Boakoh vaarey vehi Holhudhoo gai fenbodu vejje
image
ހޮޅުދޫގައި ފެންބޮޑުވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ބޯކޮށް ވާރޭވެހި ހޮޅުދޫގައި ފެންބޮޑުވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނ. ހޮޅުދޫގައި ފެންބޮޑުވެއްޖެ އެވެ.
ހޮޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރު ވިދާޅުވީ އެރަށަށް ބޯކޮށް ވާރޭވެހެން ފެށީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ. އަދި ހުއްޓާނުލާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށު ހުރިހާ މަގެއްގައި ފެންބޮޑުވެފައިވާ ކަމަށް މުހައްމަދު ނަސީރު ވިދާޅުވިއެވެ.

"ވާރޭ ވެހެން ފެށީ 10:00 ޖަހާކަށްހާއިރު، އެވެހުން ގޮތަށް ގާތްގަނޑަކަށް ދެ ފޫޓު ވަރަށް ފެން ބޮޑުވި ބައެއް ސަރަހައްދުގަ،" މުހައްމަދު ނަސީރު ވިދާޅުވި އެވެ.

ވިއްސާރަ މިވަގުތު ހުއްޓާލި ނަމަވެސް އަދިވެސް ރަށުގެ މަގުތަކުގައި ފެން ނުހިނދޭ ކަމަށް މުހައްމަދު ނަސީރު ވިދާޅުވިއެވެ. އެގޮތުން އެމްއެންޑީއެފުންނާއި ފުލުހުން އަދި ރަށުގެ ރައްޔިތުން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށުގެ ބައެއް ގޭގެއަށް ފެންވަދެފައިވާއިރު ފެނުގެ އަސަރު ކުރީ ކިތައް ގެއަށްކަން އަދި ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާބާދީގައި 2200 މީހުން އުޅޭ އެރަށުގައި އާންމު ގޮތެއްގައި ވެސް ވާރޭ ވެހޭއިރު ފެންބޮޑުވާކަން ފާހަގަކުރަމުން މުހައްމަދު ނަސީރު ވިދާޅުވީ މިފަހަރު ވާރޭ ވެހުމުން ކުރިއަށް ވުރެ ބޮޑަށް ފެންބޮޑުވެފައިވާ ކަމަށެވެ.މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ފަސް އަތޮޅަކަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އަދި ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
ހިޔާލު