COVERAGE: Raees Yameen ge shareeathah Criminal Court ah vadaigenfi
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން-- ފޮޓޯ: ޕީއެސްއެމް ނިއުސް
1 ކޮމެންޓް
 

މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުމަށް ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ވަޑައިގެންފި

ލައިވް ކަވަރޭޖް
15:21
21/07/2019
މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލައިފި އެވެ.
15:21
21/07/2019
ހެކިންގެ ހެކި ބަސް ނެގުން އޮންނާނީ 4 އޯގަސްޓުގައި ކަމަށް ހައިލަމް ވިދާޅުވެއްޖެ އެވެ.
15:20
21/07/2019
ދިފާއީ ވަކީލު ސިޔާޒު ވިދާޅުވީ ޔާމީނު ދައުވާ އަށް އިންކާރު ކުރައްވާ ކަމަށެވެ.
15:20
21/07/2019
ދިފާއީ ހެކިން ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތު ދެއްވައިފި އެވެ.
15:15
21/07/2019
ދައުލަތުގެ ހެކިން: ހަސަން ލުތުފީ، މުއައްވިޒު ރަޝީދު، މުހައްމަދު ވަސީމް އިސްމާއިލް، އަހްމަދު އަދީބު، މޫސާ ޒަމީރު، މުހައްމަދު ލުވޭޒް، މުހައްމަދު ޝަރީފު، އަބްދުﷲ ޒިޔާތު (8 ހެކިން)

ކިތާބީ ހެކިން: އޭސީސީ އާއި ޔާމީނާ ދެމެދުވި އެއްބަސްވުން، ޔާމީނު ފުލުހުންނަށް ދެއްވި ބަޔާން، އޭސީސީގެ ރިޕޯޓެއް، ސިޓީއެއް، މުހައްމަދު ވަސީމްގެ ބީއެމްއެލް އެކައުންޓު ސްޓޭޓްމަންޓު އަދި ޗެކު، ޗެކު ޖަމާކުރި ލިޔުންތަކާއި، މޫސާ ޒަމީރުގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ ސްޓޭޓްމަންޓާއި، ޗެކާއި، ލިޔުންތައް، އެސްކްރޯ އެކައުންޓުގެ ކަން ހިނގި ގޮތުގެ ރިޕޯޓު، އޭސީސީ އަށް ޔާމީން ދެއްވި ބަޔާން، ރައީސް އޮފީހުގެ ސިޓީ، އެމްއެމްޕީއާރްސީ އޮޑިޓް ރިޕޯޓު، ރަށެއް ކުއްޔަށް ދިނުމަށްވި އެއްބަސްވުމާއި، ބޭންކު އެކައުންޓެއްގެ ސްޓޭޓުމަންޓް، 204 އިން 2018 އަށް ޔާމީނުގެ މާލީ ބަޔާން، ބޭންކު ސްޓޭޓުމަންޓުތަކާއި، އެސްއޯއެފްގެ އެކައުންޓުތަކުގެ ދެ ޗެކެވެ.
15:14
21/07/2019
ދިފާއީ ވަކީލު ސިޔާޒު ވިދާޅުވީ މިއަދު އޮތީ އިބްތިދާއީ އަޑުއެހުމެއް ކަމަށް ބުނެފައި ވާއިރު، މިއަދު ޝަރީއަތް ފަށާތީ، އިތުރަށް ތައްޔާރުވުމަށް އިތުރު ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ.
15:14
21/07/2019
ދައުވާ އިއްވައި ނިމުމުން ޝަރީއަތުގެ މަރުހަލާ ފަށައިފި އެވެ.
15:11
21/07/2019
ދައުލަތުން މިހާރު ދަނީ ދައުވާ އިއްވަމުންނެވެ. ދައުވާ ހުށަހެޅީ މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
15:10
21/07/2019
ދައުވާ ކުރުމަށް ފަހު ހުށަހެޅި ދެ ހެކިން ބަލައި ނުގަނެވޭނެ ކަމަށް ހައިލަމް ނިންމަވައިފި އެވެ. އެއީ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރި ކަމަށް ބުނެފައި ވާތީ އަދި ދައުވާ ކުރުމަށް ފަހު ހެކިން ހުށަހެޅުމުންނެވެ.
15:10
21/07/2019
ދައުލަތުން ބުނީ ދައުވާ ކުރަން ވަކި މުއްދަތެއް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.
15:07
21/07/2019
ދިފާއީ ވަކީލު އާސިފު ފަހު ބަހެއްގެ ގޮތުގައި ވެސް ވިދާޅުވީ އެ ދެ ހެކިން ބަލައި ނުގަންނަން އެދޭ ކަމަށެވެ.
15:06
21/07/2019
ދައުލަތުން ބުނީ ދައުވާ ކުރީ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވިގެން ކަމަށް ގަބޫލު ކުރާ ކަމަށެވެ.
15:05
21/07/2019
ހައިލަމް ވަނީ މި މައްސަލަ އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވިފައި ވޭތޯ ސުވާލު ކުރައްވާފަ އެވެ. އަދި ތަހުގީގު ނުނިމެނީސް ދައުވާ ކުރީ ކީއްވެތޯ ސުވާލު ކުރެއްވި އެވެ.
15:04
21/07/2019
އެކަމަކު ދައުލަތުން ބުނީ އެމީހުންގެ ހެކި ބަސް ނެގޭނެ ކަމަށެވެ.
15:01
21/07/2019
ދިފާއުން ވަނީ އެދެމީހުންގެ ހެކިންގެ ގޮތުގައި ބަލައިގަނެވޭނެ ތަނެއް ނެތް ކަމަށް ބުނެފަ އެވެ.
15:00
21/07/2019
އެ ދެމީހުންނަކީވެސް އެސްއޯއެފް ކުންފުންޏާއި ގުޅުން ހުރި އަދި އަދީބުގެ ގާތް ދެ މީހުންނެވެ.
14:59
21/07/2019
ދައުލަތުން އިތުރު ދެ ހެއްކެއް ހުށަހަޅަން އެދެ އެވެ. މުހައްމަދު އައްލާމް ލަތީފް އަދި އަހްމަދު އިޝްފާހު އަލީ ވަނީ ހެކިންގެ ގޮތުގައި ހުށަހަޅާފަ އެވެ.
14:58
21/07/2019
އެކަމަކު ޝަރީއަތް ކުރިއަށް ދާއިރު، އެ ހުށަހެޅުންތަކަށް ރިއާޔަތް ކުރަން ޖެހޭ ނަމަ އެކަން ބަލާނެ ކަމަށް ހައިލަމް ވިދާޅުވި އެވެ.
14:57
21/07/2019
ފަސްވަނަ ހުށަހެޅުން ވެސް ބަލައި ނުގަންނަން ނިންމައިފި އެވެ.
14:56
21/07/2019
ރައީސް ޔާމީނު ވިދާޅުވީ އިންސާނީ ނުވަތަ ތަބީއީ ހަމަތަކުން ބަލާނަމަ އެމަނިކުފާނުގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި އަދީބު އެމަނިކުފާނާ މެދު އަދާވާތްރެރިކަމެއް އޮންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ޒިޔަތު ވެސް މަގާމުން ވަކި ކުރެއްވުމުން ދިޔައީ ވަރަށް ހިތްހަމަނުޖެހިގެން ކަމަށް ވިދާޅުވި އެވެ.
14:54
21/07/2019
ދިފާއުން ބުނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގު ފެށީ ރައީސް އޮފީހުގެ ސިޓީ އެއް ފޮނުވުމުން ކަމަށެވެ.
14:53
21/07/2019
އަދީބާއި ޒިޔަތު ޔާމީނާ މެދު އަދާވާތްތެރިކަން އޮންނަނީ ކޮން ގޮތަކުންތޯ ހައިލަމް ދިފާއީ ވަކީލުންނާ ސުވާލު ކުރައްވައިފި އެވެ.
14:52
21/07/2019
ދައުލަތުން ރައްދުގައި އެކަން ކަމަކީ ޔާމީނު އަމިއްލަ އަށް އިސް ނަގައިގެން އެޅި ފިޔަވަޅުތަކަށް ނުވާތީ، އެ ދެ ހެކިންނަކީ ދައުވާ ލިބޭ ފަރާތާއި އަދާވާތްތެރިކަމެއް އޮވެދާނެ ބަޔަކަށް ވާތީ އެމީހުންގެ ހެކިބަސް ގަބޫލުނުކުރެވޭނެ ކަމަށް ބެލެވެން ނެތް ކަމަށެވެ. އެ މައްސަލައިގައި ތިބި އެހެން ހެކިންނާއި އެދެމީހުންގެ ހެކި ބަހާ ގުޅުންވާ ކަމަށް ވެސް ވިދާޅުވި އެވެ.
14:50
21/07/2019
ފަސްވަނަ ހުށަހެޅުމަކީ އަދީބާއި ޒިޔަތަކީ ޔާމީނުގެ ވެރިކަމުގައި މަގާމުން ވަކިކޮށް، ޝަރީއަތް ހިންގާ ޖަލަށް ލެވިފައިވާ ފަރާތްތަކަށް ވާތީ، އެމީހުންގެ ހެކިބަސް އިންސާފުވެރި ނުވާނެ ކަމަށް ބުނާ ހުށަހެޅުމެކެވެ.
14:48
21/07/2019
ޖިނާއީ މައްސަލައެއްގެ ތަހުގީގު ކުރުމަކީ ފުލުހުންނަށް ލިބިދޭ ބާރަކަށް ވާއިރު، އެ ހުށަހެޅުން ވެސް ބަލައިގަނެވެން ނެތް ކަމަށް ހައިލަމް ނިންމަވައިފި އެވެ.
14:39
21/07/2019
ދިފާއުން ބުނަމުން ދަނީ ތަހުގީގު ކުރަން ޖެހޭނީ އެސްޓީއާރެއް އޮވެގެން ކަމަށެވެ. ހައިލަމް ވަނީ އެސްޓީއާރެއް ނެތި ތަހުގީގެއް ނުކުރެވޭނެތޯ ސުވާލު ކުރައްވާފަ އެވެ.
14:39
21/07/2019
ދައުލަތުން ރައްދުގައި ބުނީ ފުލުހުން މައްސަލަ ތަހުގީގު ފެށީ އެފްއައިޔޫ ރިޕޯޓަކާ ގުޅިގެން ކަމަށާއި އެ ލިޔުން ދައުވާ ލިބޭ ފަރާތަށް ނުދެނީ އެއީ ސިއްރު ލިޔުމެއް ކަމަށް ވާތީ ކަމަށެވެ.
14:30
21/07/2019
ހަތަރު ވަނަ ހުށަހެޅުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މަނީ ލޯންޑަރިން މައްސަލަތަކުގައި އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓުގެ ރިޕޯޓެއް އޮންނަން ޖެހޭނެ ކަމަށާއި އެފަދަ ރިޕޯޓެއް ނެތް ކަމަށެވެ.
14:28
21/07/2019
ތިންވަނަ ހުށަހެޅުން ވެސް ބަލައިނުގަންނަން ގާޒީ ހައިލަމް ނިންމަވައިފި އެވެ.
14:27
21/07/2019
ޔާމީން ވިދާޅުވީ އެކްސްކްރޯ އެކައުންޓް އެގްރީމަންޓުގައި ގާނޫނާ ހިލާފު އަމަލެއް ހިންގައިގެން ނުވާނެ ކަމަށް ބުނާ ކަމަށެވެ. އެކައުންޓުގައި ހުރި ހިޔާނާތުގެ ފައިސާގެ އަސްލު އޮޅުވާލަން އުޅުމުގެ ތުހުމަތު ކުރެވިދާނެތީ، އެ ފައިސާގައި އަތްލަން ބޭނުންފުޅުނުވީ ކަމަށް ވެސް ވިދާޅުވި އެވެ.
14:25
21/07/2019
އޭސީސީގެ ޒިންމާއަކިީ އެއީ ގާނޫނާއި ހިލާފަށް ހޯދާފައިވާ ފައިސާތޯ ބެލުން: ރައީސް ޔާމީން
14:24
21/07/2019
ގޮތް ނޭނގޭ ފައިސާ ޖަމާވުމުން އެކަން އެމްއެމްއޭގެ އެފްއައިޔޫ އަށް ވެސް އެނގުނު ކަމަށާއި އެކަމަކު އެ ފައިސާ ކްރެޑިޓްވުން އެއްވެސް އިދާރާއަކުން ހުއްޓުވާފައި ނުވާ ކަމަށް ޔާމީނު ވިދާޅުވި އެވެ.
14:23
21/07/2019
އަޅުގަނޑުގެ ކައިރީގައި އަނގަބަހުން ވެސް ނެތް އަންގާފައި އެ ފައިސާ އަނބުރާ ދައްކާކަށް: ރައީސް ޔާމީން
14:22
21/07/2019
އެސްއޯއެފުގެ މުއާމަލާތަކީ މަނީ ލޯންޑަރިން ކަމަށް މިހާތަނަށް އެމްއެމްއޭ އިން ކަނޑައާޅާފައެއް ނުވޭ، ދައުލަތުގެ އެއްވެސް އިދާރާއަކުން އެކައުންޓަށް ވަތް ފައިސާ އަނބުރާ ދޭން އަންގާފައި ނުވޭ: ރައީސް ޔާމީން
14:21
21/07/2019
"އެސްއޯއެފާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
14:21
21/07/2019
އެއީ ކެމްޕޭނުގެ ތެރޭގައި ހަރަދުވި ފައިސާއިން ދޭން ޖެހޭ ބައެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
14:20
21/07/2019
އެއާ ގުޅިގެން ރައީސް ޔާމީން މިހާރު ވާހަކަދައްކަވަން ފައްޓަވައިފި އެވެ. ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނަށް ދޭން ޖެހޭ ފައިސާ އަހްމަދު އަދީބު އަތުން ހޯދުމަށް 2015 ގައި އެދުނު ކަމަށެވެ.
14:19
21/07/2019
އެސްއޯއެފުން ޔާމީނުގެ އެކައުންޓަށް ޖަމާކުރީ ކޮން ފައިސާއެއްތޯ ހައިލަމް ސުވާލު ކުރައްވައިފި އެވެ.
14:17
21/07/2019
މިހާރު ދިފާއީ ވަކީލުން ވިދާޅުވަމުން ދަނީ ދައުވާކޮށްފައި ވަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވަނީސް ކަމަށެވެ.
14:16
21/07/2019
އަދި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގައި ވެސް ޔާމީނުގެ އެކައުންޓަށް ވަތް ފައިސާއަކީ ކޮރަޕްޝަނުން ހޯދި ފައިސާކަން ބަޔާންކޮށްފައި ނުވާ ކަމަށެވެ.
14:15
21/07/2019
ދިފާއީ ވަކީލު ސިޔާޒު ވިދާޅުވީ އެ ފައިސާއަކީ ކޮރަޕްޝަނު އެކުލެވޭ ފައިސާ ކަމެއް ނުވަތަ ކޮރަޕްޝަނުގެ ކުށުން ހޯދި ފައިސާއެއް ކަމަށް އޭސީސީން ބުނެފައި ނުވާ ކަމަށެވެ.
14:12

21/07/2019
މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން--
14:11
21/07/2019
ދައުލަތުން ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އޭގެ ކުރިން ހިނގި ހާދިސާތަކުގައި ވެސް ދައުވާ އުފުލާނީ އެ ގާނޫނުގެ ދަށުން ކަމަށެވެ.
14:07
21/07/2019
ދައުލަތުން ދައުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ހިނގި ކަމެއްގެ މައްޗަށް ކަމަށާއި އެހެންވެ އެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ބޮޑުކޮށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
14:02
21/07/2019
ތިންވަނަ ނުކުތާއެއްގެ ގޮތުގައި ދިފާއީ ވަކީލު އާދަމް އާސިފް ވިދާޅުވީ ކުށުގެ އަމަލު ހިންގި ތާރީހު ދައުވާގައި ބަޔާންކޮށްފައި ނެތުމަކީ މައްސަލަ ކުރިއަށް ގެންދިޔުމަށް އޮތް ހުރަހެއް ކަމަށެވެ.
14:01
21/07/2019
ހައިލަމް ވިދާޅުވީ ކޮރަޕްޝަނުގެ ކޮން އަމަލެއްކަން ސާފު ނުވާ ކަމަށް ދިފާއުން ބުނި ނަމަވެސް، ކޮރަޕްޝަނު ހުއްޓުވުމުގެ ގާނޫނުން އެކަން ސާފުވާ ކަމަށެވެ.
14:00
21/07/2019
ދެވަނަ ހުށަހެޅުން ވެސް ބަލައިނުގަންނަން ގާޒީ ހައިލަމް ނިންމަވައިފި އެވެ. އަދި ކޮރަޕްޝަންގެ އަމަލެއް ކުރުމުގެ ތުހުމަތު ދައުވާގައި އޮތީ ޔާމީންގެ މައްޗަށް ނޫން ކަމަށާއި ބަޔަކު ކޮރަޕްޝަންގެ އަމަލުން ހޯދި ފައިސާއެއް ބޭނުންކުރުމުގެ މައްޗަށް ކަމަށެވެ.
14:00

21/07/2019
މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން--
13:59
21/07/2019
ދައުލަތުގެ ވަކީލާ އައިމިނަތަށް ރައްދު ދެއްވަން ފުރުސަތު ދެއްވުމަށްފަހު ހައިލް ވަނީ އެ ފައިސާއަކީ ކޮން ގޮތަކުން ހޯދި ފައިސާއެއް ތޯ ސުވާލު ކުރައްވާފަ އެވެ. އައިމިނަތު ވިދާޅުވީ އެއީ ކޮރަޕްޝަނުން ހޯދި ފައިސާ ކަމަށެވެ.
13:58
21/07/2019
އެއާ ގުޅިގެން ވަކީލް އާދަމް އާސިފް ވިދާޅުވީ ކޮރަޕްޝަނުގެ ކޮން ކަމެއްކަން އެއްވެސް އިދާރާއަކުން އެ ފައިސާއަކީ ކޮރަޕްޝަނުގެ ކޮން އަމަލަކުން ހޯދި ފައިސާއެއްކަން ބުނެދޭން ޖެހޭނެ ކަމަށެވެ.
13:57
21/07/2019
ދައުލަތުން ރައްދުގައި ބުނީ އެކަން ވަރަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށެވެ.
13:49
21/07/2019
ދެވަނަ ހުށަހެޅުމުގައި ވަނީ ކޮރަޕްޝަންގެ ކުށަކީ ކޮބައިކަން ބަޔާންކޮށްފައ ނުވާ ކަމަށާއި، އަދި ކޮރަޕްޝަނުގެ ވަކި ކޮން އަމަލެއްކަން ބުނެދީފައި ނުވާ ކަމަށެވެ.
13:49

21/07/2019
މިހާރު ދެވަނަ ހުށަހެޅުން ހުށަހަޅަމުން ދަނީ ދިފާއީ ވަކީލު ސިޔާޒު--
13:46
21/07/2019
ހައިލަމް ވިދާޅުވީ ފުރަތަމަ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ.
13:45
21/07/2019
އައިމިނަތި ވިދާޅުވީ އެސްއޯއެފުން ފައިސާ ޖަމާ ކުރީ ޔާމީން ނޫން ނަމަވެސް، އޭގެ ފަހުން އެ ފައިސާ އިން ހިންގި މުއާމަލާތްތަކުގެ އަމަލު ރައްދު ވަނީ ޔާމީނަށް ކަމަށެވެ.
13:45
21/07/2019
ޔާމީން ކުރި އަމަލުގެ ވަގުތު ދައުވާގައި ނެތީ ކީއްވެތީ ހައިލަމް ސުވާލު ކުރައްވައިފި އެވެ.
13:43

21/07/2019
ދައުލަތުގެ ވަކީލާ އައިމިނަތު ރައްދުގައި ވިދާޅުވީ ދައުވާ ސީޢާގައި އެ ވަގުތު ބަޔާންކޮށްފައިވާ ކަމަށެވެ.
13:42
21/07/2019
އާދަމް އާސިފް ސުވާލު އުފައްދަވަނީ ދައުވާގެ ސީޢާގައި ވަކި ވަގުތުތަކެއް ބަޔާންކޮށްފައި ނެތުމުންނެވެ.
13:42

21/07/2019
މިހާރު ވާހަކަދައްވަމުން ދަނީ ދިފާއީ ވަކީލް އާދަމް އާސިފް--
13:38

21/07/2019
ފަނޑިޔާރު އަހްމަދު ހައިލަމް--
13:38
21/07/2019
ރައްދުގައި ސިޔާޒު ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ އަށް އެކަން އެނގޭކަން ސާބިތު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.
13:37
21/07/2019
ހައިލަމް ވަނީ އެ ފައިސާ އަކީ އެފަދަ ޝައްކެއް ކުރެވޭނެ ފައިސާތަކެއް ކަމަށް ތުހުމަތު ކުރެވޭ ފަރާތުން ދުވަހަކު ވެސް އެއްބަސްވާނެ ތޯ ސުވާލުއުފައްދާފަ އެވެ.
13:35
21/07/2019
ސިޔާޒު ވަނީ ދައުވާ ރައްދުވާ މީހާއަށް އެ ފައިސާއަކީ "ޝައްކު އުފެދޭ" ފައިސާތަކެއް ކަމަށް ނޭނގޭ ނަމަ ދެން ވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފަ އެވެ.
13:34
21/07/2019
ވަކީލު ސިޔާޒު ގެންދަވަނީ "އެކަށީގެންވާ ޝައްކު" ގެ ވާހަކަ ދައުލަތުން ވިދާޅުވުމުން އެކަމާއި މެދު ސުވާލު އުފައްދަމުންނެވެ. ޝައްކު ކުރެވުނު ހާލަތެއް އައި އިރެއްވެސް ދައުވާގެ ސީޢާގައި ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
13:33
21/07/2019
ދައުލަތުގެ ވާހަކަތަކަށް ދިފާއުން ރައްދު ދޭން ފަށައިފި އެވެ.
13:32
21/07/2019
އޭގެ އިތުރުން އެ ފައިސާ އެސްކްރޯ އެކައުންޓަކަށް ލައި، އިންވެސްޓުކޮށްގެން އޭގެން ފައިދާ ނެރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
13:31
21/07/2019
ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު، އެ ފައިސާ އަތުގައި ބަހައްޓާ ބޭނުން ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށް އައިޝަތު ވިދާޅުވި އެވެ.
13:29
21/07/2019
ހައިލަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމުގެ ގޮތުން ދައުލަތުގެ ވަކީލާ މިހާރު ދަނީ މައްސަލައިގެ ދައުވާ ޝީޓުގައިވާ ތަފްސީލުތައް ވަރަށް ބޮޑަށް ކިޔައިދެމުންނެވެ.
13:24
21/07/2019
އައިޝަތު ވިދާޅުވީ ދައުވާ ސީޢާ ވަރަށް ތަފްސީލު ކަމަށާއި، ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް ޝައްކު ކުރެވޭ މުދަލެއް ފޮރުވައިގެން ކުށުން މިންޖުވާން މަސައްކަތްކޮށްފައިވާ ކަމަށް ބަޔާންކޮށްފައި ވާނެ ކަމަށެވެ.
13:23
21/07/2019
ސީނިއާ ޕްރޮސިއުޓާ އައިމިނަތު ރައްދުގައި ވާހަކަދައްކަވަން ފައްޓަވައިފި އެވެ. ދައުވާ އަކީ މަނީ ލޯންޑަރިން ކަމާއި، ދައުވާ ބިނާވެފައިވާ ކުށް ވަނީ ސާފުކޮށް ދައުވާ ހުށަހަޅާ ފޯމުގައި ލިޔެފައި ކަމަށް ވިދާޅުވެއްޖެ އެވެ.
13:22
21/07/2019
ޕީޖީ ނުވަތަ ދައުވާ ކުރާ ފަރާތްތަކުން ވަރަށް ތަފްސީލުކޮށް އެބައި ސާފުކޮށްދޭން ޖެހޭނެ ކަމަށް އާސިފް ވިދާޅުވެއްޖެ އެވެ.
13:21
21/07/2019
އާސިފް ވިދާޅުވީ ދައުވާ ބިނާވެފައިވާ ކުށް ތަފްސީލުކޮށް އޮންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، ޔާމީނުގެ ކޮން އަމަލެއްކަން ސީޢާގައި ބުނެފައި ނުވާ ކަމަށެވެ.
13:21
21/07/2019
ދައުވާގެ ސީޢާގައި ޔާމީނުގެ އެއްވެސް އަމަލެއް މަނީ ލޯންޑަރިންގެ ކުށެއްގެ ތެރެއަށް ފެތޭ ގޮތެއް ބަޔާންކޮށްފައެއް ނުވާ ކަމަށް އާސިފް ވިދާޅުވެއްޖެ އެވެ.
13:19
21/07/2019
ދިފާއީ ވަކީލް އާދަމް އާސިފް ވިދާޅުވީ އެބޭފުޅުން ފާހަގަކުރަނީ ދައުވާގެ ސީޢާގައި މައްސަލަތަކެއް ހުރި ވަހަކަ ކަމަށެވެ.
13:17
21/07/2019
ދައުލަތުން ދެއްވި ރައްދަށް ޖަވާބުދިނުމަށް ދިފާއީ ވަކީލުންނަށް ފުރުސަތު ދެއްވައިފި އެވެ.
13:14
21/07/2019
ދައުލަތުގެ ސީނިއާ ޕްރޮސިއުޓާ އައިމިނަތު މުހައްމަދު ރައްދުގައި ވިދާޅުވީ ދައުވާކުރި މަނީ ލޯންޑަރިން ގާނޫނުގައި ކުށް ބަޔާންކޮށްފައި އޮންނަ ކަމަށާއި އެ ކަންކަން ސާފުކޮށް އެނގޭ ކަމަށެވެ.
13:11
21/07/2019
ހުށަހެޅުންތަކަށް ރައްދު ދިނުމަށް ދައުލަތަށް ފުރުސަތު ދެއްވައިފި އެވެ.
13:09
21/07/2019
ވަކީލް އަބްދުﷲ ސިޔާޒު ގެންދަވަނީ ހުށަހެޅުންތައް ކިޔުއްވަމުންނެވެ.

ހުށަހެޅުންތަކަކީ: ދައުވާ ފޯމު ސާފު ނޫން ކަން. ހަވާލާދީފައިވާ ކުށަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށް ނުވުން. އެމްއެމްއޭގެ ނިންމުމެއް ހިމަނާފައިވާ ނުވުން. އަދީބާއި ޒިޔަތަކީ ޔާމީންގެ ވެރިކަމުގައި އަދަބު ދީފައިވާ ބަޔަކަށްވާތީ އެމީހުންގެ ހަކި ބަސް ބަލައިނުގަނެވޭނެކަން.
13:08
21/07/2019
ދައުލަތުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވޭ، އެކަމަކު ދިފާއީ ވަކީލުން ވަނީ ހުށަހެޅުންތައް ހުށަހަޅާފަ އެވެ.
13:07
21/07/2019
ހައިލަމް ވިދާޅުވެފައި ވަނީ މައްސަލަ ވަގުތުން ދުރަށް ދައްކަމުން ދަނީ ފަނޑިޔާރުންގެ މަޖިލީހުން އެގޮތަށް ފާސްކޮށް، އެކުލަވާލި އުސޫލެއްގެ ދަށުން ކަމަށެވެ.
13:06
21/07/2019
ފަނޑިޔާރު ހައިލަމް ކޯޓު ރޫމަށް ވަދެވަޑައިގެން މައްސަލަ ފައްޓަވައިފި އެވެ.
13:06
21/07/2019
ކޯޓު އޮފިސަރު މިހާރު ގެންދަވަނީ އަޑުއެހުން ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ޝަރީއަތުގެ މަޖިލީހުގައި އަމަލު ކުރަން ޖެހޭނެ ގޮތްތައް ދަނީ އިއްވަމުންނެވެ.
13:05
21/07/2019
މިއަދު ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދަވަނީ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް އެވެ.
13:05
21/07/2019
ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މި އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދެ ވަކީލުންނެވެ.
13:04
21/07/2019
ޔާމީނާއެކު ތިން ވަކީލުން ހިމެނޭ ގާނޫނީ ވަކީލުންގެ ޓީމެއް އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
13:04
21/07/2019
އަޑުއެހުން ބާއްވާ ކޮޓަރިއަށް ޔާމީން ވަދެވަޑައިގެންފި އެވެ.
13:03
21/07/2019
ޔާމީނާ ދެކޮޅަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން ދައުވާ އެވެ. ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި ފަނަރަ އަހަރާއި ދެމެދު ޖަލު ހުކުމެއް އަންނާނެ އެވެ.
13:02
21/07/2019
ޝަރީއަތުގެ އަޑުއެހުން ފެށުމަށް މިހާރު ވަނީ ބައެއް ނޫސްވެރިން ވެސް އަޑުއެހުން ބާއްވާ ކޮޓަރިއަށް ވައްދާފަ އެވެ.
13:01
21/07/2019
މައުލޫމާތު ލިބޭ ގޮތުގައި ޔާމީން ކޯޓަށް ވަޑައިގެންނެވީ ގާނޫނީ ވަކީލުންގެ ޓީމާއެކުގަ އެވެ.
މިއަދު ޓީވީން ލައިވް ކުރަން ހަމަޖެހިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގެންފި އެވެ.
މިއީ ރާއްޖޭގައި ތާރީހުގައި ވަގުތުން ޓީވީން ދައްކާނެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމެވެ. އެ މައްސަލަ 12:45 ގައި ފެށުމަށް ތާވަލު ކުރި ނަމަވެސް އަދި ފަށާފައެއް ނުވެ އެވެ.

އާއްމު ގޮތެއްގައި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް ފަށަނީ ތާވަލުކޮށްފައިވާ ގަޑިއަށް ވުރެ ލަހުންނެވެ. ރައީސް ޔާމީން ކޯޓަށް ވަޑައިގެންނެވިއިރު ބައެއް ސަޕޯޓަރުން އެމަނިކުފާނުގެ ގެކޮޅު ކައިރީގައި ތިއްބެވި އެވެ.

އެކަމަކު ކްރިމިނަލް ކޯޓު ކައިރީގައި އެއްވެސް ބަޔަކު ތިބި ކަމުގެ މައުލޫމާތެއް ނުލިބެ އެވެ. ކުރިން އެ އަޑުއެހުން ފެށުމަށް ތާވަލުކޮށްފައި އޮތީ މިއަދު 11:45 ގަ އެވެ.

އިދާރީ މައްސަލައަކާއި ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލް ކުރުމަށްފަހު ވަނީ ކެންސަލުކޮށްފަ އެވެ. އެދުވަހު ކޯޓުގައި އޮތީ ބައެއް ލިޔެކިޔުންތަކުގައި ސޮއި ކުރުން ކަމަށް ވަކީލު އާދަމް ޝަމީމް ސީއެންއެމް އަށް ވިދާޅުވި އެވެ.

އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ބޭއްވި ޝަރީއަތް ނިންމާލާފައި ވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅަންޖެހޭ ހުށަހެޅުންތަކަށް 10 ދުވަސް ދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދުމުން އެ 10 ދުވަސް ދިނުމަށްފަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ ކޮށްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަ ފޮނުވި އެއް މިލިއަން ޑޮލަރުން މަންފާ ހޯދައި، މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.
ހިޔާލު

ހުވަދޫ

އާދަމް އާސިފް ފަނޑިޔާރުނަށް ރިޝްވަތު ހުށަޙެޅި ޒަމާން ދަނީ!