Account ah jamaakuri 1 million dollar dhakkan evves idhaaraa akun angaafaeh nuvey: Raees Yameen
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން--
0 ކޮމެންޓް
 

ދައުލަތުގެ އެއްވެސް އިދާރާއަކުން ފައިސާ ދޭން އެދިފައެއް ނެތް: ރައީސް ޔާމީން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕިއާރުސީ)ގެ ބޮޑު ހިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑާ ކުރުމުގެ ދައުވާއާއި ގުޅިގެން އެދައުވާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަވާބުދާރީވެއްޖެ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އެމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާ ހުށަހެޅުމާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ އެދައުވާއަކީ ކުރިއަށް ގެންދެވޭ ދައުވާއެއް ނޫން ކަމަށްބުނެ ފަސް ކަމެއް ހުށަހަޅާފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ވިދާޅުވެ ރައީސް ޔާމީން ވެސް ވަނީ އެދައުވާއާ ގުޅިގެން ވާހަކަ ދައްކަވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދޭން ޖެހޭ ފައިސާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުން ހޯދުމަށް 2015 ގައި އެދުނު ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އެސްއޯއެފް އެކައުންޓުން އެމަނިކުފާނަށް ފައިސާ ޖަމާކުރިކަން އެނގުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ގުޅުމުން ކަމަށެވެ. އަދި އެ އެއްމިލިއަން ޑޮލަރަކީ ކޮރަޕްޝަނުގެ އަމަލެއްގެ ތެރެއިން، ނުވަތަ ދައުލަތުގެ ފައިސާއެއްތޯ ބަލާ ތަހުގީގު ކުރުމަށް އޭސީސީގައި އެދުނުކަމަށް ވިދާޅުވި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ އެއްމިލިއަން ޑޮލަރު އަނބުރާ ދައުލަތަށް ދައްކަން އޭސީސީން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އެދިފައި ނުވާކަމަށެވެ. އަދި އެއީ ޝައްކު ކުރެވޭ ފައިސާކަމުން، އޭސީސީން ތަހުގީގެއް ހިންގަމުންދާތީ، އޭސީސީއާއެކު އެކްސްކްރޯ އެކައުންޓެއް ހުޅުވި ކަމަށެވެ. ނަމަވެސް އެކްސްކްރޯ އެކައުންޓަށް އެފައިސާ ޖަމާނުކުރީ ގާނޫނީ ހުރަހެއް އޮތުމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފަކީ އެމަނިކުފާނު ދަންނަ ކުންފުންޏެއް ނޫން ކަމަށެވެ. އަދި ގޮތް ނޭނގޭ ފައިސާ ޖަމާވުމުން އެކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ވެސް އެނގުނު ކަމަށާއި އެކަމަކު އެ ފައިސާ ކްރެޑިޓްވުން އެއްވެސް އިދާރާއަކުން ހުއްޓުވާފައި ނުވާ ކަމަށް ޔާމީނު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެގުމުގައި ދައުލަތުން ވަނީ އެ އެއް މިލިއަން ޑޮލަރަކީ ގއ. އަތޮޅުގެ ފަޅުރަށެއް ވިއްކައިގެން ހޯދި ފައިސާކަން ވެސް ހާމަކޮށްފަ އެވެ. އަދި އެ އެއް މިލިއަން ޑޮލަރު، މޯލްޑިވްސް އިސްލާމިކް ބޭންކު އެކައުންޓެއްގައި ނަހައްޓައި، އެ ފައިސާއިން މާލީ ފައިދާއެއް ރައީސް ޔާމީނަށް ލިބިދޭ ގޮތަށް އިސްލާމީކް ބޭންކާދެމެދު އެއްބަސްވުމެއް ވެފައިވާ ކަމަށްވެސް ދައުލަތުން ވަނީ ފަހަގަ ކޮށްފަ އެވެ.
ހިޔާލު