Thuhummathu thakah javaabudhaareevaan beynun: Athif Shukoor
image
އެފްއައިޔޫގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝުކޫރު--ފޮޓޯ:ވީނިއުސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ތުހުމަތުތަކަށް ޖަވާބު ދާރިވާން ބޭނުންކަމަށް އެފްއައިޔޫގެ ކުރީގެ ހެޑް އާތިފް ޝުކޫރު ވިދާޅުވެއްޖެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލާގައި ކުރެވޭ ތުހުމަތު ތަކަށް ޖަވާބުދާރީވާން ބޭނުންވާކަމަށް މަރުކަޒީ ބޭންކްގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝުކޫރު ވިދާޅުވެއްޖެ އެވެ.
އާތިފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި މިއަދު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅާނެ ކަމަށެވެ. ޓްވީޓާ އެކު އާތިފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒަށް ފޮނުވަން ލިޔެފައިވާ ސިޓީ އާއްމު ކޮށްފައެވެ.

ސިޓީގައި އާތިފް ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެފްއައިޔޫގެ އިސްވެރިއެއްގެ ގޮތުގައި އޭނާ ހުންނެވި އިރު، މަސްއޫލިއްޔަތު އަދާ ކުރި ގޮތާއި ބެހޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްވެރިން މާލިއްޔަތު ކޮމިޓީގައި ކޮށްފައިވާ ތުހުއްމަތު ތަކަށް ޖަވާބުދާރީ ވުމަށް ފުރުސަތަކަށް އެދިފަ އެވެ.

އާތިފް އެފްއައިޔޫގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ނޮވެމްބަރު 2014 އިން ޖޫން 2015 ގެ ނިޔަލަށް ޖުމްލަ ހަތް މަސް ދުވަހު އެވެ.

އިއްޔެ އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބީއެމްއެލް ގެ އިސްވެރިން ވަނީ ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ސުވާލުކޮށްފަ އެވެ.

ބައްދަލުވުމުގައި ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފް ވިދާޅުވީ ޚިޔާނާތުގެ މައްސަލާގައި ބީއެމްއެލްގެ ޒިންމާ އެފަރާތުން އުފުލާފައިވާ ކަމަށެވެ. އެގޮތުން ޝައްކު އުފެދުނު މުއާމަލާތެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ރިޕޯޓްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އޭގެ ފަހުން އަމަލު ކުރީ އެފްއައިޔޫގެ އިރުޝާދުގެ ދަށުން ކަމަށާއި އެހިސާބުން އެސްއޯއެފްގެ އެކައުންޓުގެ މުއާމަލާތްތައް ހުއްޓުވި ކަމަށެވެ.

ނަމަވެސް ފަހުން އެފްއައިޔޫ އާއެކު ކުރެވުނު މަޝްވަރާތަކުގައި، އެކައުންޓެއް ހިފެއްޓުމާއި ޓްރާންސްސެކްޝަން ހުއްޓުވުމުގެ ބާރު ބޭންކަށް ލިބިފައި ނުވާ ކަމަށް އެފަރާތުން ބުނި ކަމަށް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ އެފްއައިޔޫ އިން ބުނި ގޮތުގައި އެ ބާރު ލިބިގެން ވަނީ އެފްއައިޔޫ އަށެވެ. އެހެންކަމުން އެފްއައިޔޫ އިން އެންގުމާ އެއް ގޮތަށް އެކައުންޓްތައް ދޫކޮށްލީ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ހިޔާލު

މީރުބަހުރު

ޒިންމާވާ ފަރާތެއް ހޯދެންޖެހޭނެ. މިއީ ކުޑަ އެތިކޮޅެއްނޫން. އަބަދު ރައްޔިތުންގެ މާލިއްޔަތުން ގެއްލޭ ފައިސާ ގެއްލުނީމާ އަޅާނުލާ ތިބެގެން ނުވާނެ.