެން ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާތީ އާއި މަރާމާތުކުރުމަށް ގަރާޖުތަކަށް ގެންނަ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އަދި ގަރާޖުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށެވެ.

މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ގަރާޖުތަކުގައި ހަރުކޮށްފައިވާ ދޮރުތައް ރައްކާތެރިކަމާއެކު ތަޅުލެވޭނެ ނިޒާމެއް ހުރިތޯ ބަލައި އިތުރަށް ރަނގަޅު ކުރަންހުރި ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ގަރާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދުދީ އެކަމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ވެސް ވަނީ މައުލޫމާތު ދީފަ އެވެ.

އެޕްރޮގްރާމުގައި، ހުޅުމާލޭގައި ގަރާޖު ވިޔަފާރިކުރާ 15 ފަރާތަކުން ބައިވެރިވެފައިވާއިރު ގަރާޖު މަސައްކަތް ކުރުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން މައުލޫމާތު ދީފައިވެއެވެ.

އެޕްރޮގްރާމްގައި މައުލޫމާތު ދެއްވީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ މުވައްޒަފުންނާއި ހުޅުމާލެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ.
ހިޔާލު