Iyye haama nukuri hageegatheh miadhu haama kuranee keekuran?
image
އެމްއެމްއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރަކަށް ހުންނެވި ނީޒާ (ވ) އިމާދާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު (ކ) ---
4 ކޮމެންޓް
 

އިއްޔެ ހާމަނުކުރި ހަގީގަތެއް މިއަދު ހާމަ ކުރަނީ ކީއްކުރަން؟

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އެއް ވައްކަމަކީ ނުވަތަ ހިޔާނަތުގެ އަމަލަކީ އެމްއެމްޕީއާރްސީގެ ހިޔާނާތް ކަމާއި މެދު މި ގައުމުގެ އެއްވެސް ރައްޔިތަކު ދެކޮޅެއް ނުހަދާނެއެވެ. ދިވެހި ރައްޔިތުންގެ ފައިސާ ވަކި ބައެއްގެ އެކައުންޓުތަކަށް ވަދެ ވަކި ބައެއްގެ ޖީބުތައް ފުރާލައި ވަކި ބައެއްގެ ދިރިއުޅުން ކޮޅަށް ޖަހައި ދިނީ މި ދެންނެވި ބޮޑު ހިޔާނާތުގެ ފައިސާއިންނެވެ. މި ފައިސާތައް އެއް އެކައުންޓުން އަނެއް އެކައުންޓަށް ދައުރުވަމުން ދިޔައިރު މިކަމުގައި އެންމެންވެސް ގަބޫލުކުރާ އެއް ހަގީގަތެއް އެބައޮތެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވާހަކައެވެ.
ދުވަސްތަކަކަށްފަހު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ބީއެމްއެލް ފަދަ ބޭންކަކުން ހާޒިރުކޮށް އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރިއިރު ހިނގާދިޔަ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއްސެވިއެވެ. ބީއެމްއެލްގެ އިސް ދެ ފަރާތުން ހާޒިރުވި މި ކޮމެޓީގައި ބީއެމްއެލްގެ ފަރާތުން ދެއްކި ވާހަކަތަކުން އަނެއްކާވެސް އާ ކުރިއެއް މިކަމުގައި ފަޅައިގެން ދިޔައެވެ. އެއީ އޭރުގެ ޑެޕިއުޓީ ގަވަރުނަރަކަށް ހުންނެވި ނީޒާ އިމާދާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ ވާހަކަތަކެވެ.

ބީއެމްއެލްއިން މާލިއްޔަތު ކޮމެޓީގައި ބުނީ ހިޔާނާތުގެ ފައިސާ ޖަމާކުރަމުންދިޔަ އެސްއޯއެފް އެކައުންޓަށް އެހާ ގިނަ އަދަދެއްގެ ފައިސާތަކެއް އެއްފަހަރާ ވަންނަމުންދާ ކަމުގެ ވާހަކަ އެމްއެމްއޭއަށް ހިއްސާ ކުރި ކަމަށެވެ. އަދި ބުނީ އެ މައްސަލާގައި އެސްއޯއެފްގެ އެކައުންޓުވެސް ހިފެހެއްޓި ކަމަށެވެ. ނަމަވެސް އެ އެކައުންޓު ދޫކޮށްލީ އެމްއެމްއޭގެ އޭރުގެ ޑެޕއިުޓީ ގަވަރުނަރު ނީޒާއާ އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފް އެ އެކައުންޓު ދޫކޮށްލުމަށް ވިދާޅުވުމުން ކަމަށެވެ.

ކޮންމެއަކަސް މިހާ ހިސާބުން މި މައްސަލަ ދިރާސާ ކުރަމުންދާ މާލިއްޔަތު ކޮމެޓީއަށްވެސް ފެޅިގެން ދިޔައީ މުޅިން އާ ކުރިއެކެވެ. އަދި މި މައްސަލާގައި ފުލުހުންނަށާއި އޭސީސީއަށްވެސް އާ ވާހަކަތަކެއް ނުވަތަ ތަހުގީގަށް އިތުރު ބާރެއް ލިބިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ބީއެމްއެލްގެ ވާހަކަތައް ދެބޭފުޅުންވެސް ދޮގުކުރުން:

ނޫސްތަކުގެ ފަލަ ސުރުހީގައި މިދިޔަ އަންގާރަ އަދި ބުދަ ދުވަހު އޮތީ ހަމަ އެންމެ ހަބަރެކެވެ. އެއީ ބީއެމްއެލްއިން ދެއްކި ވާހަކަތަކެވެ. މި ވާހަކަތައް ނޫސްތަކުގެ ސުރުހީއަށް އެރުމާއި އެކު އާތިފް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ. އަދި ވިދާޅުވީ އޭނާއަށް ކުރަމުން ގެންދާ ތުހުމަތުތަކަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށެވެ.
އެހެންކަމުން އާތިފް ވަނީ އެކަމުގައި މާލިއްޔަތު ކޮމެޓީއަށް ޖަވާބުދާރީވުމަށާއި އެކަން ހިނގައިގެންދިޔަ ގޮތް ކިޔައި ދިނުމަށް މާލިއްޔަތު ކޮމެޓީން ފުރުސަތެއް ދެއްވުމަށް އެދި އެ ކޮމެޓީގެ މުގައްރިރަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

ހަމައެއާއެކު ނީޒާ ވެސް ވަނީ ބީއެމްއެލްގެ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ. މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އަދާ ކުރައްވަމުން ގެންދަވާ ނީޒާ ވިދާޅުވީ ބީއެމްއެލްއިން އޭނާއާ ގުޅޭގޮތުން ދެއްކީ އެއްވެސް އަސްލެއް ނެތް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހު އޭނާ ޓްވީޓާގައި އާއްމުކުރި ސިޓީއެއްގައި ވަނީ މާލިިއްޔަތު ކޮމެޓީގެ މުގައްރރަށް ކަމުގެ ހަގީގަތް ހާމަ ކޮށްދިނުމަށް އޭނާއަށް ފުރުސަތެއް ދެއްވުމަށް އެދި ސިޓީއެއް ފޮނުވާފައެވެ.

އެމްއެމްޕީއާރްސީން ގެއްލިގެން ދިޔަ އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ސަރުކާރުން އަވަދިނެތި އަންނަނީ މަސައްކަތް ކުރަމުންނެވެ. ކަމާ ގުޅުންހުރި މުއައްސަސާތަކުން މި މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނައިރު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީންވެސް އަންނަނީ މިކަމުގައި ފުރޮޅަންޖެހޭ ހުރިހާ ގަލެއް ފުރޮޅަމުންނެވެ. ނަމަވެސް ހަގީގަތެއް އަދިވެސް ނޭނގެއެވެ. އިވިގެން ދަނީ އެކި ފަހަރު އެކި ވާހަކަތަކެވެ.

އެއްފަހަރު ބީއެމްއެލްއިން މިކަމުގައި އިހުމާލުވެފައިވާ ވާހަކަ ދައްކަފާނެއެވެ. އަނެއް ދުވަހު ވަކި ފަރުދެއް އެކަމުގައި އިހުމާލު ވެފައިވާ ކަމަށް ބުނެފާނެއެވެ. އަދިވެސް މިކަމުގެ ކޮޅެއް މެދެއް ނޭނގެއެވެ. ނަމަވެސް އެނގޭހާވެސް އެއްކަމަކީ މި މައްސަލާގައި އެތައް ސިއްރު ކުރުންތަކެއް އަދިވެސް އެބައުޅޭ ކަމެވެ. މިކަމުގައި ދެބޭފުޅުންވެސް
ވިދާޅުވަމުން ގެންދަވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި ވަކި ގޮތަކަށް އަމަލު ކުރުމަށް ބީއެމްއެލްއަށް އަންގާފައި ނުވާނެ ކަމަށެވެ. ނަމަވެސް މިހާ ހިސާބުން އަންނަ ސުވާލަކީ އެވަރުގެ ޒިންމާދާރު މަގާމެއްގައި ހުރެ، އެހާ ބޮޑެތި ޓްރާންސެކްޝަން ހިނގި އިރު އެކަން ނުހުއްޓުވައި، ވަކިގޮތަކަށް އަމަލުކުރަން ވިދާޅު ނުވުމަކީ ކޮބައިތޯއެވެ. އެއީ އެފަދަ ބޮޑު ކަމެއްގައި އަމަލީ ގޮތުން ބައިވެރިވުން ކަމަށް ނުވަނީތޯއެވެ.

އިއްޔެ ހަގީގަތް ހާމަ ނުކުރީ ކީއްވެ؟

އެމްއެމްޕީއާރްސީގެ މައްސަލާގައި މަޖިލީހުން ތަފާތު އެކި ފަރާތްތައް ހާޒިރުކޮށް ސުވާލުކޮށް މައްސަލަ ދިރާސާ ކުރަމުންދާއިރު ކުރިންވެސް ދެންނެވި ގޮތަށް ކޮންމެ ބައްދަލުވުމަކަށްފަހުވެސް މުޅިން އާ ކުރިއެއް މި މައްސަލާގައި އަންނަނީ ފަޅަމުންނެވެ.

ކޮންމެ ބައްދަލުވުމަކަށްފަހު އިތުރު ބަޔަކު މިކަމުގައި ޝާމިލުވާ ކަމަށް ދޭހަވެއެވެ. ދާދި ފަހަކުން މިކަމުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރާއި ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ވާހަކަތަކެއްވެސް އަޑުއިވިގެން ދިޔައެވެ. އަދި ވަކިން ހާއްސަކޮށް އެފްއައިޔޫގެ ވާހަކައަކީ އެމްއެމްޕީއާރްސީގެ މި މައްސަލަ ތަހުގީގު ކުރަމުންދާ ހުރިހާ ފަރާތްތަކެއްގެ ރިޕޯޓުތަކުގައިވެސް ފާހަގަކުރެވޭ އެއް ތަނެވެ.

ނަމަވެސް މިއިން ކޮންމެ ތަނަކާއި ކޮންމެ ފަރުދަކުވެސް މީޑިއާތަކުގައި ދައުރުވަމުންދާ މި ވާހަކަތައް ދޮގު ކުރެއެވެ. އަދި އެކަން ހނގައިގެން ދިޔައީ އެހެން ނޫން ކަމަށާއި ކަން ހިނގައިގެން ދިޔައީ މިހެންކަން ބުނަމުންދެއެވެ. މިހާ ހިސާބުން ސުވާލެއް އުފެދެއެވެ. އެއީ މި ހިޔާނާތުގެ ވާހަކަތައް ދައްކާތާ އެތައް އަހަރުތަކެއް ވެފައިވާއިރު ކުއްލިއަކަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ ވާހަކަ މިއަދު ދައްކަން ބޭނުން ވަނީ ކީއްވެގެން ހެއްޔެވެ.
އެދުވަހު އެވާހަކަތައް ރައްޔިތުންނަށް ހިއްސާ ނުކުރީ ކީއްވެގެން ހެއްޔެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތެއް ނަމަ ކަމާ ގުޅުންހުރި މުއައްސަސާއަކަށް އެ މައުލޫމާތު ދޭން އޭރު ބޭނުން ނުވެފައި މިއަދު ދޭން ބޭނުން ވަނީ ކީއްވެގެން ހެއްޔެވެ.

މާލިއްޔަތު ކޮމެޓީގައި ޖަވާބުދާރީވުމަށް ނީޒާ ފުރުސަތަކަށް އެދިވަޑައިގެންނެވި އިރު އޭނާއަކީ އޭސީސީން ކުރި ތަހުގީގުގައިވެސް ބަޔާންތަކެއް ނަގާފައިވާ ފަރާތެކެވެ. ނަމަވެސް "ކަމުގެ ހަގީގަތް ހާމަ ކޮށްދޭން" ބޭނުންވާ ވާހަކަ ނީޒާގެ ސިޓީގައި ލިޔެފައި އޮތުމުން މިވީހާ ދުވަސްތަކުގައި ނީޒާ މި ވާހަކަތައް ނުދެއްކެވި ސަަބަބެއް އޮންނަން ޖެހޭނެއެވެ. އެކަމުގައި ޖަވާބުދާރީވާން އާތިފް ބޭނުންވާއިރު މިއަދު އެކަމުގައި ޖަވާބުދާރީވާން ބޭނުންވެ، ކުރިން އެވާހަކަތައް ނުދައްކަވާ ތިއްބެވި ސަބަބެއްވެސް އޮންނަން ވާނެއެވެ.

މިއަދު އެބޭފުޅުން މަޖިލީހަށް ވަޑައިގަތް ކަން ހިނގައިގެން ދިޔަ ގޮތް ކިޔައި ދެއްވި ނަމަވެސް ދިވެހި ރައްޔިތުން އެކަމެއް ގަބޫލެއް ނުކުރާނެއެވެ. ސަބަބަކީ އެނގި ތިބެމެ ރައްޔިތުންގެ ލޭ ބަޔަކު މީހުން ބޮއެ ހުސްކުރިކަން އެނގިވަޑައިގެން އެވާހަކަތައް ނުދައްކަވާ ހުރުމުންނެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި އަބަދުވެސް ފެންނަމުން ދަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލަށް މިކަން ކަނޑަމުންދާ މަންޒަރެވެ. އަދި ޒިންމާއިން ރެކުމަށްޓަކައި ބަޔަކު މީހުން މަސައްކަތް ކުރަމުންދާ ތަނެވެ. ރައްޔިތުންގެ ފައިސާއިން 1.3 ބިލިޔަންރުފިޔާއަށް ހިޔާނާތްވެެވޭނީ ކޮންމެވެސް ބަޔަކު އިހުމާލުވެގެންނެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ އެއްބަޔަކު އަނެއްބަޔަކު ބޮލަށްކަނޑާ މަންޒަރެވެ. އިހުމާލުވި މީހަކުވެސް އަދި މި ހިޔާނާތް ކުރިކަން ދެނެހުރި އެއްވެސް ފަރާތެއް ނެތް ކަހަލައެވެ. މިއީ ކޮންފަދަ އަޖައިބެއް ހެއްޔެވެ.
ހިޔާލު

ހައްސާން

ޢެހެންވީމަ މިއެނގެނީ ވެރިންގެ އޯޑަރައް ބީއެމްއެލްއަށް ތިފައިސާވައްދާފަ އެއިރުގެ ބޭންކްގެވެރިޔާއާއި ސުވާލުކުރަންފެނޭ

އިހުސާނަ

ތި ތަނުން ކޮންބަޔެއްގެ ވާހަކަ އެއް ތޯ ޤަބޫލު ކުރަންވީ؟ ތީ އެއްކަލަ އިމްރާނު މަޖްލީހުގަ ލުތުފީ ގެނައުމާ ބެހޭ ގޮތުން އުމަރު ބުނި ވާހަކަ ބުނުމުން، ކުރީގެ ތިން ޕޮލިސް ކޮމިސަނަރުން އެ ވާހަކަ ދޮގު ކުރިހެން ހިލިގެން އުޅޭ ވާހަކަ ތަކެއް ކަމަށް ބޮޑަށް ބެލެވެނީ!

ާއަހުމަދު

ވަރަށް ފުރިހަމަ ވާހަކަ ކޮޅެއް

ކިޔާ

ވަރަށް ފުރިހަމަ ލިޔުމެއް