Addu Airport ge haalath belumah SOE committee ge memberun Addu ah vadaigannavan ninmaifi
image
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީން ބައްދަލު ކުރައްވަނީ--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

އައްޑޫ އެއާޕޯޓްގެ ހާލަތު ބެލުމަށް އެސްއޯއީ ކޮމެޓީގެ މެމްބަރުން އައްޑޫއަށް

ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ގަން އިންޓަނޭޝަނަލް އެެއާޕޯޓުގެ ހާލަތު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމެޓީގެ މެމްބަރުން އައްޑޫއަށް ވަޑައިގެންނެވުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީއެއް ކަމަށްވާ އެސްއޯސީ ކޮމެޓީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅޭ މައްސަލަތަކާއި ކުންފުނިތައް ޒިންމާދާރު ކުރުމަށް މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވާލި ކޮމެޓީ އެކެވެ.

އެކޮމެޓީގެ މުގައްރިރަކީ ވެސް އައްޑޫއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު، އަދި ސަރުކާރު ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގައި އިގްތިސާދީ ކަންކަން ދިރާސާ ކުރުމާއި މެނިފެސްޓޯ ތައްޔާރު ކުރުމުގައި އަމަލީ ގޮތުން އިސް ދައުރެއް އަދާ ކުރައްވަމުން ގެންދަވާ އިލްޔާސް ލަބީބު އެވެ.

އެސްއޯއީ ކޮމެޓީން އައްޑޫ އެއާޕޯޓްގެ ހާލަތު ބެއްލެވުމަށް ވަޑައިގަންނަވާ ގޮތަށް ނިންމީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ވިރާނާވަމުންދާ ކަމަށް ބުނެ، އެމެޓީއަށް ހުށަހެޅިފައިވާ މައްސަލާގައި އެކުންފުނީގެ ބޯޑު މެމްބަރު އެ ކޮމެޓީއަށް ހާޒިރު ކުރުމަށްފަހު، އައްޑޫ އެއާޕޯޓުގެ ހާލަތު ބައްލަވާލެއްވުމަށް އެކުންފުނިން އެދިވަޑައިގެންނެވުމާއި ގުޅިގެންނެވެ.

އޭއައިއޭގެ ބޯޑު މަޖްލިސް ކޮމެޓީއަށް ހާޒިރު ކުރި އިރު ވެސް، އެކުންފުނި ހިންގަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރުމެއް ނެތިއެވެ. އެކުންފުނީގެ ބޯޑު މެމްބަރުން ވަނީ ގަން އެއާޕޯޓު ހިންގަމުން އަންނަ ގޮތް ބެލުމަށް ގަމަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ބޯޑު މެމްބަރުން ވަނީ ގަން އެއާޕޯޓަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ތަފްސީލް ހިއްސާކޮށްފައެެވެ.

ގަން އެެއާޕޯޓަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއި ކުންފުނީގައި ހިމެނޭ އެސްޓިއޯ އަދި އެމްއޭސީއެލްގެ އިތުރުން ދިވެހި ސަރުކާރުން ކުންފުނި ތަރައްގީ ކުރުމަށް ފާއިތުވި ދުވަސްތަކުގައި އެއްވެސް މަސައްކަތެއް ނުކުރާކަން ބޯޑުން ވަނީ ފާހަގަކޮށްފައެވެ. އެހެންވެ ކުންފުނި ހިންގަމުން ދަނީ ގެއްލުމުގައިކަން ބޯޑުން ފާހަގަކުރިއެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން އޭއައިއޭގެ އެކްޓިން މެނޭޖިން ޑިރެކްޓަރ ރިމްނާ ހަސަން ވިދާޅުވީ ކުންފުނީގެ ނަން އޭއައިއޭއަށް ބަދަލުވެ، 2011 ވަނަ އަހަރާއި ހަމައަށް ސަރުކާރުން މުވައްޒަފުންގެ މުސާރަ ދިން ނަމަވެސް އޭގެ ފަހުން ސަރުކާރުން ފައިސާ ނުލިބުމުން ކުންފުނިން މުސާރަ ދެމުން އައީ ގެއްލުމުގައި ކަމަށެވެ.

އަދި ކުންފުނިން އެސްޓިއޯއަށް 200 މިލިއަން ރުފިޔާ ދައްކަން ޖެހޭކަމަށް ރިމްނާ ވިދާޅުވިއެވެ.

ރިމްނާ އިތުރަށް ވިދާޅުވީ އެއާޕޯޓަށް އާމްދަނީ ލިބެނީ ޖެޓް ފިއުލް ވިއްކައިގެންނާއި އެއާލައިން އޮޕަރޭޝަންއިން ލިބޭ ފައިސާ އެކަނި ކަމަށެވެ. އަދި ޖެޓް ފިއުލް ވިއްކައިގެން ލިބޭ ފައިސާ އަކީ އެސްޓިއޯއަށް ދައްކަން ޖެހޭ ފައިސާ ނަަމަވެސް އެފައިސާ ކުންފުނިން ހަރަދު ކުރަނީ މުވައްޒަފުންގެ މުސާރަ ދިނުމަށް ކަމަށެވެ.

މީގެ އިތުރުން ކާސާ ހޯލްޑިންގެ ފަރާތުން ބޯޑުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ނޫރައްދީން ވިދާޅުވީ ކުރިން ގަމުގައި ހުންނަ އީކުއޭޓަ ވިލެޖުން ލިބެމުން އައި ކުލި ލިބުނު ނަމަވެސް ފަހުން އެކުލި އެކުންފުންޏަށް ނުލިބޭ ކަމަށެވެ.

މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ދިގުކުރުމަށް ބޭންކު އޮފް މޯލްޑިވްސްއިން ނެގި 24 މިލިއަން ލޯނު ކުންފުނި ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން ލޯނު ދައްކަނީ ކާސާ އާއި ސަރުކާރުން ކަމަށް ރިމްނާ ވިދާޅުވިއެވެ.

ގަން އެއާޕޯޓު ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހި ސަރުކާރުގެ 50 ޕަސެންޓު އަދި އެސްޓިއޯ އާއި އެމްއޭސީއެލްގެ 10 ޕަސެންޓުގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ އަފީފުގެ ހިއްސާ އޮންނަ ކާސާ ހޯލްޑިންގ 30 ޕަސެންޓު ހިއްސާ އާއި އެކު އުފައްދާފައިވާ ކުންފުންޏެކެވެ.
ހިޔާލު