Kuda kuda Hanaa hithuge bodu operation eh kuran jehifai, aailaa ah eheetherikan beynun vey!
image
ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ތިން މަހުގެ ހަނާ--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކުޑަކުޑަ ހަނާ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައި، އާއިލާ އަށް އެހީތެރިކަން ބޭނުންވޭ

އުމުރުން އެންމެ ތިން މަހުގެ ހަނާ އުފަންވީ ހިތުގެ މައްސަލައަކާ އެކުގަ އެވެ. އެ ތުއްތު ކުއްޖާގެ ހިތް އޮންނަނީ ހަށިގަނޑުގެ ނުބައި ފަޅީގަ އެވެ. އާއްމު އިންސާނެއްގެ ހިތް އޮންނަން ޖެހެނީ ހަށިގަނޑުގެ ވައަތް ފަޅީގަ އެވެ. އެކަމަކު ހަނާގެ ހިތް އޮތީ ކަނާއަތް ފަޅީގަ އެވެ.
"އުފެދެންވާ ގޮތަކަށް ނޫން އުފެދިފައި އިންނަނީ އޭނާގެ ހިތް. ކުޑަ ފަޅި އިންނަ ތަނަށް ބޮޑުފަޅި އަދި ބޮޑު ފަޅި އިންނަ ތަނަށް ކުޑަ ފަޅި އިންނަނީ. ކްރޮސްކޮށް އިންނަ ނާރު އިންނަނީ ހަމައެކަނި ސީދަލަށް. ޑޮކްޓަރުން ބުނީ އޭނާ ބޮޑު ވަމުން އަންނަ ވަރަކަށް ގޮހޮރު މައްސަލަ ދިމާވަމުންނޭ އަންނާނީ. އެއީ ނުސާފު ލެ އާއި ސާފު ލޭ އެޅޭތީ،" ހަނާގެ ހާލަތު ސީއެންއެމް އަށް ހަނާގެ މަންމަ ހައްވާ އަލީ ކިޔައިދެމުން ދިޔަ އެވެ.

އެ މައްސަލަ ހައްލު ކުރެވެން އޮތީ ހަމައެކަނި އޮޕަރޭޝަނެއް ކޮށްގެންނެވެ. އެއީ ހަރަދު ބޮޑު އަދި މަސައްކަތް ވެސް ބޮޑު އޮޕަރޭޝަނަކެވެ. ޑޮކްޓަރުން ބުނެފައި ވަނީ ހަނާގެ އުމުރުން ތިން މަހާ ފަސް މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހިތާ ގުޅިފައިވާ އެ ބޮޑު އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު އެކަން ކުރެވެން އޮތީ ހަނާގެ ބަރުދަން ފަސް ކިލޯ އަށް އިތުރުވުމުންނެވެ.

"ހަނާއަށް ތިން މަސް އެފުރުނީ. އަޅުގަނޑުމެންނަށް އަދި ބަރުދަން އެހާވަރަކަށް ބަރެއް ނުކުރެވޭ. މިހާރު ހުރީ ހަތަރު ކިލޯ. ފަސް ކިލޯ ބޭނުންވާ ކަމަށް ބުނީ. އެއްބައި މީހުން އެދުނީމަ ކޮށްދެޔޯ. އެކަމަކު ޑޮކްޓަރު ބުނީ ފަސް ކިލޯ ހަމަވީމައޭ ރަނގަޅުވާނީ،" ހަނާގެ މަންމަ ބުންޏެވެ.

އަށް ގަޑިއިރަށް ދިގުދެމިގެންދާ އެ އޮޕަރޭޝަން ކުރެވޭނެ ވަސީލަތްތަކެއް ރާއްޖެއަކު ނެތެވެ. އެ އޮޕަރޭޝަން ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދަ ލިބުނު ނަމަވެސް އެކަމަށްޓަކައި ކުރަން ޖެހޭ އެހެނިހެން ހަރަދުތައް ކުރެވޭނެ ތަނަވަސްކަމެއް ހަނާގެ އާއިލާއަކު ނެތެވެ. ހިތުގެ މައްސަލައިގެ އިތުރުން ހަނާގެ އިތުރު ސިއްހީ މައްސަލަތަކެއް އުޅޭ ކަމަށް ބެލެވޭތީ މިހާރު ދަނީ ޓެސްޓުތަކެއް ވެސް ހަދަމުންނެވެ.

"އިތުރު ރިޕޯޓެއް ވާނީ ބޭރަށް ފޮނުވާފައި. އެ ރިޕޯޓު ލިބުމުން އިނގޭނީ ދެން ހުރި ކަންތައްތައް. ޑޮކްޓަރު ބުނެފައި އިންނަނީ އޭނާގެ ހަށިގަނޑުގައި ވަކި ބައްޔެއް އުޅޭ ކަމަށް ބެލެވޭތީވެ ހަދާ ރިޕޯޓެއް ކަމަށް. އަދި ދެ ހަފްތާ ވާނެ ކަމަށް ބުނީ ރިޕޯޓު ލިބެން،" ހަނާގެ މަންމަ ކިޔައިދިނެވެ. ހަނާގެ އާއިލާއިން އެދެނީ އެ ތުއްތު ކުއްޖާގެ އޮޕަރޭޝަން ކުރަން ރާއްޖޭން ބޭރަށް ދާއިރު، އެކި ފަރާތްތަކުގެ އެހީތެރިކަމަށެވެ.

އާއިލާ އަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

އެކައުންޓު ނަމްބަރު: 7730000266303 (ހުސައިން މުހައްމަދު - ހަނާގެ ބައްޕަ)
ނަމްބަރު: 7211328 - ހުސައިން މުހައްމަދު

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު