HRCM ah kurevunu hamaekani kamakee Raees Nasheed jalahlun: MP Easa
image
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

އެޗްއާރުސީއެމަށް ކުރެވުނު ހަމައެކަނި ކަމަކީ ރައީސް ނަޝީދު ޖަލަށްލުން: އީސަ

ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އޭޗްއާރުސީއެމް)އަށް ގާނޫނީ ބާރެއް ލިބިފައިއޮތް ކަމަށް އެ ކޮމިޝަނުގެ މެމްބަރުން ހަމަ އެކަނި ގަބޫލު ކުރެވިފައި އޮތީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ޕޮރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ފޮނުވި ފޮނުވުން އެކަނި ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.
އީސަ މިހެން ވިދާޅުވީ، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާނު މަހްމޫދު ހުށަހަޅުއްވާފައިވާ، ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބާރު، ހަމަ އެގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ސުޕްރީމް ކޯޓުން އެގާނޫނުއަސާސީއާ ހިލާފަށް ނިގުޅައިގަނެފައިވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ނެވެ.

"ހިއުމަން ރައިޓްސް ކޮމިޝަނުން، އެބޭފުޅުންނަށް ގާނޫނީ ބާރެއް ލިބިފައި އޮތްކަމަށް ގަބޫލުފުޅުކުރެއްވީ އެންމެ ފަހަރަކު. އެއީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޕީޖީއަށް ފޮނުވި ފޮނުވުން އެކަނި. ގާޒީއަކު ހައްޔަރުކުރިކަމަށްބުނެ، އެފޮނުވި ފޮނުވުން ނޫން ފަހަރަކު އެބޭފުޅުންނެއް ނެތް އެބޭފުޅުންގެ ގާނޫނީ ބާރެއް އޮތްކަމަށް ގަބޫލުފުޅު ކުރައްވައިގެން ކަމެއް ކުރައްވާފަ،" އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ، އެޗްއާރުސީއެމްގެ ގާނޫނަށް ބަދަލެއް އައިސްފައި ނުވާކަމަށާއި މިހާރުވެސް އޮތީ ހަމަ ކުރިންވެސް އޮތް ގާނޫނު ކަމަށެވެ. ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ދުވަހުން ފެށިގެން މިއަދާއަހަމަށް ރާއްޖޭގައި އެތައް ލާއިންސާނީ ޖަރީމާ ހިންގާފައިވާ ކަމަށާއި އެކަންކަން ބެލުމަށް އެޗްއާރުސީއެމަށް ގާނޫނީ ބާރުވެރިކަން އޮތް ކަމަށެވެ.

"މީހަކަށް ފުލުހުން އަނިޔާކޮށްގެން ހުށަހެޅީމައި ބުނަނީ، ޑޮކްޓަރު ރިޕޯޓަކު ލިޔެފައެއް ނެތޭ، މިވެނި ތާރީހެއްގައި، މިވެނި ރެއެއްގައި، ފުލުހުންގެ މިވެނި މީހަކު ކަލެއަށް އަނިޔާކުރި ވާހަކައެއް. ބައްލަވާ ނުލިޔާނެ ޑޮކްޓަރު ރިޕޯޓެއްގައެއް. ޑޮކްޓަރު ރިޕޯޓުގައި ލިޔާނީ އޭނާއަށް އަނިޔާވެފައި އެބަހުއްޓޭ،" އީސަ ވިދާޅުވި އެވެ.

އީސާ ވިދާޅުވީ އެޗްއާރުސީއެމްގެ ގާނޫނުން މިހާރުވެސް، އަމިއްލައަށް ތަހުގީގު ހިންގާ، އިންސާނީ ހައްގަކަށް އަރައިގެންފި ކަމަށް ގަބޫލުކުރެވޭނަމަ ދައުވާ ކުރަށް ފޮނުވުމުގެ ބާރު އެކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

އީސައަކީ އެކި އެއްވުންތަކުން ފުލުހުން ހައްޔަރުކޮށް، ޖަލަށްލައި އަނިޔާލިބިފައިވާ މީހުންގެތެރޭގައި އެމްޑީޕީގެ ވަރަށް އިސްސަފުގައި ހަރަކާތްތެރިވާ މެމްބަރެކެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، 13 އަހަރަށް ޖަލަށްލާފައިވަނީ، އެޗްއާރުސީއެމުން ހިންގި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރިކަމަށްބުނާ މައްސަލާގައި، އަބްދުﷲ ގާޒީގެ އިންސާނީ ހައްގަކަށް އަރައިގަނެފައިވާ ކަމަށް ބުނެ، ޕީޖީ އޮފީހަށް ދައުވާ ކުރަން ފޮނުވު ރިޕޯޓާ ގުޅިގެންނެވެ.

މިހާރު މަޖިލީހަށް އެޗްއާރުސީއެމްގެ ބާރު ހޯދަން، ގަރާރު ހުށަހަޅުއްވާފައިވާ، މެމްބަރު ޖީހާން އަކީ އޭރު އެޗްއާރުސީއެމްގެ މެމްބަރެކެވެ.
ހިޔާލު