Libeyhaa faisaa kuyyah, halleh libeyne dhuvaheh adhi ves nufeney!
image
މާލެ--
ފާތުމަތު ނަޒުފާ އިރުޝާދު
4 ކޮމެންޓް
 

ލިބޭހާ ފައިސާ ކުއްޔަށް، ހައްލެއް ލިބޭނެ ދުވަހެއް އަދިވެސް ނުފެނޭ!

ކުޑައިރު އުޅެ ބޮޑު ރަށާއި މައިންބަފައިންނާއެކު ހޭދަކުރި އުފާވެރި ދިރިއުޅުން ދޫކޮށް ކޮންމެ އަހަރަކު އެތައް ސަތޭކަ ބަޔަކު މާލެ ހިޖުރަ ކުރަނީ ފޮނި އުއްމީދުތަކާ އެކުގަ އެވެ. ރަށްފުށުން ލިބޭ ހިދުމަތްތަކަށް ވުރެ ފެންވަރު ރަަނގަޅު ހިދުމަތްތަކެއް ހޯދުމަށެވެ. ރަނގަޅު ތައުލީމާއި ސިއްހީ ފަރުވާއާ ނުލާ ނޫޅެވޭތީ އެވެ. ރަނގަޅު އާމްދަނީ އެއް ހޯދުމުގެ ބޭނުމުގަ އެވެ.
އެތައް ހުވަފެންތަކާއެކު މާލެ ހިޖުރަކުރި ކަމުގައި ވިޔަސް ގިނަ ފަހަރަށް އެ ހުވަފެންތަކުގައި ކުލަ ޖެއްސޭ ގޮތެއް ނުވެ އެވެ. ދިމާވާ އެންމެ ބޮޑު ހުރަހަކީ ގޭގެ ކުއްޔެވެ. މިއަދު މާލޭ ގެތަކުގެ ކުލި ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. އަތްނުފޯރާ ފަށުގަ އެވެ. ވަޒީފާ އަށް ދަމުން ކިޔަވަންދާ ދަރިވަރުންނަށް އެ ލިބޭ އާމްދަނީ އިން ފުއްދައިލެވޭކަށް ނޯވެ އެވެ.

"މުސާރައަކީ 5000 ރުފިޔާ. ގޭގެ ކުއްޔަށް 3750 ރުފިޔާ ދޭން ޖެހޭ. ދެން ބާކީ ރުފިޔާ އިން ކިރިޔާ ކޯސް ފީ ދެއްކެނީ،" މާލޭގައި ކުއްޔަށް އުޅެމުންދާ ދަރިވަރަކު ކިޔައިދިނެވެ.

ކޯހަށް ލާރި ދައްކަމުން ގޭގެ ކުލި ދައްކަމުން އަމިއްލަ ބޭނުންތަކަށް ހަރަދު ކުރާނެ ފައިސާއެއް ނޯވެ އެވެ. ގިނަ ފަހަރަށް އޮންނަނީ އަނގަޔާއި އަތާއި ދިމާ ނުވެފަ އެވެ. މާލެ ބަދަލުވުމުން ލާރި ހޯދޭނެ މަގުތައް ތަނަވަސްވި ކަމުގައި ވިޔަސް ދެމަފިރިން ދުވާލުދާ ހަތަރުދަމު ބުރަ މަސައްކަތް ކޮށްގެން ދަރިންނަށް ހަރަދު ކުރަން ހޯދާ ރުފިޔާކޮޅު ހުސްވެގެން ދަނީ ހަމަ ގޭގެ ކުއްޔަށެވެ.

"އަޅުގަނޑުމެން އުޅޭ އެޕާޓްމަންޓުން ވެސް ވަނީ މިމަހު 20،000 ރުފިޔާ އަށް ބޮޑުކޮށްފަ. ސަބަބެއް ކަމަށް ގޭގެ ވެރި ފަރާތުން ބުނަނީ މިހާރު ތަކެތީގެ އަގުބޮޑުވުމުން ކުލި ބޮޑުކުރަން ބޭނުންވާ ކަމަށް، އެކުލީގައި އުޅެން ބޭނުން ނުވާނަމަ ތަން ހުސް ކުރުމަށް. އަހަރުމެން ދެމަފިރިންނަށް މަހެއްގެ މައްޗަށް މި ލިބެނީ 18،000 ރުފިޔާ. ދެކޮޓަރީގެ އެޕާޓްމަންޓެއްގެ ކުލީ 18،000 ރުފިޔާއަށް މުސާރާ އެއްކޮށް ބިތަށް ދައްކައިގެން ދިރިއުޅުމުގެ އެހެނިހެން ޚަރަދުކުރުމަށް ފިރިމީހާ ވަޒީފާ ނިންމާފައި އިތުރަށް އެހެން މަސައްކަތެއް ކޮށްގެން ލިބޭ މަދު ލާރިކޮޅުން ދިރިއުޅުން ހަމަޖައްސައިގެން މާލޭގައި އުޅޭއިރު އަހަރު ނިމި ނޫނީ މަސް ނިމިގެން ދާއިރު ކުލި ބޮޑުވެދާނެ ކަމަށް ބިރުން އުޅެންޖެހެނީ،" ދިރިއުޅުމުގެ ހާލަތު ހިއްސާ ކުރަމުން މީހަކު ކިޔައިދިނެވެ.

ރާއްޖޭގެ ބޮޑު އާބާދީއެއް ވެރިރަށް މާލޭގައި އުޅެމުން ދާއިރު ކުއްލިއަކަށް އެންމެންނަށް ގެދޮރު ހޯދައިދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދާއިރު ބޮޑެތި އިމާރަތްތަކުގައި ބުރިބުރި އަށް ފްލެޓުތައް އެޅުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް އެންމެ ފުރިހަމަ ހައްލު ކަމާއި މެދު ސުވާލު އުފެދެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ހައްލަކީ ޑިމާންޑަށް ވުރެ ސަޕްލައި އިތުރު ކުރުމެވެ. އެއީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ގެދޮރާއި ފްލެޓު އަޅައިގެން ކުލީގެ އަގު ތިރި ކުރުމަށް މަޖުބޫރު ކުރުވުމެވެ. އޭގައި އޮތް "ހަމައެކަނި ހައްލަކީ އިކޮނޮމިކް ސޮލިއުޝަނެއް، އެއީ ޑިމާންޑަށް ވުރެ ބޮޑަށް ސަޕްލައި އިތުރު ކުރުން" ކަމުގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ޔާމީން ވިދާޅުވެފައި ވެއެވެ.

އެކަމަކު މިދިޔަ ސަރުކާރަށް ވެސް ވަނީ ޑިމާންޑަށް ވުރެ ގިނައިން ސަޕްލައިކޮށް ނުދެވިފަ އެވެ. އޭރުގެ ސަރުކާރުން ވަނީ 80،000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޮރުކޮށްދިނުމަށްޓަކައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 6860 ފްލެޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފަ އެވެ. އުފެދޭ ސުވާލަކީ އެ "ސޮލިއުޝަނަކީ" ވެސް ކުއްޔާއި ގެދޮރުގެ މައްސަލައަށް އޮތް ހަގީގީ ހައްލު ބާވައެވެ.

އާ ސަރުކާރުން ވެރިކަމާއި ހަވާލުވުމާއެކު ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވަނީ ކުއްޔަށް ދިނުމާއި ބެހޭ ބިލެއް ޑްރާފްޓް ކުރަމުންދާކަން އިއުލާން ކުރައްވާފަ އެވެ. "ޓެނަންސީ އެކްޓު" ގައި ވެސް ކުލީގެ އެންމެ މަތީ އަގު ކަނޑައެޅުން ނުވަތަ ކުލި ކޮންޓްރޯލް ކުރުމާއި ބެހޭ އެއްވެސް ވާހަކައެއް ނުހިމެނޭނެ އެވެ. ހައުސިން މިނިސްޓަރު ވިދާޅުވި ފަދަ "ޓެނަންސީ އެކްޓް" އެއް ކުރިން ވެސް ފާސްކުރަން އުޅެ އެކަން ކާމިޔާބެއް ނުވި އެވެ. އެއީ ކުއްޔަށް ދޭ ފަރާތްތަކުގެ ހައްގުތަކާއި ކުއްޔަށް ހިފާ މީހާގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލުގެ ނަމުގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެކެވެ. އެ ބިލު ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.

ކުއްޔާއި ގެދޮރުގެ މައްސަލަ ހައްލު ކުރުމުގައި އެކި މީހުންގެ ހިޔާލު ތަފާތެވެ. ބައެއް މީހުން ދެކޭ ގޮތުގައި ކުލީގެ މައްސަލަ ހައްލު ކުރެވެން އޮތިީ ކުލި ކޮންޓްރޯލް ކޮށްގެން ކަމުގައި ވާއިރު، އަނެއް ބައި މީހުން ދެކެނީ މިކަން ހައްލުވާނީ ކުލި ރެގިއުލޭޓް ކޮށްގެން ކަމުގަ އެވެ. ފެށުނީއްސުރެ ރާއްޖެ ތަރައްގީ ކުރުމުގައި ހުރިހާ ކަމެއް މާލެ އަށް އަމާޒު ކުރުމަކީ މި މައްސަލަ މިހިސާބަށް އައި ސަބަބު ކަމުގައި ވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ހައްލަކީ ކޮބާ؟

"ކުލީގެ މައްސަލައިގައި މުޅި ސަރުކާރުގެ އިހުމާލު އޮތީ. މާލެއަށް ހުރިހާ ހިދުމަތްތަކެއް ސެންޓްރަލައިޒް ކޮށްފައި މި އޮތީ. މީގެ ބަދަލުގައި އަތޮޅުތަކުގައި އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަންޖެހޭ،" ކުއްޔަށް އުޅޭ މީހުންގެ ހައްގުގައި މަސައްކަތް ކުރާ މާލެ ޓެނަންސްޓްސް ޔޫނިއަންގެ ބޭފުޅަކު ސީއެންއެމް އަށް ވިދާޅުވި އެވެ.

ތެދެކެވެ. ފެންވަރު ރަނގަޅު ހުރިހާ އަސާސީ ހިދުމަތްތައް ލިބެން މި އޮތީ މައި ރަށުގައެވެ. މާލެއަށް މި އޮތީ ހުރިހާ ހިދުމަތްތަކެއް ތޮއްޖާސާލާފަ އެވެ. މީގެ ބަދަލުގައި ސަރަހައްދީ ތަރައްޤީ ގެނުވަން ކޮންމެހެން އެބަ ޖެހެއެވެ. އެކި ކަންކޮޅުތަކަށް ބަހާލައިގެން ބިން ބޮޑު ރަށްތަކުގައި މި ހިދުމަތްތައް ތަނަވަސްކުރުމުން ކުއްޔަށް ފައިސާ ހަރަދު ކުރަން ނުޖެހި، އެމީހެއްގެ އަމިއްލަ ރަށުގައި އުފަލާއެކު ހިތްހަމަ ޖެހޭ ދިރިއުޅުމެއް ގައިމު ވެސް އުޅެވޭނެ އެވެ.

"އެންމެންނަށް ވެސް އެނގޭ ރާއްޖެ އެއްކޮށް ތަރައްގީ ކުރުމަކީ ފަސޭހަ ކަމެއް ނޫކަން. އެކަމަކު މާލެ ނޫން އަދި އެހެން ތަންތަން ތަރައްގީ ކޮށްގެން ދޯ ދިރިއުޅެވެން އޮތީ. ކުޅުދުއްފުށި، މާމިގިލި، ކުޑަހުވަދޫ، ގަން-ފޮނަދޫ، ވިލިނގިލި، ތިނަދޫ، ފުވައްމުލައް، އައްޑޫ މިއީ ތަރައްގީ ކުރެވޭނެ ތަންތަން،" ކުލި ހައްލު ކުރެވޭނެ ގޮތަކާއި މެދު ހިޔާލު ދެމުން މީހަކު ބުންޏެވެ.

ދެން އޮތީ މާލޭގައި ބޮޑު އަގުގައި ކުއްޔަށްދޭ ތަންތަނުގައި ފެންވަރެވެ. ބައެއް ފަރާތްތަކަށް ބޮޑު ކުލި ނަގަން މަޖުބޫރު ވަނީ ގެ އިމާރާތް ކުރަން ނެގި ލޯނު ބޭންކަށް ދައްކަން ޖެހޭތީ އެވެ. ހައްދެއް ނެތް މިނަވަރަށް، ފެންވަރެއް ނެތް ތަންތަން ބޮޑު އަގުގައި ކުއްޔަށްދޭ ހާލަތު ވެސް ވަރަށް ގިނަ އެވެ. އެހެންކަމުން ހައުސިން މިނިސްޓްރީގެ ކަމާ ބެހޭ ޓީމަކުން ދިރިއުޅުމަށް ކުއްޔަށްދޭ ތަނުގެ ހާލަތު ބަލާ. ކުއްޔަށް ދެވޭނެ އެންމެ ބޮޑު އަގެއް ކަނޑައެޅުމަކީ ވެސް މިވަގުތަށް މުހިއްމުވެފައިވާ ކަމެކެވެ.

ސަރުކާރަށް އަށް މަހަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، މި ސަރުކާރުގެ އެންމެ އިސް ބޭފުޅުން ވަނީ ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް ގެދޮރު ލިބޭނެ ކަމަށް ވައުދުވެފަ އެވެ. ބޮޑު ބިޔަ މޯހިޔާވަހިކަމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޖިލިސް އިންތިހާބަށް ފަހު ތިން މަސް ވެފައި ވާއިރު ވެސް، އެފަދަ ބިޔަ ބޮޑު މަޝްރޫއެއް ފެށި ތަނެއް ނުފެނެ އެވެ. ރައްޔިތުންގެ އުއްމީދަކީ ސަރުކާރުން ވެފައިވާ ފޮނި ވައުދުތައް ހަގީގަތަކަށް ވާނެ މަންޒަރުން އަވަހަށް ފެންނަން ފެށުމެވެ.
ހިޔާލު

ދަސދަސދ

މާލެ ނައިމަކާ ކުލި ދައްކާކަށް ނުޖެހޭނެ

އެޑްމުންޑޯ

ހައްލު އެބައޮތް ، މޮޔަވެގެން މާލޭގައި އުޅޭ ހިތުން އުޅޭ މީހުންތައް އެމީހުންގެ ވަޒަންތަކަށްގޮސް ހަމަޖެހިލައިގެން އުޅެންފެށީމާ ހައްލު ލިބުނީ . ސަރުކާރުންވެސް ރައްތަކުގެ ކައިރިން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސަންވީ

ޅަބޭބާ

ކާކުބުނެގެންތަ މާލެފުންމަލައިގެން ތި އުޅެނީ! ރަށުގަ ގޯތީގައި ގެ އަޅައިގެން އުޅެބަލަ. ކުލިބޮޑެއްނުވާނެ. ހިދުމަތްދޭންޖެހޭނީވެސް ބޭނުންޖެހޭނީވެސް މީހުން އުޅޭނަމަނު!

ކާލި

ދުވަހުން ދުވަހަށް ކުލިދަނީ ބޮޑުވަމުން މިކަމުގެ ހައްލަކީ ކޮބައިބާ،، ކޮންމެ އަހަރަކު މާލޭގައި އިމާރާތް ކޮށްފައި ބޮޑު ކުލީގައި ދޫކުރާއިރަށް ކުރިން ކުއްޔަށް ދިން މީހުންވެސް ހަމަ އެއަގަށް ބަދަލްކޮށް ކުލި ބޮޑުކުރާނެ މިކަން މިގޮތަށް ދައުރުވަނީ ބޭންކުތަކުން ދޫކުރާ ލޯނުގެ ސަބަބުންތޯ ؟