Footboalhaige foari Veymandoo ga, fathis namaadhah fahu emmen bootu queue ah!
image
ފުޓްބޯޅަ ކުޅެން ބޭނުންވެގެން ބޫޓު ކިއުގައި ބަހައްޓާފައި--
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ފުޓްބޯޅައިގެ ވާދަވެރިކަން ވޭމަންޑޫގައި ގަދަ، ކުޅުމަށް ފަތިސް ނަމާދަށް ފަހު ބޫޓު ކިއުއަށް

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކެކެވެ. ފެންނަނީ ބެންޗެއްގެ މަތީގައި ފުޓްބޯޅަ ކުޅޭ ބޫޓުތަކެއް ނިކަން ތަރުތީބުން ބަހައްޓާފައި ހުރި މަންޒަރެވެ. އެ ބޫޓުތަކަކީ އެ ދުވަހު ހަވީރު ދަނޑުގައި ފުޓްބޯޅަ ކުޅޭނެ މީހުންގެ ބޫޓުތަކެވެ. ފަތިސް ނަމާދަށް ފަހު ބޯޅަކުޅޭ ސަރަހައްދުގައި ހުރި ބެންޗުގައި މީހުން ބޫޓުތައް ބަހައްޓަން ފަށާއިރު ބޫޓު ބެހެއްޓި ތަރުތީބުން އެދުވަހެއްގެ މެޗުގައި ކުޅެން ފުރުސަތު ލިބޭނެ އެވެ.
މިއީ، ތ. ވޭމަންޑޫގައި ފުޓްބޯޅައިގެ ފޯރި އޮތް މިންވަރެވެ. އެރަށު ކައުންސިލުގެ ނައިބް ރައީސް އަހުމަދު ފަތުހީ، ސީއެންއެމްއަށް ވިދާޅުވީ، އެރަށު ޒުވާނުންނަކީ ފުޓްބޯޅަ ކުޅުމަށް ވަރަށް ފޯރި ހުންނަ ބަޔެއް ކަމަށާއި އެކަމަކު މިވަގުތު ރަށުގައި އޮތް ފުޓްބޯޅަ ދަނޑު ހަދައި ރަސްމީކޮށް ނުހުޅުވާތީ، އެންގުމަށް ކިޔަވަންވުމުގެ ގޮތުން ކުޅެމުން އަންނަނީ ފުލުހުންނަށް ދީފައި އޮންނަ ގޯއްޗެއްގައި ކަމަށެވެ.

--ފުޓްބޯޅަ ކުޅުމަށް ބޭނުންކުރާ ގޯތި

އެތަނުގައި ހުންނަ ބެންޗެއްގައި ބައެއް މީހުން ފަތިސް ނަމާދަށް ފަހު ހަވީރު ކުޅުމަށް ބޫޓުތައް ބަހައްޓަން ފަށާއިރު އެކަމަށް އިޝާރާތްކޮށް ފަތުހީ ވިދާޅުވީ، ކުޅެން ނުލިބިގެން އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކަމަށާއި ޒުވާނުން އެތަނުގައި ކުޅެމުން އަންނަނީ ވަރަށް އެކުވެރި ކަމާއެކު ކަމަށެވެ.

"މިއީ ވަރަށް ފުޓްބޯޅައިގެ ފޯރި ގަދަ ރަށެއް، އަދި ބޮޑަށް ފުޓްބޯޅައިގެ ފޯރިގަދަވީ 2015 ވަނަ އަހަރު، ރަށުގަ އޮވޭ ހައެއްކަ ޓީމު ވެސް، މިވަގުތު އެންމެން ވެސް ކުޅެން ދަނީ އެ ގޯއްޗަށް، އެކަމަކު އެތަނުން ކުޅެން ފުރުސަތު ނުލިބިގެންނޭ ކިޔާފަ ހަމަނުޖެހުންތަކެއް އަދި ނެތް ހިނގާފައެއް،" ފަތުހީ ވިދާޅުވިއެވެ.

އެރަށުގައި އޮންނަ ފުޓްބޯޅަ ދަނޑުގައި އަޑިގުޑަންތައް ގިނަވުމުގެ ސަބަބުން ކުޅެންދާ މީހުންގެ އުކުޅުވަޅާއި، ކަކުލުގެ މައްސަލަތައް ދިމާވާތީ އެކަމުގެ ޝަކުވާކުރުމުން ވަނީ ދަނޑު އެއްވަރުކޮށް ފަސް އަޅައި ވިނަ ހެއްދުމުގެ މަސައްކަތް ފަށާފައެވެ. އެމަސައްކަތް ފެށުމާއެކު ޒުވާނުންނަށް ކުޅެވޭނެ އިތުރު ތަނެއް ނެތުމުން އެމީހުން އަދި ވެސް ކުޅެމުންދަނީ އެ ގޯތި ތެރޭގައެވެ.

- ފުޓްބޯޅަ ކުޅެން ބޭނުންވެގެން ޒުވާނުން ކިއުގައި ބޫޓުތައް ބަހައްޓާފައި

"ދަނޑުގެ 99 އިންސައްތަ އޮތީ މިހާރު ނިމިފަ، ބޮޑު އީދުގަ އެތަން ރަސްމީކޮށް ހުޅުވަން މިހާރު އަޅުގަނޑުމެން ތައްޔާރުވަމުން މި އަންނަނީ، މެޗުތަކެއް ވެސް އޮންނާނެ އެދުވަސްކޮޅު ދަނޑުގަ ހަމަ،" ފަތުހީ ވިދާޅުވިއެވެ.

ފަތުހީ ވިދާޅުވީ، އެތަނުގައި ވިނަ އިންދާ ދަނޑު ރީއްޗަށް ހެދުމުން ނޫނީ ބޭނުން ނުކުރާން އަންގާފައި ވާތީ ޒުވާނުން ވެސް އެގޮތަށް އަމަލުކުރާ ކަމަށެވެ.

"ކިތަންމެ ބޮޑަށް ވާރޭވެހުނަސް އެމީހުން ކުޅޭނީ އެ ގޯތި ތެރޭގަ، ފެން ހެދިއްޖެއްޔާ ޕަމްޕުން އެތަނުގެ ފެން ހިންދައިގެން، އެމީހުން ވެސް ބޭނުންވަނީ ދަނޑުގަ ރީއްޗަށް ވިނަ ހެދުނީމަ އެތަނުގަ ކުޅެން،" ފަތުހީ ވިދާޅުވިއެވެ.

-- ފުޓްބޯޅަ ދަނޑުގައި ވިނަ ހައްދާފައި

އެރަށުގައި ޒަމާނީ ފެންވަރަށް ފުޓްބޯޅަ ދަނޑެއް ހަދައިދޭނެ ބަޔަކު ހޯދަން ވަރަށް ފަހުން ވެސް އިއުލާނު ކުރި އެވެ. އެކަމަކު އެކަމަށް އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިއުލާނު ބާތިލުކޮށް މިއަދު އަނެއްކާ ވެސް ވަނީ އެކަމަށް އިއުލާނުކޮށްފައި ކަމަށް ފަތުހީ ވިދާޅުވި އެވެ.
ހިޔާލު

ގަދަ

ބޫޓު ނުގެއްލި ތިގޮތަށް ހުރުމަކީ ވ އުފާވާ ކަމެއް